މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އަށް ޑެޕިއުޓީ ތިން ވައިސް ޗާންސެލަރުން މިއަދު އައްޔަންކޮށްފި އެވެ.
ތަފާތު ތިން ދާއިރާއެއްގެ ހިންގުން ހަވާލުކުރެއްވި ތިން ވައިސް ޗާންސެލަރުންނަކީ ޑރ. އައިޝަތު ޝެހެނާޒް އާދަމާއި އައިޝަތު ޝާހީން އިސްމާއިލް އަދި ހުސެއިން ހަލީމެވެ.
ރިސާޗް އެންޑް އެންޓަޕްރައިސް ހިންގުން ހަވާލުކުރެއްވި ޝެހެނާޒަކީ ހިސާބު އިލްމުން ޕީއެޗްޑީ ހައްދަވާފައިވާ ބޭފުޅެކެވެ. ތައުލީމީ ދާއިރާގައި 10 އަހަރު އުޅުއްވުމަށްފަހު ދެ ގައުމެއްގެ ސަަފީރުކަން ވެސް އޭނާ ކުރައްވާފައިވެ އެވެ.
ދެ ދައުރެއްގައި އެމްއެންޔޫ ކައުންސިލް މެމްބަރުކަން އަދާކުރައްވާފައިވާ ޝެހެނާޒަކީ ޕީއެޗްޑީއަށް ފަހު އެއް އަހަރު ދުވަހުގެ ޕޯސްޓްޑޮކް ހަދާފައިވާ މަދު ދިވެހީންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.
އެކަޑެމިކް އެފެއާޒް ނުވަތަ އިލްމީ ހަރަކާތްތަކާ ބެހޭ ބައިގެ ޑެޕިއުޓީ ވައިސް ޗާންސެލަރަކަށް އައްޔަންކުރެއްވި ޝާހީނަކީ އާއްމު ސިއްހަތާއި ކެއިންބުއިމުގެ ހަމަތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާގެ މަސައްކަތުގެ ބޮޑު ބައި ހޭދަކުރައްވާފައިވަނީ ވެސް ފެކަލްޓީ އޮފް ހެލްތު ސައިންސަސްގަ އެވެ.
އެ ފެކަލްޓީގައި 27 އަހަރު މަސައްކަތް ކުރައްވާފައިވާއިރު ދެ ދައުރެއްގައި އެ ފެކަލްޓީގެ ޑީންކަން ކުރައްވާފައިވެ އެވެ.
އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސްގެ ކަންކަން ބަލަހައްޓަން ހަވާލުކުރެއްވި ހަލީމް ގައުމީ ޔުނިވާސިޓީގައި މަސައްކަތްކުރައްވާތާ 33 އަހަރުވެއްޖެ އެވެ. މީގެ ކުރިން ވެސް އޭނާ ވަނީ ޑެޕިއުޓީ ވައިސް ޗާންސެލަރުކަން ކުރައްވައިފަ އެވެ.
ހިންގުމާއި ފައިސާއާ ގުޅުންހުރި މަގާމުތައް ފުރުއްވާތާ 20 އަހަރުވެފައިވާއިރު ހަލީމް އެންމެ ފަހުން ހުންނެވީ ޔުނިވާސިޓީގެ އެންމެ އިސް ލައިބްރޭރިއަންގެ ގޮތުގަ އެވެ.
އެ ހުރިހާ ބޭފުޅުން ވެސް އެ މަގާމަށް އައްޔަންކުރެއްވީ ހަތަރު އަހަރަށެވެ.
ޑެޕިއުޓީ ވައިސް ޗާންސެލަރުން އައްޔަންކުރަން ބޭއްވި ރަސްމިއްޔާތުގައި، އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފް ވިދާޅުވީ އެ މަގާމުތަކަށް އައްޔަންކުރެއްވި ތިން ބޭފުޅުންނަކީ ވެސް ވަރަށް ގާބިލް ބޭފުޅުން ކަމަށެވެ. އެ ބޭފުޅުންނާއެކު އެމްއެންޔޫއަށް އާ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ޔުނިވާސިޓީއަށް އާ ޑެޕިއުޓީ ވައިސް ޗާންސެލަރުން އައްޔަންކުރީ މިދިޔަ އޮގަސްޓް މަހު ޔުނިވާސިޓީގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހާ ގުޅިގެންނެވެ. އެއާ އެކު އެ ތަންތަނުގައި ކުރިން ހުންނެވި ބޭފުޅުން ވަކިކޮށް ޔުނިވާސިޓީ ހިންގަން އާ ބޭފުޅުން އައްޔަންކުރައްވައިި އާ ކައުންސިލް ވަނީ އެކުލަވާލައިފަ އެވެ،
އެމްއެންޔޫން ބުނިގޮތުގައި އެ ތިން މަގާމަށް 30 ބޭފުޅަކު ކުރިމަތިލެއްވި އެވެ.