ބަނޑުހައިހޫނުކަމުގެ ހަޅުތާލާ ގުޅިގެން ޔަމަން މީހާ އެޑްމިޓްކޮށްފައި، އަދިވެސް ގޮތްދޫނުކުރޭ!

މީގެ ދެ އަހަރު ކުރިން ރާއްޖޭގެ އިމިގްރޭޝަންގެ ބަންދަށް ގެންދިޔަ ޔަމަންގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހުޔާ، ދެ މަސް ވަންދެން ކުރި ބަނޑުހައިހޫނު ކަމުގެ ހަޅުތާލާ ގުޅިގެން އައިޖީއެމްއެޗުގައި އެޑްމިޓްކޮށް، ފަރުވާ ދެމުން އެބަގެންދެ އެވެ.


މާލޭގައި އަރަބި ޓީޗަރަކަށް އުޅުނު ޔާސިރު، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، ގަވާއިދާ ޚިލާފުވާ ބިދޭސީން ބައިތިއްބާ ހުޅުމާލެ ޑިޓެންޝަން ސެންޓަރަށް ގެންދިޔައީ މާޗް، 3، 2017، ގަ އެވެ. ޖަލުގައި ދެ މަހެއްހާ ދުވަހުގެ ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ފެށީ އޭނާގެ މައްޗަށް ދައުވާއެއް އުފުލުމެއް، ޝަރީއަތެއް ކުރުމެއް ނެތި ބަންދުކޮށްގެން ގެންގުޅޭ މައްސަލައިގަ އެވެ.

ހަމައެކަނި ދިޔާއެއްޗެހި ބޮއޮގެން ދެ މަސް ހޭދަކުރި ޔާސިރު އައިޖީއެމްއެޗުގައި މީގެ ދެ ހަފުތާ ކުރިން އެޑްމިޓްކުރީ ހާލު ދެރަވެ އަނބުރައިގަނެގެން ވެއްޓުމުންނެވެ. އެ ހަޅުތާލުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ބާރު ދަށްވެ، ހަށިގަނޑު އަނަރޫފަ ވެފައިވާ ޔާސިރު އަދިވެސް އެ ހަޅުތާލު ހުއްޓާލާކަށް ބޭނުމެއް ނުވެ އެވެ.

މައުލޫމާތު އެނގޭ، ބައެއް ބޭފުޅުން "މިހާރު" އަށް ވިދާޅުވީ އައިވީ ގުޅާފައި އޮތް ނަމަވެސް ޔާސިރު އަދިވެސް ބޭނުންވަނީ ގޮތް ދޫނުކޮށް ހަޅުތާލު ކުރިއަށް ގެންދިއުމަށެވެ. ޔާސިރު ކުރަނީ އިންސާފު ހޯދުމުގެ ހަޅުތާލެއް ކަމަށް އޭނާއާ ގުޅުން އޮންނަ ބައެއް މީހުން ސޯޝަލް މީޑިއާގައި ލިއެފައިވެ އެވެ.

އެ މީހުން ދެކޭ ގޮތުގައި ގާނޫނުތަކާ ޚިލާފަށް ބަންދުކޮށް ޔާސިރަށް ދެމުން ދަނީ ލާއިންސާނީ އަނިޔާތަކެކެވެ. މި މައްސަލައިގައި ސަރުކާރުން ޒިންމާ ނަގައި، ޖަވާބުދާރީވާން ގޮވާލައި ސޯޝަލްމީޑިއާގައި އެ މީހުން އަޑުއުފުލަ އެވެ.

ދިވެއްސަކާއި ކައިވެނިކޮށް ހުޅުމާލޭގައި ދިރިއުޅުނު ޔާސިރު އެހާ ދުވަހު ޖަލުގައި ގެންގުޅުނު ސަބަބެއް ނޭނގެ އެވެ. އޭނާގެ ދަރިއަކު ވެސް ހުރެ އެވެ.

ޔާސިރު ހުޅުމާލޭގައި: ބޮޑެތި ތުހުމަތުތަކާ އެކު އޭނާ ބަންދުކުރީ 2017 ގައި. --ފޮޓޯ/ސޯޝަލްމީޑިއާ

ޔާސިރުގެ ހަޅުތާލާ ގުޅިގެން "މިހާރު" އިން އިމިގްރޭޝަނަށް ކުރި ސުވާލުތަކަށް އަދި ޖަވާބެއް ނުލިބެ އެވެ.

ތުހުމަތެއް ނޭނގެ، "ގައުމީ ސަލާމަތަށް ނުރައްކާ"!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޔާސިރު ބަންދަށް ގެންދިޔަ ސަބަބު އޭރު ހާމައެއް ނުކުރެ އެވެ. އެކަމަކު އޭނާ ބަންދުކުރީ، ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން، ދިވެހި ސަރުކާރުން ތައްޔާރުވަމުން އައި ދަނޑިވަޅުގަ އެވެ.

