އަންހެން ކުދިން ބާރުވެރި ކުރުވުމުގެ ދުވަހާ ގުޅިގެން، ސުޕްރީމް ކޯޓްގެ އަންހެން ދެ ފަނޑިޔާރުންގެ މިއަދުގެ މަސައްކަތުގައި ދެ އަންހެން ދަރިވަރަކު މިއަދު ބައިވެރި ކޮށްފި އެވެ.
'އިންޓަރނޭޝަނަލް ޑޭ އޮފް ދަ ގާލް ޗައިލްޑް' ދުވަސް ފާހަގަ ކުރުމަށް އަންހެނުން އިސްނަގަން ގޮވައިލާ އަންނަނީ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ އެކު މަސައްކަތުގައި ބައިވެރިވެފައިވަނީ ރާއްޖޭގައި ތައުލީމް ހާސިލް ކުރާ ދެ އަންހެން ދަރިވަރެކެވެ.
ސުޕްރީމް ކޯޓުގެ އަންހެން ދެ ފަނޑިޔާރުން ކަމަށްވާ އަޒްމިރާލްދާ ޒާހިރާއި އާއިޝާ ޝުޖޫން މުހައްމަދު މިއަދު މަސައްކަތް ކުރެއްވިއިރު އެ ދެ އަންހެން ކުދިން ވަނީ އެ މަސައްކަތްތަކުގައި ބައިވެރިވެފަ އެވެ. މިއަދު އޮތް ދެ ޝަރީއަތެއްގެ އަޑު އެހުމަށްވެސް އެ ދެ ކުދިން ވަނެވެ.
އެ ދެ އަންހެން ދަރިވަރުންނާ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަހުމަދު އަބްދުﷲ ދީދީ ވެސް ބައްދަލު ކުރެއްވި އެވެ.
އަންހެނުން ބާރުވެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ރާއްޖޭގައި ވެސް އަންނަނީ ކުރަމުންނެވެ. ސުޕްރީމް ކޯޓަށް އަންހެން ދެ ފަނޑިޔާރުން ދާދި ފަހުން ހަމަަޖައްސާފައިވާއިރު އެއީ ވެސް ރާއްޖޭގެ ތާރީހުގައި އަލަށް ކުރި ކަމެކެވެ.