ބޮޑެތި އަދަދުން ބަދަލު ދޭ ގޮތް އޭސީސީން ބަލަނީ

ކުރީގެ ސަރުކާރުތަކުން ގާނޫނާ ޚިލާފަށް އުވާލި އެއްބަސްވުންތަކަށް ދައުލަތުން މާލީ ބޮޑެތި ބަދަލުތަކެއް ދެމުންދާ ގޮތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.


ރައީސް އޮފީހުގައި އޮންނަ ސެޓްލްމެންޓް ކޮމިޓީ އަށް ހުށަހެޅި މައްސަލަތައް ނިންމައި މިހާތަނަށް ދައުލަތުން ވަނީ އެކި ފަރާތްތަކަށް ބިލިއަަނަކަށް ވުރެ ގިނަ ރުފިޔާ ދައްކައިފަ އެވެ. މީގެ އިތުރުން ބައެއް ކުންފުނިތަކަށް ބޮޑެތި އަދަދުތަކުން ބަދަލު ދޭން ނިންމާފައިވާ އިރު، ސަރުކާރުން މި ބަދަލު ދެމުން އަންނަ ގޮތާ މެދު ގިނަ ބައެއްގެ ކަންބޮޑުވުން އެބައޮތެވެ.

އޭސީސީގެ އާ މެމްބަރުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި "މިހާރު" އިން ކުރި ސުވާލަކާ ގުޅިގެން ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ ދައުލަތުން ބަދަލު ދެމުން އަންނަ ގޮތް ބަލަމުން އަންނަ ކަމަށެވެ. މެމްބަރުން އިސް ނަގައިގެން އެ މައްސަލަ ބަލަމުން އަންނަ އިރު، ބަދަލު ދޭ ގޮތާ ގުޅޭ ގޮތުން ޝަކުވާތަކެއް ވެސް އޭސީސީ އަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މައްސަލަ ބަލަމުން އަންނާތީ ވަކި އެންގުމެއް ނުވަތަ ފިޔަވަޅެއް މިހާތަނަށް އަޅާފައެއް ނުވާނެ،" ޝިއުނާ ވިދާޅުވި އެވެ.

މެމްބަރު އިބްރާހިމް ޝަކީލް ވިދާޅުވި ގޮތުގައި މިހާތަނަށް ބަދަލު ދީފައި ވަނީ ނުވަތަ ބަދަލުގެ ގޮތުގައި ދޭން އެއްބަސްވެފައި ވަނީ ބޮޑެތި އަދަދުތަކެއް ކަމުގެ ޝަކުވާ ކުރަމުން ދިއުމާ ގުޅިގެން ކޮންމެ ސެޓްލްމެންޓެއް ވެސް ވަކިވަކިން ބަލަން ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. އެއީ، ދައުލަތުން ފައިސާ ދޫކޮށްފައި ހުރީ ބަލަންވާ ވަރަށް ބަލައި އެންމެ ރަނގަޅަށްތޯ ކަށަވަރު ކުރަން ކަމަށް ވިދާޅުވި އެވެ.

"ބޮޑު އެއް މައްސަލަ ގޮތުގައި ތަހުގީގު ކުރި ނަމަވެސް ވަކިވަކިން ހުރިހާ ސެޓްލްމަންޓެއް ބަލާނެ،" ޝަކީލް ވިދާޅުވި އެވެ.

މިއަދުގެ ނިއުސް ބްރީފިން އަށް ފަހު، އޭސީސީގެ އާ މެމްބަރު ޝަކީލް ކޮއްޅަށް.---ފޮޓޯ: ނިޝާން އަލީ/މިހާރު

މިހާތަނަށް ގިނަ ކުންފުނިތަކަކަށް ބަދަލު ދީފައިވާ އިރު އޭގެ ތެރޭގައި ހައުސިން ޔުނިޓްތައް އަޅަން ހަވާލުކުރި ނޫމަޑި އެއްބަސްވުން އުވާލައިގެން 55 މިލިއަން ޑޮލަރާއިބޯޑާ ކޮންޓްރޯލް ސިސްޓަމެއް ގާއިމްކުރަން ވީ އެއްބަސްވުން އުވާލުމުން މެލޭޝިއާގެ ނެކްސްބިޒަށް ދިވެހި ސަރުކާރުން ދެއްކި 18.1 މިލިއަން ޑޮލަރު (280 މިލިއަަން ރުފިޔާ) އާއި ރިސޯޓު ހެދުމަށް ރަށްތަކެއް ދޭން އެއްބަސްވުމަށް ފަހު އެ ރަށްތައް ހަވާލު ނުކުރި މައްސަލައިގައި، ވިލާ ގުރޫޕްގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އަށް ދައުލަތުން ދައްކަންޖެހޭ 5.6 މިލިއަން ޑޮލަރު (130 މިލިއަން ރުފިޔާ) އާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އުވާލުމާ ގުޅިގެން ކޮންޓްރެކްޓަރުންނަށް 26.1 މިލިއަން ރުފިޔާ އަދި ކުޑަކުއްޖަކަށް ހޮސްޕިޓަލަކުން ދިން ބޭހެއްގެ ސަބަބުން އެ ކުއްޖާގެ ދެ ކަންފަތުގެ އިވުން ދާއިމީކޮށް ގެއްލުނު މައްސަލާގައި ޑޮކްޓަރުން އިހުމާލުވިކަން ސާބިތުވެ، ބަދަލުގައި ދޭން ކޯޓުން ހުކުމް ކުރި ހަތް މިލިއަން ރުފިޔާ ހިމެނެ އެވެ.

މީގެ އިތުރުން، ހުޅުމާލޭގައި ފްލެޓް އަޅަން ހަވާލުކުރި ކުންފުނިން އޮޅުވާލި މީހުންނަށް ލިބުނު މާލީ ގެއްލުމުގެ ބަދަލު ދިނުމާއި ބިޒްނަސް އިމޭޖް ގްރޫޕަށް 78 މިލިއަން ރުފިޔާ ދިނުމަށާއި ސީޖީޓީ ޕްރައިވެޓް ލިމިޓެޑަށް 22 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން ވަނީ ނިންމައިފަ އެވެ.

މި ބަދަލު ދޭން ޖެހެނީ ސަރުކާރުން ބުނެފައިވާ ގޮތުގައި ގާނޫނާ ޚިލާފަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެއްބަސްވުންތައް އުވާލުމުން އެ ނޫން ގޮތެއް ނެތުމުންނެވެ.