ކަސްޓަމްސް އޮތީ "ފަހުން ހާމަކުރުމު"ގެ ސަގާފަތުގައި!

ދެ ކޮންޓެއިނަރެއްގައި އެތެރެކުރި އުޅަނދުތަކެއް، ލަކުޑިތަކެއްގެ ނަމުގައި ބޭރުކުރުމުގެ ބޮޑު ޖަރީމާ ހިންގިތާ ދެ މަސް ވަނީ އެވެ. އެކަމަކު މި ޖަރީމާ ހިންގި ކުންފުނީގެ ނަމެއް، އޭގައި ބައިވެރިވާ ކަސްޓަމްސް މުވައްޒަފުންގެ މައުލޫމާތު ސިއްރުކޮށް، ރައްޔިތުންނަށް ޖަވާބުދާރީވުމުގައި ކަސްޓަމްސް އޮތީ ފަހަތު ފަޔަށް ބަރުވެފަ އެވެ.


މިއީ ޔަގީނުން ވެސް ކަސްޓަމްސްގެ އެތެރެއިން އެހީތެރިކަން ނުލިބި ހިންގޭނެ ޒާތުގެ ޖަރީމާއެއް ނޫނެވެ. މި މައްސަލަ ފަޅާއެރުމާ އެކު ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތުގައި ކަސްޓަމްސްގެ އިސް މުވައްޒަފަކު، މީގެ މަހެއްހާ ދުވަސް ކުރިން ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ. އެކަމަކު އޭނާގެ ރޯލެއް، ވަގަށް ވެހިކަލް ބޭރުކުރި މައްސަލާގައި އޮތީ ކިހާ ވަރަކަށް ކަމެއް ނޭނގެ އެވެ.

ކޮންޓޭނަރުގެ މައްސަލަ އާއި ކޮރަޕްޝަންގެ ތުހުމަތަކަށް ސީނިއަ ސުޕްރިންޑެންޓް މުއާޒް އަލީ ވަކިކުރި މައްސަލާގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާން ހުންނެވީ ހިމޭނުންނެވެ. އޭނާ މުޅިން ވެސް ވިދާޅުވަނީ "ފަހުން ތަފްސީލް ހާމަކުރާނެ" ކަމަށެވެ.

ކަސްޓަމްސް އިން ކުރިން ބުނެފައި ވަނީ އެ މައްސަލާގައި ކަސްޓަމްސްގެ ދެ މުވައްޒަފަކު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. ނަމަވެސް މުއާޒަކީ އޭގެ ތެރެއިން މުވައްޒަފެއް ކަމެއް، މިހާތަނަށް ބުނެފައެއް ނުވެ އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް، ނުއުމާން ވާހަކަދައްކަވަނީ: އޭނާ ވިދާޅުވަނީ ފަހުން ހާމަކުރާނަމޭ! -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މަސައްކަތްކުރާނީ ދެ ފުށް ފެންނަ ގޮތަށް ކަމަށާއި މައުލޫމާތު ހާމަކުރުމުގައި ކުރީ ސަރުކާރުތަކަށް ވުރެ މާ ރަނގަޅުވާނެ ކަމަށް މި ސަރުކާރުން ތަކުރާރުކޮށް ބުނެ އެވެ. އެކަމަކު ދައުލަތުގެ ބައެއް މުއައްސަސާތަކާއި އިދާރާތަކުގެ އެތެރޭގެ ބޮޑެތި މައްސަލަތައް ރައްޔިތުންނާ ހަމައަށް ގެނެސްދޭން ބޭނުންވާ މައުލޫމާތު ދޭން ވަރަށް ގިނަ ވެރިން ދެކޮޅުހައްދަވަ އެވެ.

ނުބައި މުދަލުގެ ނަމުގައި ވެހިކަލްތައް އެތެރެކޮށް، އަަދި ވިޔަފާރި ބަނދަރުން ބޭރުކުރުމުގެ ތުހުމަތު ކުރިންސުރެ ވެސް ކުރެ އެވެ. އެކަމަކު މިއީ އެ ޖަރީމާ ހިންގާފައި ވަނިކޮށް މި ފަހުން އަތުލައިގަތް ފުރަތަމަ ފަހަރެވެ. އެހެންކަމުން މި ވަގު މުއާމަލާތުގައި ބައިވެރިވާ ކުންފުންޏާއި ކަސްޓަމްސް އާއި އެމްޕީއެލްގެ މުވައްޒަފުންގެ ބައިވެރިވުމެއް ވާ ނަމަ އެކަން އެނގެން އާންމު ރައްޔިތުން ބޭނުންވެ އެވެ.

އެ ދެ ކޮންޓޭނަަރު ވިޔަފާރި ބަނދަރުން ބޭރުކުރުމުގައި އެމްޕީއެލްގެ މައްސަލަައެއް ނެތް ކަމަށް، އެ ކުންފުނިން ވަނީ ބުނެފަ އެވެ. އެހެންކަމުން މިހާރު މުޅި މައްސަލައިގެ ފޫޅުކަނޑާފައި ވަނީ ކަސްޓަމްސް އަށެވެ.

ވަގަށް ބޭރުކުރީ ތިން ކާރާއި ދެ ޕިކަޕާއި ދެ ވޭން އަދި 14 ސައިކަލެވެ. އޭގެ ސީއެންޑްއެފް އަގު 586،000ރ. އަށް އަރަ އެވެ.

މިއީ ފާޅާއަރާ މަދު މުއާމަލާތްތަކުގެ ތެރެއިން އެއް އަމަލެވެ. ފަޅާނާރާ އަދި ކަސްޓަމްސްގެ އެތެރެއިން ހިންދާލާ އެތައް މައްސަލައެއް ކުރިމަތިވެފައިވާނެ ކަމަށް ވެސް ބެލެވެ އެވެ. ގިނަ ފަހަރަށް ތުހުމަތުކުރެވޭ މުވައްޒަފުން އެހެން ޑިޕާޓްމަންޓްތަކަށް ބަދަލުކުރުން ފިޔަވައި، މާ ބޮޑު ކަމެއް، ކަސްޓަމްސްގެ އެތެރެ ސާފުކުރުމުގެ މަސައްކަތުގައި ނުކުރެވޭ ކަމަށް ފެނެ އެވެ.

ކަރޮޕްޝަނާ ދެކޮޅަށް އަޑުއުފުލާ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ކަސްޓަމްސް ކަހަލަ އިދާރާތަކުން ކަންކަން ސިއްރުކުރުމުގެ ސަގާފަތް ފޮހެލެވޭނީ ކެރޭ، ވަކި މީހެއްގެ މޫނަށް ނުބަލައި އަދި ނުފޫޒުގެ ދަށު ވެސް ނުވާނެ ފަދަ ޝަހުސިއްޔަތުތަކެއް ތަނުގެ ވެރިންނަށް އައިސްގެންނެވެ. އެކަމަކު އެކަހަލަ ބަޔަކު މިފަހުން ކަސްޓަމްސްއާ ހަވާލުވެފައި ނުވާ ކަމަށް، ދައުލަތުގެ އިދާރާތަކުން ކޮރަޕްޝަން ފޮހެލަން ވާހަކަ ދައްކާ ބައެއް މީހުން ދެކެ އެވެ.