އާ ކޮމިޝަނުން ދިން ޔަގީންކަން: ނުފޫޒަކަށް ނުގުޑާނެ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ގެއްލިފައި އޮތް އިތުބާރު އަލުން ހޯދައިދީ، ނުފޫޒަކަށް ނުގުޑައި ކޮރަޕްޝަން ހުއްޓުވަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މެމްބަރުން މިއަދު ދެއްވައިފި އެވެ.


އޭސީސީގެ އާ މެމްބަރުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން، ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ފެއްޓެވީ އެންމެ މުހިއްމު އެއް ކަމެއްގެ ގޮތުގައި އެ ކޮމިޝަނަކީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ގޮތަށް މިނިވަންކަމާ އެކު ހިންގާ، ރައްޔިތުން އިތުބާރުކުރާ ތަނަކަށް ހެދުމަށް މެމްބަރުން އަޒުމްކަނޑައަޅާފައިވާ ކަމަށް ވިދާޅުވަމުންނެވެ. ނުފޫޒުގެ ދަށުވެ، ސަރުކާރު ހިމާޔަތްކޮށްދޭން އުޅޭ ކަމުގެ ތުހުމަތު، އެ ކޮމިޝަނަށް ކުރާނެ ޖާގަ މެމްބަރުން ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުގައި އޭސީސީ އަށް އިތުބާރު ގެއްލުނީ ސަރުކާރުގެ އެކި މިނިސްޓްރީތަކާއި ކުންފުނިތަކުން ހިންގަމުން ދިޔަ ކޮރަޕްޝަންތައް ބެލުމުގައި އިހުމާލުވެ، މަގާމުގެ ޒިންމާ ފުރިހަމަ އަށް އަދާނުކުރެއްވުމުންނެވެ.

ޝިއުނާ ވިދާޅުވި ގޮތުގައި ނުފޫޒު ފޯރުވައިގެން އެ ކޮމިޝަން ލައްވައި އެއްވެސް ކަމެއް ނުކުރެވޭނެ އެވެ.

"ކިތަންމެ ވަރަކަށް ނުފޫޒު ފޯރުވަން އުޅުނަސް އަޅުގަނޑުމެންނަށް އޮންނާނެ ދެއްތޯ އިޚްތިޔާރު އެއަށް ތަބާނުވުމުގެ. އަޅުގަނޑުމެންގެ ފަސް މެމްބަރުން އަަޒުމް ކަނޑައަޅައިގެން މިތިބީ ކިތަންމެ ވަރަކަށް އުޅުނަސް ނުފޫޒު ނުފޯރުވޭނެ ކަމަށް،" ޝިއުނާ ވިދާޅުވި އެވެ.

އޭސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު މެމްބަރު ޝަކީލް، އަނޫލާ އެކު މަޑުކޮށްލައްވައިގެން. ---ފޮޓޯ: ނިޝާން އަލީ/މިހާރު

އޭނާ ވިދާޅުވި ގޮތުގައި އޭސީސީގެ އެއްވެސް މެމްބަރަކަށް ނުފޫޒު ފޯރުވަން އުޅެފި ނަަމަ އެކަން ހާމަކޮށް އަޅަން ޖެހޭ ފިޔަވަޅެއް އަޅަން ޖެހިލުމެއް ވެސް ނުވާނެ އެވެ.

ވަކި ގޮތަކަށް މައްސަލަ ނިންމަން ނުވަތަ ވަކި މައްސަލައެއް އަވަސްކުރަން އެންގިއަސް ތަަބައެއް ނުވާނަން. އެ ކަންކަމަށް ދޭނީ ޒީރޯ ޓޮލަރެންސް. --ޝިއުނާ

ޝިއުނާ ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް ގިނަ މަސައްކަތްތައް ކުރަން ޖެހިފައިވާ ކަމަށެވެ. އެ މަސައްކަތުގައި، އެންމެ މުހިއްމު ކަމަކީ ގެއްލިފައި އޮތް އިތުބާރު އޭސީސީ އަށް އަނބުރާ ހޯދައިދިނުން ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

