11 ނޮވެމްބަރ 2019 - 06:41
މި އަހަރު ރިލީޒްކުރި ކާމިޔާބު ކަންނާޑާ ފިލްމެއްގެ ރައިޓްސް ހޯދުމަށް ފަހު، އެ ފިލްމުގެ ތައްޔާރީތައް އަކްޝޭ ކުމާރު ވާން ފަށައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އަކްޝޭ އާއި ޑައިރެކްޓަރު/ޕްރޮޑިއުސަރު ނިކިލް އަދުވާނީގެ އިތުރުން ޕްރޮޑިއުސަރު ވާޝޫ ބަގްނާނީ ގުޅިގެން ޕްރޮޑިއުސްކުރަން ނިންމާފައިވާ ފިލްމަކީ މިދިޔަ ފެބްރުއަރީ މަހު ރިލީޒްކުރި ކްރައިމް ކޮމެޑީ ތުރިލާ "ބެލް ބޮޓަމް" އެވެ. އެ ފިލްމަކީ ޖަޔަތީރްތާ ޑައިރެކްޓްކޮށް، ރިޝަބް ޝެޓީ އާއި ހަރީޕްރިޔާ ލީޑް ރޯލް ކުޅުނު ފިލްމެކެވެ.
ހަންގާމާ އިން އިން ބުނި ގޮތުގައި އެ ފިލްމުގެ ހިންދީ ވާޝަނެއް ހަދަން އަކްޝޭ އަށް ފުރަތަމަ ހިޔާލު ދިނީ ނިކިލް އެވެ. އަދި ފިލްމު އޭނާ އަށް ކަމުދިޔަލެއް ބޮޑުކަމުން "ބެލް ބޮޓަމް" އަކީ ހިންދީ އޯޑިއަންސަށް ގެނެސްދޭން ވަރަށް ފައްކާވާނެ ފިލްމެއް ކަމަށް ނިކިލް އަކްޝޭ ކައިރީ ބުނެފައިވެ އެވެ. މި ދެ މީހުން ކުރިން ވެސް އެކީގައި މަސައްކަތްކޮށްފައި ވާތީ ގާތް ގުޅުމެއް އޮވެ އެވެ.
ނިކިލް 2011 ގައި ގެނެސްދިން ފިލްމު "ޕަޓިއާލާ ހައުސް" ގެ ބަތަލަކީ އަކްޝޭ އެވެ.
އަކްޝޭ އާއި ނިކިލްއާ އެކު "ބެލް ބޮޓަމް" ގެ ހިންދީ ފިލްމުގައި ދެން ހިއްސާވާ ވާޝޫ އަކީ ދާދި ފަހުން އަކްޝޭ އަށް 100 ކްރޯޑް (14 މިލިއަން ޑޮލަރު) ގެ ހުށަހެޅުމެއް ހުށަހެޅި ކަމަށް ބުނާ ޕްރޮޑިއުސަރެވެ. އަދި މި ފިލްމުގައި ބުޝަން ކުމާރުގެ ޓީ ސީރީޒް ވެސް ހިއްސާވާނެ ކަމަށް ބެލެވޭ ކަމަށް މީޑިއާތަކުން ބުންޏެވެ.
ހަންގާމާ އިން ބުނިގޮތުގައި "ބެލް ބޮޓަމް" އަކީ ބޮޑު ބަޖެޓަކުން ހަދާނެ ވަރަށް ސްޓައިލިޝް ފިލްމަކަށް ވާނެ އެވެ. އަދި މީގެ ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ 2017 ގައި ރިލީޒްކުރި "ލަކްނޯ ސެންޓްރަލް" ގެ ޑައިރެކްޓަރު ރަންޖީތު ތިވާރީ އެވެ.
ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ އަކްޝޭ، 50، ފުލުފުލުގައި ފިލްމުތަކަށް ސޮއިކުރަމުން އަންނަ އިރު، ދެން އެންމެ އަވަހަށް އޭނާ ސްކްރީނުން ފެންނާނީ އަންނަ މަހުގެ 27 ގައި ރިލީޒްކުރާ "ގުޑް ނިއުޒް" އިންނެވެ.
މިދިޔަ މަހު ރިލީޒްކުރި "ހައުސްފުލް 4" ގެ ބަތަލުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ސޫރިޔާވަންޝީ"، "ލަކްޝްމީ ބޮމްބް"، "ބައްޗަން ޕާންޑޭ" އަދި "ޕްރިތުވީ ރާޖް" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy