ޔާސިރަކީ ޓެރަރިޒަމާ ގުޅުން ހުރި މީހެއް، ފުރައިގެން ނުދިޔައީ: މިނިސްޓަރު

އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުރި ޔަމަން މީހެއް ކަމަށްވާ ޔާސިރު ޔަހުޔާ އަކީ ޓެރަރިޒަމާ ގުޅުން ހުރި މީހެއް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އޭނާ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުންނަން ޖެހިފައި ވަނީ ރާއްޖެ ދޫކޮށް ދާން އެންގުމުން އެކަމަށް އިންކާރު ކުރަމުން ދާތީ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.


އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ ޔާސިރާ ޓެރަރިޒަމާ ގުޅުން ހުރިކަން ބައިނަލްއަގުވާމީ މީޑިއާގައި ވެސް ފެންނަން އެބަހުރި ކަމަށެވެ. އޭނާއާ ބެހޭ މައުލޫމާތު ފުލުހުންނަށް ލިބި އިމިގްރޭޝަނަން އެންގުމުން ކޮންޓްރޯލާ އަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން، ޔާސިރު ރާއްޖެ ދޫކޮށް ދާން އެންގުމުން ޕާސްޕޯޓް ފޮރުވައި، ފުރައިގެން ދާން އިންކާރުކުރީ ކަމަށް ވިދާޅުވި އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވި ގޮތުގައި ޓެރަރިޒަމްގެ ހަރަކާތްތައް ހިންގި ކަމުގެ ތުހުމަތުގައި އެކި ގައުމުތަކުގައި ޔާސިރު ހައްޔަރުކޮށް ޖަލަށް ލާފައިވެ އެވެ. ރާއްޖޭގައި ވެސް ޓެރަރިޒަމަށް ވާގިވެރިވާ ބައެއް ފަރާތްތަކާ ޔާސިރު ގުޅުން ބޭއްވި ކަން ތަހުގީގުން އެނގޭ ކަމަށް ވިދާޅުވި އެވެ.

ޔާސިރު ހުޅުމާލޭގައި: ބޮޑެތި ތުހުމަތުތަކާ އެކު އޭނާ ބަންދުކުރީ 2017 ގައި. --ފޮޓޯ/ސޯޝަލްމީޑިއާ

ޔާސިރު 2017 ވަނަ އަހަރުން ފެށިގެން އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުންނަނީ އޭނާ ދޫވެފައި ހުރެއްޖެ ނަމަ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ވެދާނެތީ ކަން ޕޮލިސް ކޮމިޝަނަރާއި ހޯމް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މާލޭގައި އަރަބި ޓީޗަރަކަށް އުޅުނު ޔާސިރު، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، ގަވާއިދާ ޚިލާފުވާ ބިދޭސީން ބައިތިއްބާ ހުޅުމާލެ ޑިޓެންޝަން ސެންޓަރަށް ގެންދިޔައީ މާޗް، 3، 2017، ގަ އެވެ. އޭނާ މީގެ ދެ މަހެއްހާ ދުވަސް ކުރިން ފެށި ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއްގެ ސަބަބުން ހާލު ދެރަވެ މިހާރު އޮތީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފަ އެވެ.

އޭނާ ހައްޔަރުކުރި އިރު، ދިވެއްސަކާއި ކައިވެނިކޮށް ދަރިއަކު ވެސް ހުރެ އެވެ.

ޔާސިރުގެ މައްސަލައިގެ ޚުލާސާ:

- ނުރައްކާތެރި ޓެރަރިސްޓުންގެ ލިސްޓުގައި ހިމެނޭކަން އެނގުނީ ރާއްޖެ އެތެރެވި ފަހުން.

- ހައްޔަރުކޮށް 30 ދުވަހުގެ ތެރޭގައި ފުރައިގެންދާން އެންގުމުން ޕާސްޕޯޓް ފުރުވީ، އަދިވެސް ނުދައްކާ.

- ރާއްޖޭގައި ތިބި ޓެރަރިޒަމަށް ވާގިވެރިވާ ފަރާތްތަކާ ގުޅުން އޮތް ކަން ތަހުގީގުން ވަނީ އެނގިފައި.

- ބޭރުގެ އެކި ގައުމުތަކުގައި ޓެރަރިސްޓް ހަރަކާތްތައް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ޖަލަށް ލާފައިވޭ.

