ޓްރެކްގެ މަސައްކަތްތައް ލަސްވަނީ ދިރާސާ ކުރަން ޖެހުމުން

މާލޭގެ ސްވިމިން ޓްރެކް ސަރަހައްދު ތަރައްގީކުރުމަށް ހަވާލު ކުރި މުއްދަތު މިއަދަށް ހަމަވިއިރު އެތަނުގެ މަސައްކަތް ފެށިފައިނުވަނީ ގިނަ ދިރާސާތަކެއް ހަދަން ޖެހުމުގެ ސަބަބުން ކަމަށް، ސްވިމިން އެސޯސިއޭޝަނުން މިއަދު ބުނެފި އެވެ.


‫ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް، ޖޫން މަހުގެ 30 ވަނަ ދުވަހު ކުރައްވާފައިވާ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ 120 ދުވަހުގެ ތެރޭގައި ޓްރެކް ތަރައްގީކޮށް ނިންމަން މާޒިޔާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ މުއްދަތު މިއަދަށް ހަމަވެ އެވެ.

ސްވިމިން ޓްރެކް ތަރައްގީ ކުރަން މިނިސްޓަރު މަހުލޫފް، މާޒިޔާ ކޮންސްޓްރަކްޝަންއާ ހަވާލު ކުރައްވަނީ: ނިންމަން ބުނި މުއްދަތު ހަމަވިއިރުވެސް މަސައްކަތް ނުފަށާ-- ފޮޓޯ: ޔޫތު މިނިސްޓްރީ

އަދި މިހާތަނަށް އެތަނުގައި އެއްވެސް މަސައްކަތެއް ފަށައިފައެއްނުވެ އެވެ.

ސްވިމިން ޓްރެކް ތަރައްގީ ކުރަނީ ސިޑިބަރިއާ އެކު ފާހާނާ އާއި ފެންވަރާނެ ތަންތަން ވެސް ހިމެނޭ ގޮތަށެވެ. އަދި ބޮޑު ސަރަހައްދެއް ހިޔާ ކުރުމަށްވެސް ވަނީ ނިންމާފަ އެވެ.

އެ މަސައްކަތުގައި އުޅުއްވާ، ސްވިމިން އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާއިލް އަލީ މިއަދު ވިދާޅުވީ ޕްރޮޖެކްޓް ނުފެށި ލަސްވަމުން ދަނީ ކުރިން ރޭވިގޮތާ ހިލާފަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހުމުން ކަމަށެވެ. އެގޮތުން އެ ޕްރޮޖެކްޓުގައި މާލޭ އެއްގަމު ތޮއްޓަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭއިރު އެކަން ކުރުމަށް ދިރާސާތަކެއް ކުރަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތޮއްޓަށް ބަދަލުތައް ގެންނާތީ ތިމާވެށީގެ ގޮތުން ވެސް ދިމާވެދާނެ ކަންކަމަށް ބަލަން އެބަ ޖެހޭ. ކުރެހުންތަކަށް ވެސް ބަދަލު ގެންނަން އެބަޖެހޭ. އެކަހަލަ ބައިވަރު މަސައްކަތާ ހެދި ލަސްވަނީ،" އިސްމާއިލް ވިދާޅުވި އެވެ.

"ފައިސާ ހަމަނުޖެހިގެން ނުވަތަ އެކަހަލަ ކަމެއް ދިމާވެގެންނެއް ނޫން. އެކަހަލަ ކަމެއް ނޫޅޭ."

ސްވިމިން ޓްރެކް ތަރައްގީ ކުރަން ނިންމާފައިވާ ގޮތުގެ ކުރެހުމެއް--

އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) އާއި ކުރެހުންތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް މި ހަފްތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އިސްމާއިިލް ވިދާޅުވި އެވެ. އަދި މިފެށޭ މަސްތެރޭ އަމަލީ މަސައްކަތް ފަށައިގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިއާ ހިލާފަށް މިހާރު ނިންމާފައިވަނީ އެ ސަރަހައްދު ޝީޓްޕައިލް ކޮށްގެން އެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އިތުރު ތަނބުތައް މޫދަށް ޖަހައި އެތަން ގިނަ ދުވަހަށް ހުންނާނެ ގޮތަށް ހެދުމަށްވެސް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.