ނިއުޒީލެންޑުގައި މިއަދު ބޭއްވި ކައުންސިލް އިންތިޚާބުގައި ދިވެއްސަކު ވާދަކޮށް، އެ އިންތިޚާބު ކާމިޔާބު ކޮށްފި އެވެ.
ނިއުޒިލޭންޑުގެ ހަޓް ސިޓީ ކައުންސިލަށް އަމިއްލަ ގޮތުން ކުރިމަތިލެއްވި ޝާޒްލީ ރަޝީދާ އެކު، އެ ސިޓީ އަށް 11 ކައުންސިލަރަކު އިންތިޚާބުކޮށްފައި ވެ އެވެ.
އެ ގައުމުގެ 90 އަށް ވުރެ ގިނަ ސިޓީ އަށް ކައުންސިލަރުން އައްޔަން ކުރުމަށް ބޭއްވި އިންތިޚާބު ކާމިޔާބުކުރެވުމާ އެކު، ޝާޒްލީ އޭނާގެ ފޭސްބުކްގައި ވަނީ ވޯޓުދިން އެންމެންނަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ހަޓް ސިޓީގެ ކަންކަން އިތުރަށް ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ނިއުޒީލެންޑުގެ އަމިއްލަ ވިޔަފާރިއެއް ވެސް ހިންގަވާ ޝާޒްލީ ކުރިން ވިދާޅުވެފައި ވަނީ އޭނާގެ އަމާޒަކީ ހަޓް ސިޓީގައި ވިޔަފާރީގެ ފުރުސަތުތައް ހުޅުވި، އިތުރު އިންވެސްޓްމަންޓްތައް ލިބުން ކަމަށެވެ.
ލައްކަ އަކަށް ވުރެ ގިނަ މީހުން އުޅޭ ސިޓީގައި ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށް ދިނުން ވެސް އޭނާގެ އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ވިދާޅުވި އެވެ.
ޝާޒްލީ އަކީ ނިއުޒީލެންޑުގައި އާއިލާއާ އެކު ދިރިއުޅުއްވާތާ ވިއްސަކަށް އަހަރު ވެފައިވާ ބޭފުޅެކެވެ.