"މަންމާއޭ ތިއީ ރޫހަކީ، ބައްޕާއޭ ތިއީ ޒިންދަގީ"، މިއީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މަންމަ ޚަދީޖާ އާއި ބައްޕަ މުހައްމަދު ހައްސާންގެ ކައިވެންޏަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި މަހްލޫފް ވަރަށް އަސަރާ އެކު ވިދާޅުވި ލަވައިގެ ފުރަތަމަ އަދި ފަހު ކަޑި އެވެ.
މަހްލޫފް ވިދާޅުވީ، އެއީ ދިވެހިންގެ ތެރޭގައި މަގުބޫލު ކަން ހޯދި ހިންދީ ލަވަ "ތެރެ މުޖުސެ ހެ ޕެހެލޭ" ގެ ކޮޕީއެއް ކަމަށެވެ. މަހްލޫފް ވިދާޅުވި ލަވައިގެ ޅެން ހަދާފައި ވަނީ އައިޝަތު ހުސައިން މަނިކެވެ.
މިދިޔަ ބުރާސްފަތި ދުވަހަކީ ހައްސާން 58، އާއި ޚަދީޖާ 59، ގެ ކައިވެންޏަށް 40 އަހަރު ފުރުނު ދުވެހެވެ. އެ ދުވަސް ފާހަގަ ކުރީ އާއިލާގެ މެމްބަރުންނާއި ބައެއް ރައްޓެހިންނާ އެކު، މާބުލް ހޮޓެލްގަ އެވެ. އެ ކުޑަ ހަފްލާގައި މަހްލޫފް ވިދާޅުވި ލަވަ އިން މައިންބަފައިންނަށް އޮތް ލޯތްބާއި ގަދަރު ހާމަކުރެއްވި އެވެ.
މަހްލޫފް ވިދާޅުވި ލަވަ އާންމުންނަށް އިވިގެން ދިޔައީ އޭނާގެ ފޭސްބުކްގައި މިއަދު ހާމަ ކުރެއްވުމުންނެވެ. އެ ލަވަ ވިދާޅުވި ގޮތް ހިތްގައިމު ކަމުން އެތައް ބައެއްގެ ތައުރީފް މަހްލޫފަށް ލިބުނެވެ.
އެ ލަވައިގައި މަހްލޫފް ވިދާޅުވެފައި ވަނީ މައިންބަފައިންގެ ހިޔާވަހިކަމުގެ ތެރޭގައި ވުމަކީ "އެތައް ހާސް ފަށްފަށުން ޝުކުރު" އަދާކުރާ ކަމެއް ކަމަށެވެ. މައިންބަފައިން މަހްލޫފަށް ދިން ކުލުނާއި ލޯބި ފާހަގަ ކުރައްވައި އޭނާ ވަނީ އަބަދުވެސް އެކުގައިވާން އުންމީދު ކުރާ ކަމަށް ވިދާޅުވެފަ އެވެ.
މި ލަވަ އަށް ތައުރީފް ކުރި ބައެއް މީހުން ބުނީ މަހްލޫފް ލަވަ ވިދާޅުވީ ހިތުގެ އެންމެ އަޑިން ކަމަށާއި ލަވަ ވަރަށް ފުރިހަމަ ކަމަށެވެ. އަދި ގިނަ ބަޔަކު މަހްލޫފްގެ ބައްޕަ އާއި މަންމަ އަށް ހެޔޮ ދުއާ ކުރި އެވެ.
ހަދީޖާ އާއި ހައްސާނުގެ ކައިވެންޏަށް ދެ ކުދިން ލިބިފައިވާ އިރު، އެންމެ ދޮށީ މަހްލޫފެވެ.
މަހްލޫފަކީ އަބަދުވެސް ލަވަ ވިދާޅުވުމަށް ޝައުގުވެރިކަން ހުންނަވާ ބޭފުޅެކެވެ. އޭނާ ވަނީ "ނަޒާރާ ބޭންޑް" އިން މީގެ ކުރިން ދިން ބައެއް ޝޯތަކުގައި ބައިވެރިވެވަޑައިގެން ލަވަ ވިދާޅުވެފަ އެވެ.
މީގެ އިތުރުން، މަހްލޫފް ވިދާޅުވި "އެދިގެން މިރޭ ދާނަމޭ"، "ދާނަމޭ، ދާނަމޭ"، "ވޭނޭ ބާރޭ މިއީ" ފަދަ ލަވަތަކަކީ އާންމުންގެ ތެރޭގައި މިހާރު ވެސް ހިނގާ މަޝްހޫރު ލަވަތަކެކެވެ.
މަހްލޫފް ދާދި ފަހުން ވަނީ ލަވަ ކިޔުންތެރިޔާ ލައިޝާ ޖުނައިދާ އެކީގައި ވެސް ލަވައެއް ވިދާޅުވެފަ އެވެ.