ފިރިމީހާ މުހައްމަދު އިސްމާއިލް (މޯޑު) އަށް އާދަޔާ ހިލާފު ގޮތްތަކެއް ވާން ފެށިކަން، އަންހެނުން އައިމިނަތު ޝަނާއަށް ފުރަތަމަ ނޯޓިސް ކުރެވުނީ މިދިޔަ ޑިސެމްބަރު މަހު އެވެ. މާ ގިނައިން ފާހާނާއަށް ދެވުމާއި ހޮޑުލެވުމެވެ. އޭރު ޝަނާ ހުރީ، ދެމަފިރިންގެ އަލަތު ދަރިފުޅު ވިހަންވެގެން މާލޭގަ އެވެ. ފިރިމީހާގެ ހާލަތު އެނގުމާ އެކު، މާލެ ގެނެސް އައިޖީއެމްއެޗުގައި ޓެސްޓްތައް ހެދި އެވެ.
މޯޑުގެ ލޭގެ ޓެސްޓްތަކުން އޭނާގެ ސިއްހީ އެއްވެސް މައްސަލައެއް ނުފެނެވެ. މޯޑުގެ އުފަން ރަށް ދ. މީދުއަށް ދެމަފިރިން އެނބުރި ދިޔައީ ޑިސެމްބަރު 26 ގައި، އަންހެނުން ވިހައިގެން ރަނގަޅުވެ، ތުއްތު ދަރިފުޅާ އެކު އެވެ. ކައިވެންޏަށް ނުވަ އަހަރު ފަހުން ލިބުނު ދަރިފުޅަކީ، ދެމަފިރިންގެ ހަޔާތުގައި އާ އުއްމީދުތަކެއް އުފެދި، އުފާވެރިކަން ބޮޑުވި ހަދިޔާއަކަށް ވިޔަސް، މޯޑުގެ ހާލަތު ގޯސްވާން ފެށި އެވެ.
މި އަހަރުގެ ފެބްރުއަރީ މަހު މޯޑު ގޮވައިގެން މާލެ އައިސް އޭޑީކޭއަށް ދެއްކީ، ހޮޑުލުމާއި ފާހާނާއަށް ދިއުން އާދަޔާ ހިލާފަށް ގިނަވެގެންނެވެ. އޭޑީކޭގައި ހެދި ޓެސްޓްތަކަށް ފަހު ޑޮކްޓަރުން ލަފާދިނީ ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގޮސް، އިތުރު ޓެސްޓްތައް ހެދުމަށެވެ.
އެ ބިރުވެރި ހަބަރު، މޯޑް، 30، އާއި ޝަނާ އަށް ލިބުނީ ކޮޗިންގެ އަމްރީތާ ހޮސްޕިޓަލްގެ ޓެސްޓްތަކަށް ފަހު އެވެ: މޯޑުގެ ސިއްހީ މައްސަލައަކީ ގޮހޮރުގެ ކެންސަރެވެ. އެއަށް ވުރެ ވެސް ހިތާމަވެރި އަދި ބިރުގަތް ހަގީގަތަކަށް ވީ، އެއީ ވަރަށް މަދުން ނޫނީ ނުޖެހޭ ބާވަތުގެ ކެންސަރަކަށް ވުމެވެ.
ކެންސަރާ ހަނގުރާމަކޮށް، ވޭނުން ފުރުނު ގާތްގަނޑަކަށް އަށް މަސް ދުވަހުގެ ހިތްވަރަކަށް ފަހު މޯޑު ދުނިޔެ ދޫކުރީ އިއްޔެ އެވެ. ދަރިފުޅަށް ބަރާބަރު 10 މަސް ވީ ދުވަހު އެވެ.
