އެމްޑީޕީ ޕްރައިވެޓް ލިމިޓެޑޭ އަޅުގަނޑެއް ނުކިޔާނަން: ގާސިމް

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ރައީސްކަމަށް އަލުން ކުރިމަތިލައްވަން އެ ޕާޓީގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވުމުން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހީމް މިރޭ ފާޑުވިދާޅުވެއްޖެ އެވެ.


ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖޭޕީއާ އަލަށް ގުޅުނު މެމްބަރުންގެ ފޯމު އެ ޕާޓީއާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި ގާސިމް އެގޮތަށް ވިދާޅުވީ، ޖޭޕީ އަކީ ގާސިމްގެ އަމިއްލަ "ކުންފުންޏެއް" ކަމަށް ދޭހަވާ ގޮތަށް ނަޝީދު ކުރިން ވާހަކަފުޅު ދެއްކެވުމަށް ފަހު، އެމްޑީޕީގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމެވުމުންނެވެ.

އެމްޑީޕީގެ ރައީސްކަމާއި ނައިބު ރައީސްކަމުގެ މަގާމު ހުސްވެފައިވާތީ، އެ ދެ މަގާމުގެ އިންތިޚާބު އަންނަ މަހުގެ 22 ގައި ބާއްވަން އެ ޕާޓީން ވަނީ ނިންމައި ޝައުގުވެރިވާ ބޭފުޅުން އެކަމަށް އެދި ހުށަހެޅުއްވުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފަ އެވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރި އެވެ.

ގާސިމް ވިދާޅުވީ، މިދިޔަ އޭޕްރީލް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިންގައި "ޖޭޕީ ޕްރައިވެޓް ލިމިޓެޑް" އޭ ވިދާޅުވެ ނަޝީދު ފާޑުވިދާޅުވި ކަމަށާއި ނަމަވެސް މިހާރު ފެންނަނީ އެމްޑީޕީގެ ރައީސްކަމުގެ އިތުރު ދައުރަކަށް ކުރިމަތިލައްވަން އުޅުއްވާ ތަން ކަމަށެވެ. އެކަމަކު އެމްޑީޕީ އަކީ ނަޝީދުގެ އަމިއްލަ ކުންފުންޏެއް ކަމަށް ދޭހަވާ ގޮތަށް "އެމްޑީޕީ ޕްރައިވެޓް ލިމިޓެޑް" އޭ ވިދާޅުވެ، ނަޝީދަށް އަމާޒު ކުރައްވައި ބަސްތައް ވިދާޅުވާން ބޭނުން ނުވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދު އޮންނަ ގޮތުން، އެ ޕާޓީގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮވިވަޑައިގަންނަވާ ބޭފުޅަކީ އެމްޑީޕީގެ އެންމެ އިސްބޭފުޅާ ކަމަށް ވިޔަސް ނަޝީދު މިހާރު އަމަލުކުރައްވާ ގޮތާ މެދު ސުވާލު އުފެދޭ ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި، ހަމަޖެހޭ ދިރިއުޅުމެއް އުޅެން އެންމެން ވެސް މަސައްކަތް ކުރާނެ އެވެ. އަދި ވިދާޅުވީ، ފުރުސަތުތައް ހުރި ދިމާއަކަށް އެންމެން ވެސް ދާނެ ކަމަށާއި އެ ދާ ދިއުމުގައި އެ މީހުންނަށް ނިސްބަތްކޮށް "ކުނި" ލެއްގުމާއި "ރަސްކަލުންނޭ" ކިޔައި ފާޑުކިޔުމުގެ ޖާގައެއް ނޯންނާނެ ކަމަށެވެ.

ގާސިމް އެހެން ވިދާޅުވީ، ފަހަކަށް އައިސް ޖޭޕީއާ ގިނަ ބަޔަކު ގުޅެމުން އަންނައިރު، އެއީ ބޭކާރު ބައެއް ކަމަށް ދޭހަވާ ގޮތަށް "ވެމްކޯ" ކިޔައިގެން ދައްކާ ވާހަކަތަކާ ގުޅިގެން ކަމަށް ބެލެވެ އެވެ.

ގާސިމް މިރޭ ވިދާޅުވީ، ޖޭޕީ ނުކުމެ ތިބީ ސިޔާސީ ވާދަވެރިންނާ އެއްގޮތަކަށް ވެސް ހަސަދައެއް އޮވެގެން ނޫން ކަމަށެވެ. އަދި ވިދާޅުވީ، އަބަދުވެސް ކޮނޑަށް އަތްލާނެ ކަމަށާއި ފެން އޮތް ތަނަކަށް މަސްދާނެ ކަމަށެވެ.

ގާސިމް ވިދާޅުވި ގޮތުގައި، ޖޭޕީއަށް މީހުން ފާޑުކިޔަނީ ހިތްދަތި ވާތީ އެވެ.

"އެއްވެސް މީހެއްގެ ގައިގައި ޖަހަން އުޅުނީމާ އަނެއް ދުވަހު އަންނަނީ އެ އެއްޗެއް އެމީހެއްގެ އަނގައަށޭ. ރައްޔިތުންނަކީ އެހާ ބީތާވެގެން އުޅޭބައެއް ނޫނޭ،" ގާސިމް ވިދާޅުވި އެވެ.

ސިޔާސީ ގޮތުން ޖޭޕީއަށް ވުރެ މަތީ މަގާމަށް ދެވޭނެ އެހެން ބައެއް ނެތްކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، އެ ޕާޓީގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށެވެ. އަދި ވިދާޅުވީ، މަސައްކަތް ކުރަމުން އަންނަނީ ޑިމޮކްރަޓިކް ހުރިހާ ހަމައެއް ބޭނުންކޮށްގެން ޖޭޕީ ކުރިއަށް ގެންދިއުމަށް ކަމަށެވެ.