ޝަފީއު ގެއްލުން: އަނބިމީހާ އަށް މަރުގެ ތުހުމަތުކޮށް، މައްސަލަ ހީނުކުރާ ގޮތަކަށް އެނބުރިއްޖެ!

މީގެ ދެ އަހަރު ކުރިން ފުވައްމުލަކުން ގެއްލުނު މުހައްމަދު ޝަފީއު، މަރާލައި ވަޅުލާފައިވާ ކަމަށް ތުހުމަތުކޮށް، މަރު ކޮމިޝަނުން އޭނާގެ ކުރީގެ އަނބިމީހާއާ ސުވާލުކުރަން ފަށައިފި އެވެ.


ފުވައްމުލަކު އޮޅިތެރޭގެ ޝަފީއު، 42، ގެއްލުނީ ޖުލައި 14، 2017 ވަނަ ދުވަހުގެ ރޭ ގެއިން ނުކުތް ފަހުންނެވެ. އޭނާގެ އެއްވެސް ޚަބަރެއް މިހާތަނަށް ނުވެ އެވެ.

ކުރިން ފުލުހުން ތަހުގީގު ކުރި މި މައްސަލަ މަރު ކޮމިޝަނުން ބަލަމުން އަންނަ އިރު ތަހުގީގަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި ފުވައްމުލަކަށް އެ ކޮމިޝަންގެ ޓީމެއް ދިޔަ އެވެ. އެ ދަތުރުގައި، އަނބިމީހާގެ އިތުރުން ވެސް އެ ހާދިސާއާ ގުޅިގެން އެކި މީހުންނާ ސުވާލު ކުރި އެވެ. އޭގެ ފަހުން ލިބުނު ކުރިއެރުންތަކާ ގުޅިގެން މަރު ކޮމިޝަނުން އެންގީ ޝަފީއުގެ އަނބިމީހާ، އައިޝަތު ނަޝީދާ އިއްޔެ ކޮމިޝަނަށް ހާޒިރުވުމަށެވެ.

އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުނީ ނަޝީދާ ހަ ގަޑި އިރު ކޮމިޝަންގައި ބައިންދައި ސުވާލު ކުރި ކަމަށެވެ.

ޗާޓެއް ދައްކާފައި ބުނީ، އެ ތަނުން ކޮންތަނެއްގައިހޭ ޝަފީއު ވަޅުލާފައި އޮތީ. --އާއިލާ

ވަކީލަކާ ނުލައި، ގަދަކަމުން ސުވާލުކޮށް ނަޝީދާ ރަހީނުކުރީ ކަމަށް އާއިލާ އިން ކޮމިޝަނަށް ތުހުމަތު ކުރެ އެވެ. ތަހުގީގަށް މިއަދު ވެސް ނަޝީދާ ވަނީ ހާޒިރުކޮށްފަ އެވެ.

ތަހުގީގު ކުރިއަށްދާތީ، މިކަމުގެ މައުލޫމާތު ކޮމިޝަނުން އަދި ހާމައެއް ނުކުރެ އެވެ.

ނަޝީދާ ބުނަނީ ޝަފީއު އަށް ވީ ގޮތެއް ނޭނގޭ ކަމަށް!

މިކަމާ ގުޅޭ ގޮތުން ނަޝީދާ "މިހާރު" އަށް މިއަދު ބުނީ ކޮމިޝަނުން އޭނާ އަށް ސުވާލުތަކެއް ކުރި ނަމަވެސް ޝަފީއު އަށް ވީ ގޮތެއް ނޭނގޭ ކަމަށެވެ. އެންމެ ފަހުން ބައްދަލުވީ، ޝަފީއު ގެއްލުނު ރޭ ކަމަށް އޭނާ ބުންޏެވެ.

"އެއީ، އަޅުގަނޑުމެން މާލެއިން [ފުވައްމުލަކަށް] ދިޔަ ރޭ. ދަރިފުޅުގެ ޓޮޕް ޓެން ކޭކު ފަޅާފައި، ކޮޓަރި އަށް ވަދެފައި ބުނީ ތިމަންނަ އެބަ އަންނަމޭ. އަޅުގަނޑު ހީކުރީ ޖޯލީގައި އިން ކަމަށް. އެކަމަކު ނުކުތް އިރަކު ނެތް،" ނަޝީދާ ބުންޏެވެ.

ޝަފީއު އަކީ ރިސޯޓެއްގައި ވަޒީފާ އަދާކުރާ މީހެކެވެ. އޭނާއާ އެންމެ ފަހުން މާލެ އިން ބައްދަލުވީ، އެހެން މީހަކާ ކައިވެނިކޮށް ނަޝީދާ އަށް ލިބުނު ދަރިފުޅުގެ ޓޮޕް ޓެން ޖަލްސާއިނެނެވެ. މި ކާމިޔާބީ ފާހަގަކުރަން، ދަރިފުޅާއި ނަޝީދާގެ އިތުރުން ޝަފީއު ރިސޯޓަކަށް ވެސް ދިޔަ އެވެ.

"މި ދަތުރުން ރަށަށް ދިޔަ ފަހުން ގެއްލުނީ،" ނަޝީދާ ބުންޏެވެ.

"ކޮމިޝަނުން އަޅުގަނޑާ ސުވާލުތައް ކޮށްފައި، އަހަނީ، ޝަފީއު ވަޅުލާފައި އޮތީ ކޮންތަނެއްގައިހޭ."

އެކަމަކު އެއީ، އޭނާ އަށް އެނގޭ ކަމެއް ނޫން ކަމަށް ނަޝީދާ ބުންޏެވެ.