އޭސީސީގެ ރައީސް ޝިއުނާ، ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ކޮރަޕްޝަން ހުއްޓުވަން ގާނޫނީ އޮނިގަނޑުތަކަށް ބަދަލުގެނެސް ކުރަން ޖެހިފައިވާ މަސައްކަތް ގިނަ ކަމަށް ވިދާޅުވި. --ފޮޓޯ: ނިޝާން އަލީ/މިހާރު

ޓްރާންސްޕޭރެންސީ މޯލްޑިވްސްގައި ކުރިން މަސައްކަތް ކުރެއްވި ޝިއުނާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ ނިޒާމްގައި އެކަކު އަނެކަކަށް ނުފޫޒު ފޯރުވައިގެން ކަންކަން ކުރުމުގެ ސަގާފަތެއް އަށަގަނެފައިވާ ކަމަށެވެ. މި ސަގާފަތުގެ ތެރެއިން ކޮރަޕްޝަން އަށަގަނެފައި އޮތީ އިންތިހާ އަށް ކަން ފާހަގަކުރައްވައި ވިދާޅުވީ އެކަން ހުއްޓުވުމަކީ ބޮޑު ގޮންޖެހުމެއް ކަމަށެވެ.

އެއީ، ހަމައެކަނި އޭސީސީ އަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ އެކަން ހުއްޓުވަން ހުރިހާ މުއައްސަސާތަކުގެ އެއްބާރުލުން ދެއްވަން އޭނާ އެދިވަޑައިގަތެވެ.

"ރައްޔިތުން ތިބީ އޭސީސީގެ ފަރާތުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމުގެ އުއްމީދުގައި. އެކަމަކު ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ކޮރަޕްޝަަނަކީ އެއް ދުވަހުން ހުއްޓޭނެ ކަމެއް ނޫން އަދި އެއް މުއައްސަސާއަކަށް ޒިންމާ މަތިކޮށްފައި އޮތަސް އެެންމެ މުއައްސަސާއަކަށް ކުރެވޭނެ ކަމެއް ނޫން،" ޝިއުނާ ވިދާޅުވި އެވެ.

އޭސީސީން އިސްކަންދޭނެ ކަންކަން:

- ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް އެންމެ މުހިއްމު އެއް ކަމެއްގެ ގޮތުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި ކަންކަން ދުރާލައި ދެނެގަތުން.

- ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް ނަތީޖާ ނެރެދިނުން.

- އާއްމުންނާ ގުޅުން ހުރި ނުވަތަ އަސާސީ މައިގަނޑު ޚިދުމަތްތައް ދޭ ދާއިރާތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި ރިސްކް ކުޑަކުރުން.

- ކުރިއަށް އޮތް ފަސް އަހަރަށް ސްޓްރެޓީޖިކް އެކްޝަން ޕްލޭނެއް އެކުލަވާލުން.

- ކޮރަޕްޝަން ރިސްކް އެސެސްމެންޓްތައް ހަދައި އިސްލާހުކުރަން އެންގުން.

- އެކި ދާއިރާތަކަށް އަމާޒުކޮށްގެން ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތައް ހިންގުން.

ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތުގައި އެފަދަ އަމަލެއް ހިންގި ކަން ސާބިތުވާ މީހާ އަށް ފިޔަވަޅު އެޅުމުގެ އިތުރުން ވަރަށް ގިނަ ނިޒާމީ ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ޝިއުނާ ވިދާޅުވި އެވެ.

އޭސީސީން މަސައްކަތް ކުރަމުން އަންނަ ގޮތާއި ބަލަމުން އަންނަ މައްސަލަތަކުގެ ތަފާސްހިސާބު އެހެން މެމްބަރުން ވެސް ދެއްވި އެވެ. ޝިއުނާގެ ވާހަކަތަކަށް ބާރު ދެއްވައި އެހެން މެމްބަރުން ވެސް ދެއްވީ ނަޒާހަތްތެރި ކޮމިޝަނެއްގެ ގޮތުގައި އެތަން ދެމިއޮންނާނެ ކަމުގެ ޔަގީން ކަމެވެ.