އިންކަމް ޓެކްސްގެ އަދަދު ކަނޑައަޅާފައި ވަނީ އެމްޑީޕީގެ ވައުދާ ހިލާފަށް!

އިންކަމް ޓެކްސް ނަގާ އާމްދަނީގެ އެންމެ ދަށް ސީލިންގެ ގޮތުގައި 40،000ރ. ސަރުކާރުން ކަނޑައެޅުމުން، އެކަމާ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން މަޝްވަރާކުރަން ފަށައިފި އެވެ.


މި އަހަރު ބޭއްވި މަޖިލީހުގެ އިންތިހާބު ދުވަސްވަރު އާންމުކުރި "އެޖެންޑާ 19" ގައި އިންކަމް ޓެކްސް ނަގާނީ މަހަކު 60،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުން ކަމަށް ބުނެ އެކަން އާންމުކޮށްފައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕް މެމްބަރު، އަދި ރައްޔިތުންގެ މަޖިލިހުގެ އެސްއޯއީ ކޮމިޓީގެ މުގައްރިރު އިލްޔާސް ލަބީބު ވިދާޅުވީ މުޅި ޓެކްސްގެ ނިޒާމް ވަށައި ޖެއްސުމަށް އިންކަމް ޓެކްސް އަކީ ވަރަށް މުހިއްމު ޓެކްސްއެއް ކަމަށެވެ. "އެޖެންޑާ 19" ގައި އިންކަމް ޓެކްސް ނަގާ މީހުންގެ ގޮތުގައި 60،000ރ. އަށް ވުރެ މަތިން ކަނޑައަޅަން ނިންމީ މިޑްލް އިންކަމް ލިބޭ މީހުން ނުހިމަނާ، އެންމެ ބޮޑެތި އާމްދަނީ ލިބޭ މީހުން ހިމަނަން ކަމަށް އޭނާ ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ މާލޭގައި ރަނގަޅު ދިރިއުޅުމެއް އުޅުމަށްޓަކައި ގާތްގަނޑަކަށް މަހަކު 50،000ރ. ގެ އާމްދަނީއެއް ބޭނުންވާ އިރު، އެވަރުގެ އާމްދަނީއެއް ގިނަ މީހުން ހޯދަނީ، ދެ ވަޒީފާ އަދާކޮށްގެން ކަމަށެވެ.

"މިހާރު މާލޭގައި ކުލި ދައްކާފައި، އާއިލާގެ ކަންކަން ހަމަޖައްސައިގެން ކިރިއާ އުޅެވޭ މީހުންގެ އަތުން މި ޓެކްސް ނެގީމާ ވަރަށް ބޮޑަށް ދަތިވާނެ. އާންމުކޮށް ހަމަޖެހިގެން މާލޭގައި ދިރިއުޅެވޭނީ 50،000ރ. ގެ އާމްދަނީއެއް ލިބޭ މީހުން. އެހެންވީމަ 40،000ރ. އިން ޓެކްސް ނަގާ ނަމަ ކޮންމެވެސް ވަރަކަށް އެ ވަރުގެ އާމްދަނީއެއް ލިބޭ މީހުންނަށް އުނދަގޫވާނެ،" އޭނާ ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ 60،000ރ. އާމްދަނީ ލިބޭ މީހުންގެ ތެރޭގައި މަޖިލީހުގެ މެންބަރުންނާއި ވަޒީރުންނާއި ކުންފުނިތަކުގެ އެންމެ އިސް ވެރިން ވެސް ހިމެނޭނެ ކަމަށެވެ.

އާމްދަނީ 40،000ރ. އަށް ވުރެ ބޮޑު ނަމަ އިންކަމް ޓެކްސް ދައްކަން ޖެހޭ ގޮތަށް ސަރުކާރުން ހުށައަޅަނީ، އެއަށް ވުރެ ބޮޑު އާމްދަނީއަކުން ޓެކްސް ނަގަން ނިންމައިފި ނަމަ، ދައުލަތަށް ލިބޭ އާމްދަނީ ކުޑަވެ، އިންކަމް ޓެކްސް ނެގުމުގެ ކަންކަމަށް ދާ ހަރަދާއި ލިބޭ ފައިދާއާ ބައްދަލު ނުވާނެތީ ކަމަށް ބުނެފައިވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

މިހާރު ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުން އިންކަމް ޓެކްސް ދައްކަން ޖެހޭ މީހުންގެ އަދަދު އުޅޭނީ ގާތްގަނޑަކަށް 6،000 ގަ އެވެ.

ޕްރޮގްރެސިވް ޓެކްސް ނިޒާމަކަށް ދާ އިރު ތިން ރޭޓެއްގައި ޓެކްސް ނަގަން ނިންމާފައިވެ އެވެ.

މީގެ ތެރެއިން 40،000ރ. އާއި 60،000ރ. ގެ އާމްދަނީ ލިބޭ މީހުން އިންކަމް ޓެކްސް އަށް ދައްކަން ޖެހޭނީ އަށް ޕަސެންޓެވެ. އެކަމަކު އެއީ ފުރަތަމަ 40،000ރ ކެނޑުމަށް ފަހު ދެން ލިބޭ އާމްދަނީއަކުންނެވެ. މިހާރު ކަނޑައަޅާފައިވާ ގޮތުން 60،000ރ. އާއި 100،000 އާ ދެމެދުގެ އާމްދަނީއެއް ލިބޭ ނަމަ 10 ޕަސެންޓް އަދި 100،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުން 15 ޕަސެންޓްގެ އިންކަމް ޓެކްސްއެއް ދައްކަން ޖެހޭނެ އެވެ.

ރާއްޖޭގައި 40،000ރ. އާއި 60،000ރ.އާ ދެމެދުގެ އާމްދަނީއެއް ލިބޭ މީހުންގެ އަދަދަކީ ގާތްގަނޑަކަށް 2،600 އެވެ.

މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އަށް ލިބިފައިވާ އިރު އިންކަމް ޓެކްސްގެ އަދަދު ކަނޑައެޅުމުގައި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާކޮށް، އެކަން އެންމެ ފުރިހަމައަށް ކުރެވޭނެ ގޮތްތައް ބަލާނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.