- އޭނާގެ ހައްގެއް ނިގުޅައިގަނެ، އިންސާނީ ކަރާމާތަކަށް ގެއްލުވާނެ އެއްވެސް ކަމެއް މި ސަރުކާރުން ކޮށްފައެއް ނޯންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި.

- ޕާސްޕޯޓް ދެއްކިހާ އަވަހަކަށް އޭނާ ފުރުވާލާނެ.

"އޭނާ ފުރަން އެއްބަސްވެއްޖެ ނަމަ، އިމިގްރޭޝަން ކޮންޓްރޯލާ އަށް ލިބިދޭ ބާރުގެ ދަށުން މިއަދު ވެސް ފުރުވާލުމުގެ ހުރިހާ އިންތިޒާމްތަކެއް ހަމަޖެހިގެންދާނެ،" އިމްރާން ވިދާޅުވި އެވެ.

ސީޕީ ހަމީދު ވިދާޅުވީ ޔާސިރަކީ އެކި ގައުމުތަކުގައި ޓެރަރިޒަމްގެ އަމަލުތަކާ ގުޅިގެން އެތައް ދުވަހަކު ޖަލުގައި ހޭދަކޮށްފައިވާ މީހެއް ކަމަށާއި ރާއްޖޭގައި އުޅޭ ޓެރަރިޒަމާ ގުޅުން ހުރި ކަމަށް ބެލެވޭ ބައެއް މީހުންނާ ވެސް އޭނާއާ ގުޅުން އޮންނަކަން ފުލުހުންނަށް އެނގޭ ކަމަށެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ ތަހުގީގީ އިދާރާތަކުން ވެސް ޔާސިރާ ބެހޭ މައުލޫމާތު ދީފައި އެބަހުރި ކަމަށް ވިދާޅުވި އެވެ.

"ޔަމަންގައި، އޮމާންގައި ޕާކިސްތާން އަދި މެލޭޝިއާގައި މި ފަރާތް [ޔާސިރު] ވަނީ ޓެރަރިސްޓް އެކި ހަރަކާތްތަކާ ގުޅިގެން ހައްޔަރުކުރެވި ބަންދުކޮށް ޖަލުގައި ގިނަ ވަގުތު ހޭދަކޮށްފައި،" ހަމީދު ވިދާޅުވި އެވެ.

"ރާއްޖޭގައި ވަޒީފާއަދާކުރަމުން ދިޔައިރު ވެސް ދިވެހި މާހައުލުގައި މި ހިމެނޭ ޓެރަރިޒަމަށް ވާގިވެރިވާ، ޓެރަރިސްޓު ހަރަކާތްތަކުގައި ބައިވެރިވާ ކަމަށް އަޅުގަނޑުމެން ދަންނަ ފަރާތްތަކާ ގުޅުންތަކެއް ބާއްވަމުން ދިޔަ ކަން ފުލުހުންގެ މުއައްސަސާ އަށް އެނގޭ."

އޭނާގެ ނުރައްކާތެރިކަން ބައިނަލްއަގުވާމީ ސަލާމަތާ ބެހޭ މުއައްސަސާތަކުން ފޯރުކޮށްދީފައިވާ ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.

ޔަމަންގެ ހަނގުރާމައާ ގުޅިގެން އެ ގައުމުގައި މިހާރު ސަރުކާރެއް ނެތެވެ. އެހެންވެ އެ ގައުމުން ޔާސިރާ ބެހޭ މައުލޫމާތު ހޯދައި ހަވާލުކުރުމުގެ މަސައްކަތް ވެސް ވަނީ ނުކުރެވިފަ އެވެ.

ކަރެކްޝަނަލް ސާވިސްގެ ދަށުން ޔާސިރު ބަލަހައްޓަމުން އަންނަ އިރު، މިނިސްޓަރު ވިދާޅުވި ގޮތުގައި އޭނާގެ އިންސާނީ ހައްގަކަށް އުނިކަމެއް އަންނަ އެއްވެސް ކަމެއް މިހާތަނަށް ކޮށްފައެއް ނޯންނާނެ އެވެ. އެނާ ބަހައްޓާފައި ވަނީ ބެހެއްޓެން އޮތް އެންމެ ލުއިކޮށް ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.