އުއްތަމަ ފަނޑިޔާރު، ޑރ. އަހްމަދު އަބްދުﷲ ދީދީ މަގާމުން ވަކިކުރުމަކީ ބޭއިންސާފެއްގެ ގޮތުގައި ސިފަކުރައްވައި ދިފާއުގައި ޝޭހް އިލްޔާސް ހުސެއިން މިއަދު ނުކުންނަވައިފި އެވެ.
އުއްތަމަ ފަނޑިޔާރުގެ ގިނަ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަނުން އަންނަނީ ބަލަމުންނެވެ. އެ ކޮމިޝަނުން މިއަދު އާއްމުކުރި ގޮތުގައި އުއްތަމަ ފަނޑިޔާރުގެ 18 މައްސަލައެއް ހިމެނެ އެވެ.
ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އިލްޔާސް ވިދާޅުވި ގޮތުގައި ޑރ. އަހްމަދު އަބްދުﷲ ދީދީ އަކީ އިލްމު ލިބިވަޑައިގެންފައިވާ ގާބިލް، ގުރުއާން ހިތުދަސް އަދި ޝަރީއާ އިން ޕީއެޗްޑީ އޮތް ބޭފުޅެއް ކަމަށެވެ. މިފަދަ ބޭފުޅަކު މި ގައުމުގެ އުއްތަމަ ފަނޑިޔާރަކަށް ހުންނެވުމަކީ ފަޚުރެއް ކަމަށް ވިދާޅުވި އެވެ.
"އެފަދަ ބޭފުޅަކު މަގާމުން ވަކިކޮށް ޝަރުއީ އިލްމު ލިބިފައި ނުވާ ބަޔަކު މަގާމަށް ގެނައުމަކީ ކޮން ކަހަލަ އިންސާފެއްތޯ،" އިލްޔާސްގެ ޓުވީޓުގައިވެ އެވެ.
އޭނާ ވަނީ އެ ކަމަށް ރައްޔިތުން ވިސްނުމަށް އެދިވަޑައިގެންފަ އެވެ.
އުއްތަމަ ފަނޑިޔާރާ ގުޅޭ ގޮތުން ތަހުގީގު ކުރި ބައެއް މައްސަލަތަކުގެ ރިޕޯޓް ޖޭއެސްސީން ފޮނުވުމުން އެމަނިކުފާނު ވަނީ ހަވާލުވާން ދެކޮޅު ހައްދަވައިފަ އެވެ. އަދި ކޯޓަކުން ނިންމާފައިވާ އެއްވެސް ނިންމުމަކާ ގުޅިގެން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބެލުމަކީ ނުވަތަ ފިޔަވަޅު އެޅުމަކީ ގާނޫނުއަސާސީ އާއި އިސްލާމީ ޝަރީއަތާ ޚިލާފް ކަމެއް ކަމަށާއި ޖޭއެސްސީގެ ތަހުގީގަކީ ގާނޫނުތަކާ ޚިލާފަށް އެ ކޮމިޝަނުން ބެލި މައްސަލަތަކެއް ކަމަށް ވިދާޅުވެ، ޖޭއެސްސީ އަށް އުއްތަމަ ފަނޑިޔާރު ވަނީ ސިޓީފުޅެއް ވެސް ފޮނުއްވައިފަ އެވެ.
ޖޭއެސްސީން ބުނި ގޮތުގައި، ސުޕްރީމް ކޯޓުން އެ ކޯޓުގެ އިހްތިސާސްގެ ބޭރުން ނިިންމާފައިވާ ނިންމުންތަކުގެ މައްސަލަތަކަކީ ބައިނަލްއަގްވާމީ ފަރާތްތަކުން ރާއްޖޭގެ ޝަރުއީ ދާއިރާއާ ބެހޭ ގޮތުން ހެދި ރިޕޯޓްތަކުގައި ފާހަގަ ކޮށްފައިވާ މައްސަލަތަކެކެވެ. ރައްޔިތުންގެ މަޖިލީހާއި ދަށު ކޯޓުތަކުގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ބާރުތަކަށް ސުޕްރީމް ކޯޓުން އަރައިގެންފައިވާ ކަމަށް އެ ރިޕޯޓްގައިވާ ކަމަށް ޖޭއެސްސީން ނެރުނު ބަޔާނުގައިވެ އެވެ.