ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް
09 އޮކްޓޯބަރ 2019 - 12:46
މީގެ ކުރިން ރާއްޖޭގައި އުފެދިފައި ނުވާ ކަހަލަ ބަހުސެއް ކުއްލިއަކަށް އިއްޔެ ފެންމަތިވެއްޖެ އެވެ: ހުށައަޅާ ބިލްތައް ޑްރާފްޓްކުރާނީ މަޖިލިހުންތޯ ނުވަތަ ސަރުކާރުންތޯ އެވެ؟ ނޫން ނަމަ ސަރުކާރުން ފޮނުވާ ކަހަލަ ބިލެއް އަނެއްކާ އެމްޑީޕީން ވެސް ފޮނުވާފާނެ ހެއްޔެވެ؟
މި ބަހުސް އުފެދުނީ އިއްޔެގެ ޖަލްސާ ފައްޓަވަމުން ކުރީގެ ރައީސް އަދި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަކުންނެވެ. އެމަނިކުފާނު ވިދާޅުވީ "އެމްޑީޕީން ހުށައަޅަން ބޭނުންވާ ބިލްތަކާއި ސަރުކާރުން ހުށައަޅަން ބޭނުންވާ ބިލްތައް މިއީ ދާދި އެއް ބިލްތަކެއް" ކަމަށެވެ.
އެމަނިކުފާނުގެ އެ ވާހަކަފުޅަށް ފަހު ދެން އެނގުނީ ސަރުކާރުން މަޖިލިހަށް ފޮނުވަން ބޭނުން ބިލްތަކެއް ސީދާ ރަައްޔިތުންގެ މަޖިލިހުން ޑްރާފްޓްކުރަން ފެށިކަމެވެ. އޭގެ ތެރޭގައި އިންކަމް ޓެކްސް ބިލާއި މިނިމަމް ވޭޖްގެ ބިލް ހިމެނެ އެވެ. މިއީ ކުރިން ރައްޔިތުންގެ މަޖިލިހުން ސީދާ ކުރި ކަމެއް ނޫނެވެ.
މަޖިިލިހުގެ ކޮމިޓީތަކުން ބިލްތަައް ޑްރާފްޓްކުރަން ފެށިކަން މީޑިއާ އިން ތިލަވުމާ އެކު، ކުޅިވަރާއި ޒުވާނުންނާ ބެހޭ މިނިސްޓަރު އަދި ދެ އަހަރު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ކުރެއްވި އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ސަރުކާރުން ހުށައަޅާ ބިލްތައް ޑްރާފްޓްކުރާނީ ސަރުކާރުން، އެއީ އޭޖީ އޮފީހުން ކުރައްވާ މަސައްކަތެއް" ކަމަށެވެ.
މަހުލޫފްގެ ޓްވީޓަށް ފަހު ދެން އައީ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ ޓްވީޓެކެވެ. އޭނާ ވިދާޅުވި ގޮތުގައި ސަަރުކާރުން މަޖިލިހަށް ހުށައަޅާ ބިލްތަކަކީ، "ސަަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އެ ތަންފީޒުކުރާނެ ހަމަތައް ބަޔާންކުރާ އެއް ވަސީލަތެވެ".
"ނަޒާހަތްތެރި މަޖިލީހަކުން އެ ފުރުސަތު ސަރުކާރަށް ފަހިކޮށްދޭނެ އެވެ،" ރިފްއަތު ލިއުއްވި އެވެ.
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާ ބިލްތަކަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އެތަންފީޛުކުރާނެ ހަމަތައް ބަޔާންކުރާ އެއް ވަޞީލަތެވެ. ނަޒާޙަތްތެރި މަޖިލީހަކުން އެފުރުޞަތު ސަރުކާރަށް ފަހިކޮށްދޭނެއެވެ.
— I.Riffath (@ibriffath) October 8, 2019
އެމްޑީޕީ އަކީ ސަރުކާރު ހިންގާ މައި ޕާޓީއަށް ވެފައި އަދި ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީ އޮތީ އެމްޑީޕީއަށް ކަމަށް ވުމުން، ސަރުކާރާއި އެމްޑީޕީން އެއް ކަހަލަ ބިލްތަކެއް މަޖިލިހަށް ފޮނުވުމަކީ، ނުވަތަ ފޮނުވަން އުޅުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް، މަޖިލިހުގެ ބައެއް މެމްބަރުން ވެސް ދެކެވަޑައިގަނެ އެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލިހުގެ ރައީސް ނަޝީދާއި ސަރުކާރާ ދެމެދު، ބިލްތަކުގެ މައުލޫއުގައި ހިޔާލު ތަފާތުވުންތަކެއް އުފެދުނީތޯ ވެސް ސުވާލު އުފެދުނެވެ.
