މެޑިކަލް ކޮލެޖު އަޅަން 35 މިލިއަން ރުފިޔާ ހިމަނައިފި

ޑޮކްޓަރުކަން ކިޔަވައިދިނުމަށް ހާއްސަކޮށްގެން ރާއްޖޭގައި އަޅާ މެޑިކަލް ކޮލެޖަށް އަންނަ އަހަރުގެ ބަޖެޓުން 35 މިލިއަން ރުފިޔާ ހިމަނައިފި އެވެ.


އެ ކޯސް މިހާރު ވެސް ހިންގަމުން އަންނަ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފް ވިދާޅުވީ ދެ ބެޗެއްގެ 49 ދަރިވަރުން މިހާރު ކިޔަވަމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލުން ދީފައިވާ ދެ ފްލޯއެއްގައި ކަމަށެވެ. އެތަން ދީފައިވަނީ 10 އަހަރަށް ކަމަށް ވާތީ، މުއްދަތު ހަމަވުމުގެ ކުރިން އާ ގޮތެއް ހޯދަންޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ހުޅުމާލޭގައި މެޑިކަލް ކޮލެޖު އަޅާނެ ބިން ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އެއާއެކު އެހެން ފެކަލްޓީތައް ވެސް ހުޅުމާލެ އަށް ބަދަލުކުރުމުގެ ވިސްނުން އެބަހުރި ކަމަށާއި އެހެންވެ އެ ޔުނިވާސިޓީ އަށް ފަސް ހެކްޓަރުގެ ބިމެއް ދިނުމަށް ވެސް އެދިފައިވާ ކަމަށް ވިދާޅުވި އެވެ.

ބިން ހަމަޖެހުމުން އަންނަ އަހަރުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވި އެވެ.

"ވިސްނުމަކީ އެމްއެންޔޫ އެއްކޮށް ހުޅުމާލެއަށް ރީލޮކޭޓް ކުރުން. އެތަނުގައި ކުޅިވަރު ކުޅޭނެ މާހައުލާއި ހޮސްޓެލް ފަދަ ތަންތަން ހެދޭނެ،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މެޑިކަލް ކޮލެޖު އަޅަން ކުރިން އުޅުނީ ސޯސަންގޭ ހުރި ބިމުގަ އެވެ. އެކަމަކު އެތަން ވެސް ދިވެހި ބަހުގެ އެކަޑެމީ އަށް ދީފައިވާ ކަމަށް ވިިދާޅުވި އެވެ.

ރާއްޖޭގައި ޑޮކްޓަރުން ކިޔަވައިދެނީ މެލޭޝިޔާގެ ގައުމީ ޔުނިވާސިޓީ ކަމުގައިވާ ކެބަންސާންގެ މުގައްރަރެވެ. މިދިޔަ އަހަރު އަލަށް ފެށި އެ ކޯހަށް ރަނގަޅު ތަރުހީބެއް ލިބޭ ކަމަށް ވިދާޅުވި އެވެ.