އައްޑޫގައި ތަރައްގީގެ މަޝްރޫތައް ހިނގާނެ: ނަޝީދު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އައްޑޫގައި ތަރައްގީގެ މަޝްރޫއުތައް ހިންގާނެ ކަމަށާއި ހަގީގީ ސިޓީއަކަށް އައްޑޫ ހެދޭނީ ވެސް ބޮޑެތި މަޝްރޫއުތައް ހިންގިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.


އެމްޑީޕީގެ ކުރިއަށް އޮތް އިންތިހާބުގައި އެ ޕާޓީގެ ރައީސް ކަމަށް ވެސް ކުރިމަތިލައްވާފައި ނަޝީދު ރޭ ފޭދޫގެ އެމްޑީޕީގެ ސަޕޯޓަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ އައްޑޫގެ މަގުތަކާއި ބަނދަރުތަކާއި އެއާޕޯޓް ތަރައްގީކުރުމާއި ކަރަންޓް މައްސަލަ ހައްލުކުރުން ފަދަ ކަންކަމަކީ މުހިއްމު މަސައްކަތްތައް ކަމަށެވެ.

އަދި އައްޑޫގައި ކުރިއަށް ގެންދަން ހުރި ބޮޑެތި ޕްރޮޖެކްޓްތައް ފެށިގެން އަންނާނީ އަންނަ އަހަރުގެ މާޗް ހިސާބުގައި ކަމަށް ލަފާކުރެއްވޭ ކަމަށް ވެސް ވިދާޅުވި އެވެ.

"މިހާރު ކަންކަން ހިނގަމުން އައިސްފައި ހުރި ހިސާބުން، މި ދެންނެވި ބޮޑު މަސައްކަތްތައް ފެށިގެން އަންނާނީ އަޅުގަނޑު ލަފާކުރާ ގޮތުގައި [އަންނަ އަހަރުގެ] މާޗު މަހު [ހިސާބުގައި]." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އައްޑޫގެ ތަރައްގީ އަށް މި ސަރުކާރުން ކުރާ ހަރަދު މާލެ އަށް ސިޓީ އަށް ކުރާ ހަރަދެއް ވުރެ ވަކި ކުޑަ ނުވާނެ އެވެ. އަދި އެކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު ވެސް ދެއްވާ ކަމަށާއި ޕްރޮޖެކްޓްތަކަށް ބޭނުންވާ ފައިސާ ވެސް ހަމަޖެހުމުންދާކަން އެނގިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެގޮތުން އިންޑިއާގެ އެގްޒިމް ބޭންކުން ވެސް ފައިސާ ލިބިފައިވާ ކަމަށާއި މި ހަފުތާގެ ތެރޭގައި ވެސް ސަރުކާރުން އައްޑޫގެ މަޝްރޫއުތަކެއްގެ އެއްބަސްވުންތަކުގައި ސޮއިކުރަން ތައްޔާރުވަމުން އަންނަކަން އެނގިވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.

މި ވަގުތު ސަރުކާރުން އައްޑޫގައި ކުރިއަށް ގެންދާ ބައެއް މަޝްރޫތަކުގެ ތެރޭގައި މީދު އާއި މަރަދޫފޭދު އާއި މަރަދޫގެ ބަނދަރު ހެދުމާއި ހުޅުމީދޫ މަގު ހެދުން ހިމެނެ އެވެ. ނަމަވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މި ސަރުކާރުން އައްޑޫގެ ތަރައްގީ އަށް ކުރާ މަސައްކަތުގެ ދުވެލި ވަރަށް މަޑެވެ.

މިދިޔަ ޖޫން މަހު ބޭއްވި ޕާޓްނާޝިޕް ފޯރަމްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވާ ގޮތުގައި އިންޑިއާ އިން ދޭ ކްރެޑިޓު ލައިންގެ ތެރެއިން 200 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) ހޭދަކުރާނީ އައްޑޫގެ އެކި އަވަށްތަކާއި މަގުތަކާއި ބަނދަރު ހެދުން ފަދަ މަޝްރޫއުތަކަށެވެ.

މީގެ އިތުރުން އައްޑޫގެ ކަންކަމަށް ގާތްގަނޑަކަށް 414 މިލިއަން ޑޮލަރު (6.3 ބިލިއަން ރުފިޔާ) ޚަރަދު ކުރާނެ ކަމަށް މި ސަރުކާރުން ކުރިން ވަނީ އިއުލާން ކޮށްފަ އެވެ.