ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކޮއްކޯފުޅު ފާރިސް މައުމޫނާއި ފިރިކަލުން މުހައްމަދު ނަދީމް ޖަލުގައި ބަންދުކުރި ހަނދާން ނުނެތޭނެ ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން މިރޭ ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުފެއްދުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ޔުމްނާ ވިދާޅުވީ ބޮޑުބޭބޭ ފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދިން އަނިޔާތައް އިއްޔެ ވީ ކަމެއްހެން ހަނދާން އެބަ ހުރި ކަމަށެވެ.
ޔުމްނާ ވަނީ ކުރުގޮތަކަށް މައުމޫންގެ ހިދުމަތްތައް ވިދާޅުވެ ދެއްވައި އެ މަނިކުފާނަކީ އަބަދުވެސް އިސްލާހަށް މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވެފަ އެވެ. މައުމޫން އިސްކޮށް ހުންނަވައި ފުރަތަމަ އުފެއްދެވި ސިޔާސީ ޕާޓީ، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ދޫކުރައްވައި ނުކުންނެވީ އެ ޕާޓީގެ ކަންކަން މަގުން ކައްސާލުމުން ކަމަށް ޔުމްނާ ވިދާޅުވި އެވެ. އަދި އޭގެ ފަހުން އުފެއްދެވި ޕީޕީއެމުން ޔާމީންގެ ވެރިކަމުގައި ގާނޫނު އަސާސީ ހިލާފު ކަންކަން ކުރަން ފެށުމުން ޕާޓީގައި ހުންނަވައި މައުމޫނާއި ފާރިސް އެކަންކަން އިސްލާހް ކުރެއްވުމަށް މަސައްކަތް ކުރެއްވި ކަމަށް ޔުމްނާ ވިދާޅުވި އެވެ.
އިސްލާހަށް މަސައްކަތް ކުރެއްވުމުން ކޯޓުގެ ތެރެއިން ޕީޕީއެމް ނިގުޅައިގަތީ ކަމަށް ޔުމްނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މި ސަރުކާރަކީ ޔާމީންގެ ސަރުކާރުގެ އަނިޔާވެރި ކަމަށް ފަސްޖެހުމެއް ނެތި ކުރެއްވި މަސައްކަތުގެ ނަތީޖާ ކަމަށެވެ.
"ކަޅު ފޮއްޓެއްގެ ބަހަނާ ދައްކައި ތުއްތު ކުއްޖަކާ މަޔަކާ ދުރުކުރި ހަނދާން އިއްޔެ ވީ ކަމެއްހެން މިއަދު ވެސް ހަނދާން އެބަހުރި،" އަސަރާއެކު މިނިސްޓަރު ވިދާޅުވި އެވެ.
"އެއްވެސް ހައްގަކާ ނުލައި އަޅުގަނޑުގެ ބައްޕަ، އަދި ކޮއްކޮ، އަދި ފިރިމީހާ ޖަލުގައި ގެންގުޅުނު ހަނދާންތައް ވެސް ތާޒާކަންމަތީ އެބަހުރި."
މިރޭ އުފެއްދި އެމްއާރުއެމް އަކީ މައުމޫންގެ ވިސްނުންފުޅާ އެއްގޮތަށް އިސްލާހީ މަސައްކަތްތައް ކުރާނެ ޕާޓީއެއް ކަމަށް ޔުމްނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ އިންސާފުވެރި، ނަޒާހަތްތެރި ރާއްޖެއެއް ހޯދައި ދިނުމުގެ ދަތުރެވެ.
"މިއީ މީގެ އެތައް އެތައް އަހަރެއް ކުރިން ރިޔަލު ދޯނީގައި ރައީސް މައުމޫން ފެއްޓެވި އިސްލާހީ މަސައްކަތް އިތުރު ހަރުފަތަކަށް އުފުލާލުމަށް ޒަމާނީ ދުވެލީގައި ފަށާ ދަތުރެއް،" ކުރީގެ އަދި މިހާރުގެ ބައެއް ވަޒީރުން ހާޒިރުވެ ވަޑައިގެން ތިއްބެވި ޖަލްސާގައި ޔުމްނާ ވިދާޅުވި އެވެ.
އެމްއާރުއެމް އުފެއްދުމުގެ މަސައްކަތް މައުމޫން ފެއްޓެވީ އެމަނިކުފާނު ކުރިން އުފެއްދެވި ޕީޕީއެމްގެ ތެރޭގައި އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް ޔާމީނާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކަށް ފަހު ޝަރުއީ މަރުހަލާގެ ތެރެއިން އެ ޕާޓީ މައުމޫނަށް ލިބިވަޑައިނުގަތުމުންނެވެ. އޭގެކުރިން އެމަނިކުފާނު އުފެއްދެވި ޑީއާރުޕީ ދޫކުރައްވައި، ވަޑައިގަތީ އެ ޕާޓީގެ އޭރުގެ ލީޑަރު އަހުމަދު ތަސްމީނު އަލީއާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކަށް ފަހު އެވެ.