ސުލްހަ ގާއިމް ކުރުމަށް ރާއްޖެ އިން އެއްބާރުލުން ދޭނެ: ރައީސް

ސުލްހަ މަސަލަސްކަން ކުރިއެރުވުމުގައި ބައިނަލްއަގްވާމީ މުޖުތަމައުއާ އެކު، ރާއްޖެއިން މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.


އިއްޔެ ފާހަގަކުރި 74 ވަނަ އދ. ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއް ގައި ރައީސް ވިދާޅުވީ، އެ ދުވަސް ފާހަގަ ކުރަނީ ސިޔާސަތު ކަނޑައެޅުމާއި ގޮތް ނިންމުމުގެ ތެރެއިން ހަމަޖެހުމާއި ސުލްހަ އަށް މަގުފަހި ކުރުމުގެ އަޒުމް ވަރުގަދަ ކުރުމަށް ކަމަށެވެ. އެ ޖަމިއްޔާ އުފެއްދުމުގެ މަގުސަދުތައް ހާސިލް ކުރުމުގައި ސާބިތުކަމާ އެކު، މިހާތަނަށް ދެމިއޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ރާއްޖެ އިން އދ ގެ ޗާޓަރުގައިވާ ކަންކަމަށް އިޖާބަ ދޭނެ އެވެ.

"އދ ގެ ޗާޓަރުގެ ރޫޙާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތް ކުރުމަކީ އެ ޖަމާއަތުގައި ހިމެނޭ އެންމެހައި ގައުމުތަކަށް ލާބައާއި މަންފާ ލިބޭނެ ކަމެއް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.

ކުރިއަށް އޮތް 2030 ގެ ނިޔަލަށް ހާސިލް ކުރުމަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަކީ ފުރިހަމަ އޮނިގަނޑެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެ ލަޑުދަނޑިތަކުގެ ތެރޭގައި ހިމެނެނީ އެންމެހައި ރައްޔިތުންނަށް ހަރުދަނާ، ރައްކާތެރި، ދުޅަހެޔޮ، ސުލްހަވެރި އަދި އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމެވެ.

ރައީސް ވިދާޅުވީ، މި ލަނޑުދަނޑިތައް ހާސިލް ކުރުމުގައި ރާއްޖެ އިން ބައިވެރިވެފައިވާ މުއާހަދާތަކާއި އެއްބަސްވުންތަކާ އެއްގޮތަށް އަމަލު ކުރުމުގައި ދެމިއޮންނާނެ ކަމަށެވެ.

"މި ކަންކަން ހާސިލް ކުރުމުގައި މި ޖީލަށް ހުރި ގޮންޖެހުންތަކާ އެކުގައި ވެސް ބައިނަލްއަގްވާމީ މުޖުތަމަ އާއި ގުޅިގެން، މައުލޫމާތު ހިއްސާ ކުރެވޭ މާހައުލެއްގެ ތެރެއިން ހައްލު ހޯދުމުގައި ރާއްޖެ ދެމިއޮންނާނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ބައިނަލްއަގުވާމީ މުޖުތަމައުއާ ރާއްޖޭގެ ގުޅުން ގޯސް ވެފައިވާތީ، އެ ގުޅުން ބަދަހި ކުރުމަކީ މިސަރުކާރުގެ ވައުދެކެވެ. ވެރިކަމުގައި ހުންނަވައި ރާއްޖޭގެ ރައީސަކު އދ. ގެ އާއްމު މަޖިލީހުގައި ތަގުރީރު ނުކުރައްވާ ހަތް އަހަރު ފަހުން، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެ މަޖިލީހުގައި ތަގުރީރު ވެސް ކުރައްވާފަ އެވެ.