އެކަމަކު މަޖިލީހުގެ ގާނޫނީ ކޮމިޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ މަޖިލިހުން ބިލްތައް ޑްރާފްޓްކުރުމުގައި "އެޓާނީ ޖެނެރަލްގެ ޝަކުވާއެއް ނެތް" ކަމަށެވެ.
"މި މަސައްކަތް މިގޮތަށް ކުރަން ފެށީ މަސައްކަތް އަވަސްކުރަން ވެގެން. އެޓާނީ ޖެނެރަލްގެ އޮފީހުން ހުރިހާ ބިލްތައް ޑްރާފްޓްކުރާ ނަމަ އެކަމަށް ތަންކޮޅެއް ވަގުތު ހޭދަވާނެ. މިކަން މިހެން ކުރާކަށް ގާނޫނީ ހުރަހެއް ވެސް ނެތް،" އިންތި ވިދާޅުވި އެވެ.
މީގެ ކުރިން ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބިލްތައް ޑްރާފްޓްކުރަނީ އެކަމާ ގުޅޭ މިނިސްޓްރީތަކާއި އެޓާނީ ޖެނެރަލްގެ އޮފީހުންނެވެ.
އިންތި ވިދާޅުވީ މަޖިލީހުގެ ތެރޭގައި ބިލްތައް ޑްރާފްޓް ކުރުމުގައި ވެސް އޭޖީގެ ބައިވެރިވުން ފުރިހަމަޔަށް ލިބޭ ކަމަށެވެ. އަދި ބިލްތައް ޑްރާފްޓްކުރުމުގެ މަޝްވަރާތައް ކުރަނީ ކަމާ ގުޅޭ މިނިސްޓްރީތަކާއި އޭޖީ އޮފީހުގެ ގާނޫނީ ބޭފުޅުން އެއް ތަނެއްގައި ތިއްބަވައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމަކު މި މައްސަލާގައި، ރިފްއަތުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
އިންތި ވިދާޅުވީ މަޖިލީހުން ބިލްތައް ޑްރާފްޓްކުރުމުގެ މަސައްކަތް ފެށި ނަމަވެސް މަޖިލިހުގައި އިންސާނީ ވަސީލަތުގެ ދަތިކަން އެބަ އޮތް ކަމަށެވެ. އެކަމަކު މަޖިލީހުގެ އިދާރީ ބޭފުޅުންގެ ތެރެއިން ގާނޫނީ ބޭފުޅުންގެ އެހީތެރިކަން އެ މަސައްކަތަށް ލިބެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ބިލްތައް ޑްރާފްޓްކުރަން ރައްޔިތުންގެ މަޖިލިހުގައި މިހާރު ވަނީ ސަބް ކޮމިޓީތަކެއް ވެސް އެކުލަވާލައިފަ އެވެ. އެގޮތުންް ސަބް ކޮމިޓީ ނަގާފައި ވަނީ ޑްރާފްޓްކުރާ ބިލަކާ ގުޅުން ހުރި ކޮމިޓީއެއްގެ ތެރެއިންނެވެ.
މަޖިލީހުގެ އިގުތިސާދީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ އެ ކޮމިޓީން މިހާރު ވަނީ ވަޒީފާ ހޯދަން އުޅޭ މީހުންނަށް އިނާޔަތް ލިބޭ ބިލާއި މިނިމަމް ވޭޖްގެ ބިލް ޑްރާފްޓް ކުރަން ފަށާފައި ކަމަށެވެ.
"އަޅުގަނޑުމެން މިހާރު އިގުތިސާދީ ކޮމިޓީން ސަބް ކޮމިޓީއެއް ނަގައިގެން މިކުރަނީ އެ މަސައްކަތް،" ބޮންޑޭ ވިދާޅުވި އެވެ.