އޭރު އަޑު ފެތުރުނު ގޮތުގައި ޔާސިރު ހައްޔަރުކުރީ ޓެރަރިޒަމާ ގުޅުން ހުރި ތުހުމަތުތަކެއްގަ އެވެ. އޭނާ އަށް އަދިވެސް އެ ތުހުމަތު ކުރެ އެވެ. އެކަމަކު އޭނާގެ އަންހެނުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

ޔާސިރު ބަންދުކުރުމާ ގުޅިގެން އަންހެނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޭނާ އާއި ވަކީލަށް ވެސް އެންގުމަކާ ނުލައި ޔާސިރުގެ ބަޔާންތަކެއް ނެގި ކަމަށެވެ. އޭގެ ތެރޭގައި، އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އާއި ފުލުހުން ހިމެނޭ ކަމަށް ބުނެ އެފްބީއައި އިން ބަޔާން ނެގި ސަބަބާ މެދު އޭނާ ސުވާލު އުފައްދާފައިވެ އެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ޔާސިރަށް އެކި ގޮތްގޮތުން ބިރު ދައްކައިގެން ކަންތައްތަކަށް އެއްބަސް ކުރުވަން މަސައްކަތް ކުރި އެވެ. އޭނާގެ ވިސާ ކެންސަލްކޮށް، ހަނގުރާމަ ހިނގަމުންދާ ޔަމަނަށް އޭނާ އާއި އާއިލާ ފޮނުވާލަން އިމިގްރޭޝަނުން މަސައްކަތް ކުރި ކަމަށް ވެސް އަންހެނުން އޭރު ތުހުމަތު ކުރި އެވެ.

"ޔާސިރު ހައްޔަރު ކުރަން ގެނައި ވޮރަންޓްގައި، އެއީ ގައުމީ ސަލާމަތަށް ނުރައްކާވާތީ ކަމަށް ލިޔެފައި އޮޮތަސް ޔާސިރަކީ މި ގައުމުގެ އެއްވެސް ގާނޫނަކާ ޚިލާފް އެއްވެސް ކަމެއްގެ ރެކޯޑެއް ނެތް، ގާނޫނާ އެއްގޮތަށް ކައިވެނި ކޮށްގެން މި ގައުމުގައި ފަސް އަހަރު ވެފައިވާ އަދި މާލޭގެ ޕަބްލިކް ސްކޫލެއްގައި އަރަބި ލެންގުއޭޖް ކިޔަވައި ދެމުންދާ މުދައްރިސެކެވެ،" ޔާސިރުގެ އަންހެނުން މިދިޔަ އަހަރު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ޔާސިރުގެ ބަންދާ ގުޅޭ ގޮތުން މި ސަރުކާރުން ވެސް މާބޮޑު ތަފްސީލު ހާމަނުކޮށް ބުނެފައި ވަނީ އޭނާއާ ގުޅޭ ގޮތުން "ސީރިއަސް ކަންތައްތަކެއް" ހުރި ކަމަށެވެ.

ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިންގެ ސުވާލުތަކާ ގުޅިގެން މިނިސްޓަރު އިމްރާން އަބްދުﷲ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވިދާޅުވެފައި ވަނީ ޔާސިރާ ބެހޭ ގޮތުން އާއްމުވެފައި ވަނީ އެންމެ ރަނގަޅު މައުލޫމާތު ނޫން ކަމަށެވެ. އެކަމަކު އެ މައުލޫމާތު ރަނގަޅުކޮށެއް ނުދެއްވަ އެވެ.

"..މި ވަގުތަށް އެ މައުލޫމާތު ހާމަކޮށްދިނުމަކީ އަޅުގަނޑަށް ހީވާ ގޮތުން އަޅުގަނޑުމެންގެ އަމަންއަމާންކަމާއި ރައްކާތެރިކަމަށް ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް ހުރި މައްސަލައެއް،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ރާއްޖެ އިން ނުދާން ޕާސްޕޯޓް ފޮރުވީ!

ރަސްމީ އިދާރާތަކުން ކަށަވަރުކޮށް ނުދިން ނަމަވެސް މައުލޫމާތު އެނގޭ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، ޔާސިރު ރާއްޖެ އެތެރެވީ ގަވާއިދާ އެއްގޮތަށެވެ. އެކަމަކު އޭނާ އަކީ "ނުރައްކާތެރި" މީހެއް ކަން އިމިގްރޭޝަން އެނގުނީ އެތެރެވި ފަހުންނެވެ.

އެ ހިސާބުން ނޯޓިސްދީ، އޭނާގެ ވިސާ ކެންސަލްކޮށް، ފުރައިގެންދާން 1 މަސް ދުވަހުގެ މުއްދަތެއް އިމިގްރޭޝަނުން ދިނެވެ. އެކަމަކު ޔާސިރު ވަނީ ފުރަން އިންކާރުކޮށްފައި ކަމަށް ވެ އެވެ.

އެނގިފައިވާ ގޮތުގައި އެނބުރި ގައުމަށް ނުދާން އޭނާ ވަނީ ޕާސްޕޯޓް ނެތް ކަމަށް ބުނެ "ފޮރުވައިފައި" ކަމަށް ތުހުމަތު ކުރެ އެވެ. އޭނާ ފޮނުވައި ނުލެވި އޮތް ހުރަހަކީ އެއީ އެވެ. ބަނޑުހައިހޫނުކަމުގެ ހަޅުތާލު ފެށީ ރާއްޖެ އިން ފުރައިގެންދާން ބޭނުން ނުވާތީ ކަމަށާއި އެއްބާރުލުން ދޭ ނަމަ ވަގުތުން ފޮނުވާލެވޭނެ ކަމަށް "މިހާރު"އާ ވާހަކަ ދެއްކި ސަރުކާރުގެ ބައެއް ބޭފުޅުން ވިދާޅުވި އެވެ.

ޔަމަނުގައި ހިނގަމުން ދިޔަ ދާޚިލީ ހަނގުރާމައާ ގުޅިގެން އެ ގައުމުގައި މިހާރު ސަރުކާރެއް ނެތެވެ. އެ ހަނގުރާމަ ނިމުނު އިރު ގިނަ އަދަދެއްގެ ބަޔަކު މަރުވެ، ތިން މިލިއަނަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިފަ އެވެ.