އާމްދަނީ ލިބޭ އެންމެންގެ އަތުން ތަފާތު ކުރުމެއް ނެތި ޓެކްސް ނަގަން ޖެހޭނެ: ގާސިމް

އާމްދަނީ ލިބޭ އެންމެންގެ އަތުން ތަފާތު ކުރުމެއް ނެތި އިންކަމް ޓެކްސް ނަގަން ޖެހޭނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.


ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖޭޕީއާ އަލަށް ގުޅުނު މެމްބަރުންގެ ފޯމު އެ ޕާޓީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ، ވަކި ބަޔަކު ބައިވެރިކޮށްގެން ނުވަތަ އިސްތިސްނާ ކޮށްގެން އިންކަމް ޓެކްސް ނެގުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި، ގައުމުގެ ފަރުދެއްގެ ހައިސިއްޔަތުން ޒިންމާތައް އަދާކުރުމުގައި އެންމެ މުއްސަނދި މީހާ އާއި ފަގީރު މީހާ ހަމަހަމަ ވާތީ އެވެ.

މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވީ، ކޮންމެ މީހަކު ވެސް ގައުމު ކުރިއެރުވުމަށްޓަކައި ގައުމުގައި ތިބި ނިކަމެތިންނާއި އުޖޫރަ ނުލިބޭ ނުވަތަ އެ ނޫން އެހެން ވެސް މަސައްކަތެއް ކުރުމަށްޓަކައި ކުރެވޭ ކަންތައްތަކުގައި ހުރިހާ އެންމެންގެ ވެސް ބައިވެރިވުން އޮންނަން ޖެހޭނެ ކަމަށެވެ. އެ ބައިވެރިވުން ހިމެނެން ޖެހޭނީ އޭނާ ވިދާޅުވި ގޮތުގައި، ވަކި ފަރުދުންގެ ތެރެއިން ވަކި މިންވަރެއް ކަނޑައެޅިފައި ތިބި ބަޔަކަށް ނޫނެވެ.

"އެންމެންގެ ވެސް ގައުމު. ހުރިހާ އެންމެންގެ ދަރިންނަށް ވެސް ބޭސްފަރުވާ ކޮށްދޭން ޖެހޭ. ހުރިހާ އެންމެންގެ ދަރިންނަށް ވެސް ކިޔަވައިދޭން ވެސް ޖެހޭ. ހުރިހާ ރަށަކަށް ބޯފެން ވެސް ދޭންޖެހޭ. ނަރުދަމާ ވެސް ދޭންޖެހޭ. މިއަދު އަޑު އިވެނީ އެކިއެކި ގަރާރުތައް ހުށަހެޅިގެން، ރައްޔިތުންނަށް ކޮށް ނުދެވި ހުރި ކަންތައްތަކުގެ ވާހަކަ އަޑު ހަރުކޮށް، އަޑަށް ބާރުލާފައި މަޖިލީހުގައި ދައްކާ ތަން،" ގާސިމް ވިދާޅުވި އެވެ.

"އެ ކަންތައްތައް ކޮށްދެވޭނީ އަޅުގަނޑުމެން މުޖުތަމައު ތަނަވަސް ބަޔަކަށް ވެގެން. ހަމަހަމަކަމާ އެކު، ކަންކަން ކުރެވޭ ބަޔަކަށް ވެގެން. ވަކި ބަޔަކު ވަކި ކަމަކުން އިސްތިސްނާވާ ހާލަތެއް ނެތި ކަންކަން އެއް އުސޫލެއްގެ ދަށުން، އެއް ހަމައެއްގެ ދަށުން ކޮށްގެން. އަޅުގަނޑު ވަރަށް ސާފުކޮށް މި ބުނަނީ. ގައުމުގެ ކޮންމެ ފަރުދަކު ވެސް އިންކަމް ޓެކްސް ނެގޭ ކަމަށް ވަންޏާ، އެ މީހަކަށް ލިބޭ އިންކަމް އަކުން ޓެކްސް ދައްކަން ޖެހޭނޭ."

ގާސިމް ވިދާޅުވީ، މަދުން އާމްދަނީ ލިބޭ ނަމަ އެ މީހަކު ދައްކަންޖެހޭ ޓެކްސް ކުޑަވާނެ ކަމަށާއި ނަމަވެސް އެކަމުގައި އެ މީހާގެ ބައިވެރިވުން ވެސް އޮންނަން ޖެހޭނެ ކަމަށެވެ.

"އެއީ ގައުމިއްޔަތަކަށްޓަކައި، ގައުމު ކުރިއަށް ގެންދިއުމަށްޓަކައި އެކަން ކުރަންޖެހޭ ގޮތް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އޭނާ ވިދާޅުވި އެވެ.

ފިހާރައަކުން ވިޔަފާރިކުރާއިރު، މުއްސަންޖަކަށް ވުމުން އަގުބޮޑުކޮށް ވަކި ނުވިއްކޭނެ ކަމަށާއި ކަންކަމުގައި ހަމަހަމަކަން ގެންގުޅެން ޖެހޭނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން މިއަދު ހުށަހަޅާފައިވާއިރު، ބިލްގައި ވާ ގޮތުން އިންކަމް ޓެކްސް ދައްކަން ޖެހޭނީ މަހެއްގެ މައްޗަށް 40،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުންނެވެ.

