ލުތުފީ ފިލި މައްސަލައިގައި ދައުވާކުރަން ފޮނުވައިފި

ކުށެއް ނެތް އެތައް ދިވެހިންނެއްގެ ލޭ އޮހޮރުވާލައި ޖަލު ހުކުމަށް ފިލައިގެން އުޅުނު މައްސަލައިގައި އަބްދުﷲ ލުތުފީގެ މައްޗަށް ދައުވާ ކޮށްދޭން ޕްރޮސިކިއުޓަ ޖެނެރަލް (ޕޖީ)ގެ އޮފީހަށް ފޮނުވައިފި އެވެ.


އޭނާ އަކީ މީގެ 31 އަހަރު ކުރިން، ނޮވެމްބަރު، 3، 1988، ގައި ރާއްޖެ އަށް ދިން އުދުވާލީ ހަމަލާގެ މޭސްތިރި އެވެ.

އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ލުތުފީ ފިލި މައްސަލައިގައި ދައުވާކުރަން ފޮނުވުން ލަސްވަނީ ކީއްވެތޯ ނޫސްވެރިއަކު އެހުމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ތަހުގީގު ނިންމައި މައްސަލަ އޮތީ ޕީޖީގައި ކަމަށެވެ.

ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފިއްލެވި މައްސަލައިގައި ދައުވާ އުފުލާފައިވާ އިރު، ލުތުފީ މައްސަލައިގެ ތަހުގީގު ލަސްވީ ކީއްވެތޯ ކުރި ސުވާލަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ފިއްލެވި ކަމަށް އަދީބު ވަނީ އިއުތިރާފްވެވަޑައިގެންފައި ކަމަށެވެ. އެހެންވެ އެއީ ތަހުގީގު ކުރިއަށް ގެންދަން އަވަސްވި ސަބަބެއް ކަން ފާހަގަކުރެއްވި އެވެ.

ލުތުފީ ފިލީ، ބޭސްފަރުވާ އަށް 2010 ގައި އިންޑިއާ އަށް ފޮނުވާލުމުންނެވެ. ނުވަ އަހަރު ވަންދެން ފިލައިގެން އުޅުމަށް ފަހު ސްރީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އަށް ލުތުފީ ދިޔައީ މިދިޔަ މެއި މަހުގެ 1، ގަ އެވެ.

އޭނާ ރާއްޖެ ގެނެސް މިހާރު ހުރީ މާފުށީ ޖަލުގަ އެވެ. ފިލައިގެން ނުގޮސް ލުތުފީ ޖަލުގައި ހުރި ނަމަ، 2014 ގައި އޭނާ މިނިވަންވީހެވެ.

ލުތުފީ މަރަން ހުކުމް ކުރި ނަމަވެސް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އެ ހުކުމް އުމުރު ދުވަހަށް ބަދަލުކޮށްފަ އެވެ. އޭރު ރާއްޖޭގެ ގާނޫނު އޮތް ގޮތުން އުމުރު ދުވަސް ކަމަށް ބަލަނީ 25 އަހަރެވެ.

ލުތުފީއާ އެކު ނޮވެމްބަރު 3 ގެ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވެ، ޓެރަރިސްޓުންނާ އެކު މާލެ އެރި، އަނެއް ޚާއިނު، ސަގަރު އަހުމަދު ނާސިރު މިހާރު ވަނީ މިނިވަންވެފަ އެވެ.