ވިސްނުންތެރިކަމާ އެކު ކަންކަން ނުކޮށްފި ނަމަ ހަރާބުގެ އައްސޭރިއަކަށް ރާއްޖެ ހިނގައިދާނެ: ނަޝީދު

ވަރަށް ވިސްނުންތެރިކަމާއި ބުއްދިވެރިކަމާ އެކު ކަންކަން ނުކޮށްފި ނަމަ ހަރާބުގެ އައްސޭރި އަކަށް ރާއްޖެ ހިނގައިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.


އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން ނަޝީދު ވިދާޅުވީ، އެކި ކަންކަމުގައި ހިޔާލު ތަފާތުވުންތައް އުފެދުނު ނަމަވެސް އެންމެންނަށް އެކުގައި އުޅެވެން ޖެހޭނެ ކަމަށެވެ. އެންމެންނަށް އެކެއްގެ ހިޔާލަކީ ހަޖަމް ނުކުރެވޭ ހިޔާލަކަށް ވެ، އެއާ އެކީގައި ނޫޅެވޭ ހިސާބަށް ދިއުމަކީ ހިޔާލު ތަފާތުވުމުގެ ސަބަބުން ހަމަނުޖެހުން އުފެދޭ ހިސާބު ކަމަށާއި އެ ދިމާއަށް ދިއުމަށް އެއްވެސް މީހަކު ބޭނުން ނުވާނެ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު ކަމަކީ ރަނގަޅާ ނުބައިގެ ތަފާތެވެ. ހާއްސަކޮށް ދީނާ ގުުޅޭ ކަންކަމުގައި ރަނގަޅާއި ގޯހާ ގުޅޭގޮތުން ވަރަށް ގިނަ ގޮތްގޮތަށް ވާހަކަ ދައްކާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ، މީގެ ކުރިން ތައުލީމް ދިޔާނާ ފޮތުން ދީނީ ކަންކަން ދަސްކޮށްގެން ދިވެހިން އުޅުނަސް މިހާރު ރަނގަޅު ގޮތް ކިޔައިދެމުން އަންނަނީ އެހެން ގޮތަކަށް ކަމަށެވެ.

"މިއަދު ރަނގަޅާއި ނުބައިގެ ކަންތައްތައް އިންތިހާ އަށް ގޮސް، އަޅުގަނޑުމެންގެ ތެރޭގައި އެއްބަޔަކު އަނެއް ބަޔަކަށް ވަރަށް އަނިޔާވެރި ވާހަކަ ދައްކަން ފަށައިފި. އޭނާ އެއީ ގޯސް މީހަކަށް ވާތީ އޭނާ އަށް ހަދަންޖެހޭ ގޮތަކީ މިއީ އޭ. އެކަމަކު އޭނާ ހަގީގަތުގައި ދެކެ ހުރީ އޭނާ އަކީ ރަނގަޅު މީހެއް ކަމަށް. އަދި އެތައް ކިތަންމެ ބަޔަކު ވެސް ދެކޭ އޭނާ އަކީ ރަނގަޅު މީހެއް ކަމަށް،" ދަރުބާރުގޭގައި ބޭއްވި ހަފުލާގައި ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރީތިކޮށް ހުންނަ ގައުމުތައް، ބަޑިވަރުން ފުރި އިމާރާތްތައް ވެއްޓިފައިވާ މަންޒަރު ޓީވީން އަބަދު ފެނެ އެވެ. ގާތައް އެތައް މިތަނަށް އުކައި، ސަފުސަފަށް ނިކަމެތި ރައްޔިތުން ނުކުމެ އެތަންމިތަނަށް ދާތަން ފެންނަ ކަމަށާއި އެ މަންޒަރު ރާއްޖޭގެ ވެރިރަށް މާލެ އިން ނުފެނިދާނެ ކަމަށް އެއްގޮތަކަށް ވެސް ހިތަށް އަރުވައިގެން ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"... ބިކަ ހާލުގައި ކުޑަކުދިން މައިންބަފައިގެން އުރުގައި ރޮމުން ދާތަން، އެއްގޮތަކަށް ވެސް އަޅުގަނޑު ދަންނަވާނީ ހިތަަށް ނާރުވައްޗޭ އެ މަންޒަރު މި މާލެ އިން ނުފެނިދާނެ ކަމަށް. ވަރަށް ބުއްދިވެރި ކަމާ އެކީގައި ވަރަށް ވިސްނުންތެރި ކަމާ އެކީގައި އަޅުގަނޑުމެންގެ ކަންކަން ނުގެންގޮސްފި ނަމަ އަޅުގަނޑަށް ފެންނަ ފެނުމުގައި މި ހަރާބުގެ އައްސޭރި އަށް ތިބޭފުޅުންގެ ޖީލު، ތިކުދިންގެ ޖީލު ގޮސްދާނެ،" ނަޝީދު ވިދާޅުވި އެވެ.

ސަލާމަތުގެ އައްސޭރި އަކަށް ރާއްޖެ ގެންގޮސް ދިނުމަކީ އެބޭފުޅުންގެ ޒިންމާއެއް ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ "މި ތިބީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައި" ކަމަށެވެ. މިއަދު ނިންމާ ނިންމުން ބަޔާން ކޮށްދޭނީ ގައުމު ދާނެ ތަނާއި ރައްޔިތުންގެ ދިރިއުޅުމަށް ވާނެ ގޮތް ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ފެންނަ ހިޔާލު ގޯސްވެގެން އެކަމާ ޖަދަލުކުރަން އަދި އޭގެ ރަނގަޅު ގޮތް ބުނެދޭން ވެސް ކިތަންމެ ބަޔަކު ނުކުންނާނެ ކަމަށެވެ.