ނަޝީދު އިއްޔެ ވިދާޅުވި ގޮތުގައި އެމްޑީޕީން 20 ބިލެއްގެ މަސައްކަތް ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ. އަދި ސަރުކާރުން ވަނީ 34 ބިލެއްގެ ލިސްޓެއް މަޖިލިހަށް ފޮނުވާފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މި ބިލްތަކުގެ ތެރޭގައި ހިމެނޭ އެއްގޮތް ބިލްތަކުގެ ތެރެއިން މަޖިލިހަށް ހުށައަޅާނީ ކޮން ބައެއްގެ ބިލެއް ކަމާ މެދު، އެމްޑީޕީ އާއި ސަރުކާރުން އެއްބަސްވުމަކަށް އަންނަން ޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެތެރޭހަސަނު
10 October 2019
ރާއްޖެތެރެއަށް މަޖުލީހު ގިނަ މެމްބަރުން ނިސްބަތްވަނީ އެކަމު ގިނަ މެމްބަރަކީ މާލޭގަ ބުރިބުރިއަށް ގެތައް ހަދައި ކުއްޔަށްދީ، ބޮޑެތި ވިޔަފާރިތައް އުފައްދާ ބަޔެއް، ޚައްސަކޮށް މަޖުލީހުގަ ނަގާ ވޯޓުތަކަށްފަހު ގޯތި ގަންނާނެ ލާރި ލިބޭ، އެމީހުންގެ ބިމާ ކުއްޔަށްދޭ ތަންތަނާ، ވިޔަފާރިތައް މާލޭ މީހުންގެ ތަންތަނަށްވުރެ މާލޭގައި ގިނަ، ދެން ކިހިނެއް ރާއްޖެތެރޭ މީހުން މާލެދިޔުން މަދުވާނެގޮތަކަށް އެތިބެ "ރާއްޖެތެރޭ އެމްޕީން" ތާއީދުކުރާނީ
ކިލާސް
10 October 2019
ބަންޑާރަ ނައިބަކީ ްްްްް ްްްްްްްްްްްްްްްްް ގާނޫނޫ ހަދާ މީހާއެއް ނޫން. ޢެއީ ސަރުކާރަށް ގާނޫނީ ލަފާދީ ސަރުކާރު ގެ މައި ވަކީލު
ކިލާސް
10 October 2019
ދިވެހިރާއްޖޭގެ ް ގާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބެނީ މަޖިލިހަށް. އެ ގާނޫނުތައް ތަންފީޒުކުރާނީ ވެރިކަން ހިންގުމުގެ ބާރުން. މާނަކުރާނީ ފަނޑިޔާރުގެއިން. އެއް ތަނުން އަނެއް ތަނަށް ދިއުޅި ނުބޭނީމަ ނިމުނީ
ދަންނަ ނުދަންނަ
09 October 2019
މަޖިލީހަށް ބިލެއް ނުލިޔެވޭނެ. ބިލް ލިޔަންވާނީ ބިލް ހުށަހަޅާ ފަރާތުންް. މަޖިލީހުން ކުރަންޖެހޭ ކަމަކީ ބިލް އިސްލާހުކުރުމާއި ބިލް ފާސްކުރުން. ނުވަތަ ފާސް ނުކޮށް ބޭރުކޮށްލުން. މަޖިލީހުގެ އެއްވެސް މީހަކަށް ދައުލަތަކަށް ގާނޫނީ ލަފައެއް ނުދެވޭނެ. ދައުލަތަށް ގާނޫނީ ލަފާ ދިނުމަކީ އެޓަރނީޖެނެރަލްގެ މަސްއޫލިއްޔަތެއް. ޙުކުމް ކުރުމަކީ ކޯޓުތަކުގެ މަސްއޫލިއްޔަތެއް. ޑިމޮކްރަސީގެ ނަމުގައި ހުރިހާ ކަމެއް އޮޅުވާލަނީ.
ފަޅޯ
09 October 2019
ކައިގެނޭ ފުރާނީ، ނުކައެއް ނުފުރާނަމޭ. އެހެން ދޯ ތިޔަކިޔަނީ... ބޯހަލާކު
ޖަމަލު
09 October 2019
އަންނިއަށް ވެރިކަން ނުލިބެނީހެއް ތިއެއް ހަމނޭވާ ލެވިޔަކަށް ނުދޭނެ
ހަސަންބެ.
09 October 2019
ފެންނަނީ ރައީސުލްޖުމްހޫރީޔާ އާއި އެމްޑިޕީގެ ރައީސް އަދި މަޖިލިސްގެ ރައީސް އާއި ދޭތެރޭ ހުރި ދުރުމިން.
، ރައްޔިތުންގެބާރު!
09 October 2019
ސަރުކާއޮންނާނީ މަޖިލީހުގެ ދަށުގަ، މަޖިލީހުގަ ތިބޭނީ ރައްޔިތުންގެ ހާދިމުން، ރައްޔިތުންގެބާރު! ސަރުކާރަކީ ރައްޔިތުން ހެދިގޮތަކަށް އޮންނަނެޖެހޭ އޮނިގަންޑެއް!
ނެގުނުކަތީބު
09 October 2019
މުސްކުޅިން ބުނެއުޅެތޭ އެއް އުރައެއްގައި ދެކަނޑިއަކަށް ނޯވެވޭ ހުއްޓޭ؟؟؟؟؟
އަލީރާޖާ
09 October 2019
ސަރުކާރުގެ ވައުދުތަކާއި ގުޅޭ ބިލުތައް މަޖިލީހުން އަމިއްލައަށް ހެދުމަކީ ރަގަޅު ކަމެއް ނޫން. މަޖިލީހުގެ މެންބަރުންނަށްވެސް ބިލުތައް ހުށަހެޅުމުގެ ހައްގު އޮންނާނެ. އެކަން އެމީހުންވެސް ކުރަންވީ.
ފެނުކައްކާބޮލި
09 October 2019
މަޖިލީހުގެ ދާއިރާ މަޖިލީހަށް އޮޅިގެން މިހާރު ތިއުޅެނީ. ޑިމޮކްރަސީގެ ނަމުގައި އަނެއް ފަހަރު ގައުމު ފުޑާލަނީ.