ގޮޮތް ނޭނގުނު ސިއްހީ މައްސަލައެއް؟
ޝަނާ ބުނީ މޯޑުގެ ސިއްހީ މައްސަލައިގެ ހަގީގަތް ނޭނގި ދުވަސްތަކެއް ދިޔަ ކަމަށެވެ. އަދި އެކި ޑޮކްޓަރުން އެކި ވާހަކަ ވެސް ދެއްކި އެވެ. ސިއްހީ ގޮތުން ރަނގަޅު އާދަތަކެއް ގެންގުޅުނު މޯޑަށް އެފަދަ ބައްޔެއް، ހަށިގަނޑަށް އަޅާނުލެވިގެން ޖެހުން ދުރުވާނެކަން، އޭނާ ދަންނަ މީހުންނަށް ވެސް އެނގޭނެ އެވެ. އެކަމަކު އެއީ ފަސޭހައިން ނޭނގިދާނެ ފަދަ ކެންސަރަކަށް ވުމުން، މޯޑުގެ ސިއްހީ މައްސަލަ ދިޔައީ އޭގެ ހަގީގަތް އެއްވެސް މީހަކަށް އޭރު ރޭކާނުލި ކަމެއްގެ ގޮތުގަ އެވެ.
"ގޮތް ނޭނގޭ ކަންތައްތަކެއްގައި އުޅެފައި ފިރިމީހާ ވަކިވެގެން އެދިޔައީ. ޑޮކްޓަރުންނަށް ވެސް ސީދާ ވީ ގޮތް ބުނަން ނޭނގޭ ފަހަރުތައް ދިޔަ،" ޝަނާ ބުންޏެވެ.
ޒުވާން މަސްވެރިއެއްގެ ގޮތުގައި ރަށަށް މަޝްހޫރު މޯޑުގެ އަސްލު ބަލި އެނގުނު އިރު ކެންސަރުގެ ހާލަތު ވަނީ ސްޓޭޖް ހަތަރަކަށް ބަދަލުވެފަ އެވެ. ކެންސަރު ފެތުރިފައި ހުރި މިންވަރަށް ބަލާފައި އަމްރިތާގެ ޑޮކްޓަރުން، މޯޑު ދުނިޔޭގައި ހުންނާނެ ކަމަށް، ދިނީ "އެންމެ ގިނަވެގެން ވެސް ހަތަރު އަހަރު"ގެ މުއްދަތެކެވެ.
އުފަން ރަށް ށ. ފޯކައިދޫ ދޫކޮށް ޝަނާ މީދުއަށް ބަދަލުވީ ކައިވެންޏަށް ފަހު އެވެ. މީދޫގައި ޓީޗަރެއްގެ ގޮތުން ވަޒީފާ އަދާކުރަން ފެށި އެވެ.
އިންޑިއާގައި ކީމޯ ތެރަޕީގެ ފަރުވާއަށް މޯޑު އެޕްރީލްއާ ހަމައަށް މަޑުކުރި އިރު އވެ. އޭގެ ފަހުން ކީމޯ ތެރަޕީއަށް ބޭނުންވާ ސާމާނު ހިފައިގެން މޯޑު އައިސް ހުރީ ޝަނާގެ އާއިލާގެ މީހުންނާ އެކު، ހުޅުމާލޭގަ އެވެ.
ޝަނާ އޭނާގެ ވަޒީފާއަށް މީދުއަށް ދިޔަ އެވެ. އެކަމަކު ހުޅުމާލޭ ހޮސްޕިޓަލުން ތިން ވަނަ ކީމޯ ދިނުމާ އެކު މޯޑްގެ ހާލަތު މާ ބޮޑަށް ދަށްވި އެވެ. އެއްވެސް ވަރަކަށް ކެވޭ ގޮތެއް ނުވި އެވެ. ކައިރީގައި ހުރެގެން ފިރިމީހާއަށް އަޅާލުން ނޫން ގޮތެއް ނެތުމުން، ޝަނާއަށް އެންމެ ފަހުން ޖެހުނީ ވަޒީފާ ވެސް ދޫކޮށްލާށެވެ.
ކޮންމެވެސް ވަރެއްގެ އުއްމީދެއް، ޓްރީ ޓޮޕުން!
