ގައުމީ އެއާލައިން މޯލްޑިވިއަން އިން ސްޕޮންސަކޮށްގެން ތިން ދިވެހިން މައުންޓް އެވަރެސްޓަށް އެރުމަށް ތައްޔާރުވެއްޖެ އެވެ.

މޯލްޑިވިއަން އިން ސްޕޮންސަކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗެއާޕާސަން އަދި ވިޔަފާރިތަކަށް ހާއްސަ ކޮންސަލްޓެންސީގެ ހިދުމަތް ދޭ އެފްޖޭއެސް ކޮންސަލްޓިންގެ ވެރިޔާ ފަރީހާ ޝަރީފް، އެފްޖޭއެސްގެ ސީއީއޯ ހާމިދު ސޯދިގު އަދި ޔޫއެންޑީޕީގައި މަސައްކަތްކުރާ އަބްދުﷲ ވަހީދު އެވެ.

ފަރުބަދަ ފަދަ ތަންތަނަށް އެރުމުގެ އެއްވެސް ތަޖުރިބާ ނެތް މި ތިން މީހުން މިހާރު ނޭޕާލް އަށް ގޮސްފައިވާ އިރު، ފުރުމުގެ ކުރިން ވަނީ ރާއްޖޭގައި ތަމްރީންތަކެއް ހަދައިފަ އެވެ. އެގޮތުން، މާލޭ ޓްރެކް ދަނޑުގައި ދުވުމާއި އިތުރު ކަސްރަތުތައް ވެސް ކޮށްފައިވެ އެވެ.

ފަރީހާ އާއި ހާމިދު އަދި ވަހީދު ދިއުމަށް ހަމަޖެހިފައިވަނީ ނޭޕާލްގެ ވެރިރަށް ކަތަމަންޑޫ އިން ފްލައިޓުގައި ލޫކާ އަށެވެ. އެއީ ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ އެވަރެސްޓަށް އެރުމަށް ފެށުމުގެ ކުރިން މީހުން އާންމުކޮށް މަޑުކޮށްލައިގެން ތިބޭ ޓައުންއެކެވެ.

ދަތުރާއި ތިބުމާއި އެނޫން ވެސް ހުރިހާ ހަރަދެއް ހަމަޖައްސާ މޯލްޑިވިއަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ފަރީހާ އާއި ހާމިދު އަދި ވަހީދު އެވަރެސްޓަށް އެރުމުގެ ދަތުރު އަންނަ އާދިއްތަ ދުވަހު ހެނދުނު ފަށާނެ ކަމަށެވެ. އެ ދަތުރު، "#MaldivianAtEverest" ހޭޝްޓެގްގެ ދަށުން ފޭސްބުކް އާއި ޓްވިޓާ މެދުވެރިކޮށް ދިވެހިންނަށް ގެނެސްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މޯލްޑިވިއަން ޖަހާފައިވާ ޓީޝާޓް ލައިގެން އެ މީހުން ތިބޭ އިރު، އެފަދަ ބެނާ އާއި އެހެން ބައެއް ތަކެތި ވެސް ބޭނުންކުރާނެ އެވެ.

"އަޅުގަނޑުމެންގެ މަގްސަދަކީ އެޑްވެންޗާ ޓޫރިޒަމްގެ ތެރޭގައި ހިމެނޭ މިކަހަލަ ކަންކަމަށް ދިވެހިންގެ ޝައުގުވެރިކަން އިތުރުކުރުން،" އޮފިޝަލް ވިދާޅުވި އެވެ.

ފަރީހާ އާއި ހާމިދު އަދި ވަހީދު އެރުމަށް ހަމަޖެހިފައިވަނީ އެވަރެސްޓްގެ ބޭސް ކޭމްޕާ ހަމައަށެވެ. ކަނޑުގެ ލޮނުގަނޑުން ފެށިގެން 5،364 މީޓަރު (17،598 ފޫޓް) އުސް އެތަނަކީ އެވަރެސްޓް ހިމެނޭ ހިމާލަޔާ ފަރުބަދަތަކަށް އެރުމުގައި އެންމެ ގިނައިން ބޭނުންކުރާ މަގެވެ.

މީގެ ކުރިން ވެސް ބައެއް ދިވެހިން ވަނީ އެވަރެސްޓްގެ އެކި ހިސާބުތަކަށް އަރައިފަ އެވެ.