އާމްދަނީގެ ގޮތުގައި އުޖޫރަ އާއި ވިޔަފާރީގެ އާމްދަނީ އާއި އުފުލޭ މުދާ އަދި ނުއުފުލޭ މުދާ ކުއްޔަށް ދޫކޮށްގެން ލިބޭ އާމްދަނީ އާއި ޑިވިޑެންޑާއި އިންޓްރެސްޓާއި އެނުއިލިޓީ އާއި ޕެންޝަން އަދި ރިޓަޔަމެންޓް ބެނިފިޓާއި ބެނިޕިޝަރީންނަށް ލިބޭ އާމްދަނީ އާއި ޓެކްނިކަލް ސާވިސް ފީ އާއި ކޮމިޝަން އާއި ރޯޔަލްޓީ ވެސް ހިމެނެ އެވެ.

މިނިމަމް ވޭޖާ ގުޅޭގޮތުން ގާސިމްގެ ކަންބޮޑުވުން

މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅޭގޮތުން ގާސިމް ވިދާޅުވީ، ޕްރޮފެޝަނަލް ގޮތުގައި އެކަން ކޮށްފި ނަމަ އެއީ ރަނގަޅު ކަމެއް ކަމަށެވެ. ނަމަވެސް އެކަން ކުރެވޭ ގޮތަކުން މިނިމަމް ވޭޖަކީ ބޮޑު "ޒަހަރަކަށް" ވެދާނެ ކަމަށާއި އެކަން ކުރަން ޖެހޭނީ ވަރަށް ވިސްނުންތެރިކަމާ އެކު ކަމަށް ވިދާޅުވި އެވެ.

ވަކި ސިނާއަތަކަށް ނުވަތަ ވަކި މީހަކަށް ބުރަ އަންނަގޮތަށް މިނިމަމް ވޭޖް ކަނޑައަޅައިފި ނަމަ އެ އޮތީ ގޯސްވެފައި ކަމަށާއި އެ ހިސާބުން މުޅި އިންޑަސްޓްރީ ހަލާކުވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ނުއުފުލެވޭ ވަރުގެ ބުރައެއް އުފުލަން ނިންމައިފިއްޔާ އަޅުގަނޑުމެން ދާނީ ހަލާކުވެގެން. އަޅުގަނޑުމެންގެ އިގްތިސޯދީ އަދި އިޖުތިމާއީ ކަންކަން ވެސް ދާނީ ފުނޑުފުނޑު ވެގެން. އަޅުގަނޑުމެންނަށް ކުރިއަކަށް ނުދެވޭނެ. ގައުމަށް ލިބޭ އާމްދަނީ ދާނީ ތަފާތު އެކި ގޮތްގޮތަށް ބޭރުވެގެން،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ ވަޒީފާގައި ގިނަ ބިދޭސީން މަސައްކަތް ކުރާތީ ކަންބޮޑުވެވަޑައިގަންނަވަ އެވެ. އެކަމަކު، ވިދާޅުވީ ގައުމު މި ހިސާބަށް ގެނެސްދިނީ އެމީހުންގެ މިންނަތް މަސައްކަތުން ކަމަށެވެ.

އެންމެ މަދުން އާމްދަނީ ލިބޭ މިންވަރު ކަނޑައަޅާއިރު، ހުރިހާ ދާއިރާ އަކަށް ދާން ޖެހޭނީ އެއް ނިސްބަތަކުން އެ ބައެއްގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި އެކަން ކުރާއިރު، އަވައްޓެރި ގައުމުތަކުގައި މިނިމަމް ވޭޖް ކަނޑައަޅާފައިވާ ގޮތް ބެލޭނެ ކަމަށް ވިދާޅުވި އެވެ.

އެންމެ ކުޑަ އުޖޫރަ އަށް 8،000-10،000ރ. އާ ދެމެދު ކަނޑައަޅަން އުޅޭކަމުގެ އަޑުތައް އިވިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެވަރަށް ކަނޑައަޅައިފި ނަމަ އެބޭފުޅުން ހަލާކުވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

"އެގޮތަށް ނުވެ އަޅުގަނޑުމެން ވިސްނަން ޖެހޭނީ އިގްތިސޯދުގައި ހިފެހެއްޓޭނެ، ދެމެހެއްޓޭނެ މިންވަރަކަށް. އާދެ، އެންމެ ކައިރީގައި އޮތް އިންޑިއާ އާއި ސްރީ ލަންކާ އަދި އެނޫން ވެސް ވަށައިގެންވާ ގައުމުތަކުގައި އެކަން ކުރާ އުސޫލަކުން މިނިމަމް ރޭޓެއް ނުވަތަ އެ އަށް ވުރެ ތަންކޮޅެއް ބޮޑުވި ނަމަވެސް އަޅުގަނޑުމެންގެ ހާލަތު ދެނެގަނެގެން އަޅުގަނޑުމެން މިކަން ކުރަން ވާނީ،" ގާސިމް ވިދާޅުވި އެވެ.