މޯޑުގެ ހާލަތާ މެދު ޑޮކްޓަރުން އުއްމީދު ކަނޑާލި ނަމަވެސް ޝަނާ އަބަދުވެސް ބެލީ އުއްމީދުގައި ހުރެވޭތޯ އެވެ. އެހެންކަމުން ޓްރީ ޓޮޕް ހޮސްޕިޓަލަށް މޯޑް ގެންދިޔަ އެވެ. ޓެސްޓްތަކަށް ފަހު އެ ހޮސްޕިޓަލުން އުއްމީދެއް ދިނެވެ. އޭނާއަށް ޖެހިފައި ވަނީ "ކެންސަރު ނޫން" ކަމާއި ގޮހޮރަށް "ޖެހިފައި ހުރީ ޓީބީ" ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލްގެ ޑޮކްޓަރުން ބުނި ކަމަށް، ޝަނާ ކިޔައިދިނެވެ. އެހެންކަމުން އެ ހޮސްޕިޓަލްގައި މޯޑުގެ އޮޕަރޭޝެއް ކުރި އެވެ.
"އޮޕަރޭޝަންކޮށް ބެލިއިރު ފިރިމީހާގެ ބަނޑު ތެރޭގައި އޮތީ ދޮސްލާފައި. ޑޮކްޓަރު ބުނީ 20 އަހަރު ވެއްޖެއޭ އޮޕަރޭޝަން ކުރާތާ، މި ހާލަތުގައި އޮތް އިންސާނެއް ނުދެކެމޭ،" ޝަނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ފިރިމީހާގެ ހާލަތު ފެނިފައި، ޓްރީ ޓޮޕްގެ ޑޮކްޓަރުން ވެސް މާޔޫސްވި އެވެ.
އެއްވެސް ވަރަކަށް ނުކެވޭތީ ދުވަހުން ދުވަހަށް ފިރިމީހާގެ ހާލު ދިޔައީ ދަށްވަމުންނެވެ. ދެން މަސައްކަތް ކުރީ ކާ ހޮޅި ގުޅައިގެން ކާން ދިނުމަށެވެ. ނަމަވެސް ހޮޅިން ވެސް ކާން ދެވޭ ގޮތެއް ނުވި އެވެ. އަނެއްކާ އޮޕަރޭޝަނެއް ކޮށް، ކާ ހޮޅި ބަނޑަށް ލެއްވި އެވެ.
"އޭގެ ފަހުން ދެ މަސް ތެރޭ ބަރުދަން އިތުރުވާން ފެށި. ފަސް ކިލޯ އިތުރުވި،" ޝަނާ ބުންޏެވެ.
ނަމަވެސް މާ ގިނަ ދުވަހެއް ނުވި އެވެ. އަނެއްކާވެސް ހާލު ދަށްވާން ފެށި އެވެ. ކުރިއާ ހިލާފަށް ދެން ފެނުނީ އަނގައިން ލޭ ވެސް އަންނަ ތަނެވެ. ބަލަބަލާ ހުއްޓާ މޯޑު ހިކި އަނަރޫފަވި އެވެ.
އަނެއްކާވެސް އިތުރު ފަރުވާ ދެވޭތޯ ޝަނާ އުޅެގަތެވެ. މައުލޫމާތު ހޯދި އެވެ. ގޮހޮރުގެ ބަލިތަކަށް އެންމެ ރަނގަޅު އެއް ހޮސްޕިޓަލް ކަމަށް ވާ އިންޑިއާގެ ޗެންނާއީގައި ހުންނަ ގްލޯބަލް ހޮސްޕިޓަލް އިން ފަރުވާ ރަނގަޅު ކަން އެނގުނެވެ. މޯޑު އެ ހޮސްޕިޓަލަށް ގެންގޮސް ޓެސްޓްތައް ހެދީ މިދިޔަ މަހު އެވެ. ފުރަތަމަ ޓެސްޓްތަކަށް ފަހު އެ ހޮސްޕިޓަލުން ވެސް ބުނީ ކެންސަރު ނޫން ކަމަށެވެ. ނަމަވެސް ފަހުން ލިވާއިން ޓިޝޫ ނަގައިގެން ހެދި ޓެސްޓްތަކަށް ފަހު ކެންސަރުކަން ކަށަވަރުކުރި އެވެ.
