އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސް 10،000ރ. އާ ހަމައަށް ބޮޑުކުރަން ނިންމައިފި

އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސް އެންމެ ގިނަވެގެން 10،000ރ. އާ ހަމައަށް ބޮޑުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.


އެމަނިކުފާނު އެގޮތަށް ނިންމެވީ، ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމަށް ޖެންޑާ މިނިސްޓްރީން ހުށަހެޅި ކަރުދާހާ މެދު މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ފަރާތުން އެ ކަރުދާސް ހުށަހަޅާފައި ވަނީ، އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ މާލީ އެހީގެ ޕްރޮގްރާމް މިހާރު ހިނގަމުންދާ ގޮތުން، އެހީ ހައްގުވާ ބައެއް މީހުން އިސްތިސްނާ ވަމުންދާތީ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. މީގެ ކުރިން 2016 ވަނަ އަހަރު އެ އެހީ ދޭ އުސޫލަށް ގެނައި ބަދަލާ ގުޅިގެން ވަރަށް ގިނަ މީހުން އެހީން މަހްރޫމް ވެފައިވާ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

އެހެންވެ، އަލަށް ގެންނަ އިސްލާހުތަކާ އެކު އެހީ މިހާރު ހައްގުވާ މީހުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ލިބޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކެބިނެޓުގެ މިއަދުގެ ބައްދަލުވުމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ވަޑައިގަންނަވަނީ---ފޮޓޯ: ރައީސް އޮފީސް

އެހީ ދިނުމުގެ އުސޫލަށް ގެންނަ ބަދަލުތަކުގެ ތެރޭގައި، ފަގީރުކަމުގެ ހާލަތު ކަނޑައެޅުމުގައި މިހާރު ބޭނުންކުރާ މިނިމަމް ޔުނިޓަކީ، "ގޭބިސީ" (އެއްތަނެއްގައި ކައްކައި ކައިބޮއި ނިދައި އުޅޭ އެންމެން) ކަމަށް ބެލުމުގެ ބަދަލުގައި، ފަގީރުކަމުގެ ހާލަތު ކަނޑައެޅުމުގައި ބަލާ މިނިމަމް ޔުނިޓަކީ، އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންގެ އާއިލާ ކަމުގައި ކަނޑައެޅުން ހިމެނެ އެވެ. މީގެ ކުރިން އެހީގެ މިންވަރު ކަނޑައަޅާފައި ވަނީ ކުދިންގެ މައްޗަށް ބިނާކޮށް، ކޮންމެ ކުއްޖަކަށް 1000ރ. ހިސާބު ކުރުމަށް ފަހު މަހެއްގެ މައްޗަށް އާއިލާ އަކަށް އެންމެ ގިނަވެގެން 3،000ރ. ލިބޭ ގޮތަށެވެ.

ނަމަވެސް މިއަދު ގެނައި ބަދަލުގެ ސަބަބުން، އާއިލާއަކަށް މަހެއްގެ މައްޗަށް ދެވޭނެ އެންމެ ބޮޑު އަދަދަކީ 10،000ރ. ކަމަށް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ކަނޑައަޅުއްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. މީގެ އިތުރުން މިހާރުގެ ހާލަތަށް ބަލައި "އިންކަމް ތްރެޝްހޯލްޑް" ކަނޑައަޅާނީ ޖެންޑާ މިނިސްޓްރީން ކަމަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ މާލީ އެހީ، އެކަނި ކުދިން ބަލަހައްޓާ މައިންނާއި ބަފައިންނަށް ލިބެމުން ދިޔަ ނަމަވެސް އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސް ވެސް އެފަދަ މައިންނާއި ބަފައިންނަށް ލިބޭގޮތަށް ހަމަޖެއްސުން ވެސް މި ނިންމުންތަކުގެ ތެރޭގައި ހިމެނެ އެވެ.