މި ހުރިހާ ކަމަކުން ދައްކައިދިނީ، މޯޑުގެ އަސްލު ބަލި ދެނެގަތުމާއި ކަށަވަރުކުރުމުގައި ސުވާލުތަކެއް މެދުވެރިވި ކަމެވެ. އެކި ޑޮކްޓަރުންގެ ތަޖުރިބާ އިން އެކި ނިންމުންތަކަށް ދެވިދާނެ ފަދަ އުނދަގޫ މައްސަލައަކަށް އެކަން ވި ކަމެވެ.
އާއިލީ ކަމެއް ބާ؟
ގްލޯބަލް ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނި ކަމަށް، ޝަނާ ފާހަގަކުރި އެއް ކަމަކީ އެ ކެންސަރު ޖެހުމުގެ ސަބަބެވެ: ކެމިކަލްގެ އަސަރުކުރުމެވެ. ނަމަވެސް އެއީ ޝަނާ އާއި މޯޑުގެ އާއިލާއަށް ގަބޫލުކުރަން ދަތި ކަމެކެވެ.
ސްކޫލް ނިންމި ގޮތަށް މޯޑު ފެށީ މަސްވެރިކަމެވެ. އެއްވެސް ބާވަތެއްގެ ކެމިކަލްއާ ސީދާ ގުޅުމެއް ހުރި އެއްވެސް ކަހަލަ ކަމެއްގައި ދުވަހަކު ވެސް އޭނާ އުޅެފައެއް ނުވެ އެވެ. ސިނގިރޭޓާއި ފިޒީ ޑްރިންކްސް ބުއިން ފަދަ ކަމެއް ނުކުރެ އެވެ.
އެކަމަކު މޯޑުގެ އުމުރުން އެންމެ ފަސް އަހަރުގައި އޭނާގެ މަންމަ ކުއްލިއަކަށް މަރުވީ ބަނޑުގެ މައްސަލަތަކެއްގަ އެވެ. އެއީ ސީދާ ކޮން ސަބަބެއްކަން ހޯދިފައެއް ނުވެ އެވެ. ކެންސަރަކީ ވާރުތަވާ ބައްޔަކަށް ވެސް ވުމުން ޒުވާން އުމުރުގައި މޯޑު ވެސް ދުނިޔެއާ އެ ވަކިވީ މަންމަ ތަހައްމަލްކުރި މައްސަލާގައި ކަމަށް ވުން އެކަށީގެންވެ އެވެ.
މޯޑުގެ ހަނދާންތައް މީދޫގެ މަސްވެރިންގެ ހަނދާނަކުން ނުފިލާނެ އެވެ. އޭނާއަކީ ހީވާގި، ކެރޭ މަސްވެރިއެކެވެ. އޭގެ އިތުރުން ސޯޝަލް މީޑިއާގައި މީދޫ މަސްވެރިކަމުގެ މައުލޫމާތު ފަތުރައިދިނުމުގައި ވެސް އިސް ރޯލެއް އަދާކުރި އެވެ.
އެހެން މީހަކަށް ސީދާ ވަޒަންކޮށްލެވޭ ވަރަށް ވުރެ ބޮޑު ހިތާމައެއް ޝަނާއަށް ވަނީ ލިބިފަ އެވެ. ފިރިމީހާ ދެއްކި ހިތްވަރާއި ދިރިއުޅުމުގައި ކުރި އުއްމީދުތައް އޭނާއަށް އެނގެ އެވެ. އަދި މޯޑު އޭނާއާ ހަވާލުކޮށްފައިވާ އަމާނާތް ވެސް ނުހަނު ބޮޑެވެ؛ ދަރިފުޅެވެ.