ރިޕޯޓާ ގުޅިގެން މަރު ކޮމިޝަނުން އެހީތެރިކަމަށް އަދި ނޭދޭ: ޕޮލިސް

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ފަހަތުގައި ތިބި މީހުން ހޯދަން މަރު ކޮމިޝަނުން ކުރި ތަހުގީގަށް ފަހު އާއްމުކުރި ރިޕޯޓުގައި ހުރި ކަންކަން ތަންފީޒުކުރަން އެހީތެރިކަމަށް މިހާތަނަށް އެދިފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


މީގެ ހަތް އަހަރު ކުރިން 2012 ގައި އަނިޔާވެރިކޮށް އަފްރާޝީމް އަވަހާރަކޮށްލި މީހުންނާއި އެކަމުގައި ބައިވެރިވި ނެޓްވޯކް އަދި އެ މީހުންގެ މަގްސަދު ވެސް ރިޕޯޓުގައިވެ އެވެ. ދުރާލައި ރާވައި ހިންގި ގަތުލުގެ ފަހަތުގައި ގިނަ ބައެއްގެ ބައިވެރިވުން އޮތް ކަން ހާމަވާ ރިޕޯޓް މުއައްސަސާތަކަށް ފޮނުވައި މިހާރު ވަނީ އާއްމުކޮށްފަ އެވެ.

ރިޕޯޓާ ގުޅިގެން ފުލުހުން އަޅާ ފިޔަވަޅަކީ ކޮބައިތޯ "މިހާރު" އިން ސުވާލު ދެންނެވުމުން ފުލުހުންގެ ތަރުޖަމާން އިޒްމިއާ ޒާހިރު ވިދާޅުވީ ރިޕޯޓާ ގުޅިގެން ފުލުހުންގެ އެހީ އަށް ކޮމިޝަނުން އެދިފައި ނުވާ ކަމަށެވެ.

ނަމަވެސް ރިޕޯޓުގައި ހުރި ކަންކަން ތަންފީޒު ކުރަން ފުލުހުންގެ ފަރާތުން އެހީތެރިކަން ބޭނުންވާ ނަމަ ފުލުހުން އެހީތެރިކަން ފޯރުކޮށްދޭނެ. -- އިޒްމިއާ

އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން ހިންގި ތަހުގީގަށް ފަހު އަޅާނެ ފިޔަވަޅެއް، ގާނޫނީ ބޮޑެތި ބާރުތަކެއް ދީފައިވާ މަރު ކޮމިޝަނުން އަދި އާއްމެއް ނުކުރެ އެވެ. ކަމާގުޅޭ އިދާރާތަކަށް ރިޕޯޓް ފޮނުވުމާ އެކު ލީކުވުމުން، ރައީސް އޮފީހުން ވަނީ އިއްޔެ ރިޕޯޓް އާއްމުކޮށްފަ އެވެ.

ޑރ. އަފްރާޝީމް އަލީ: އޭނާ އަވަހާރަކޮށްލީ ހަރުކަށި ޖިހާދީ ފިކުރުގެ ބައެއް ކަމަށް މަރު ކޮމިޝަންގެ ރިޕޯޓުގައިވޭ.

ރިޔާސީ ކޮމިޝަންތަކަށް ބާރުދީފައިވާ ގާނޫނުގައި ބުނާ ގޮތުން އެ ތަނުން ތަހުގީގުކުރާ މައްސަލަތަކުގައި މީހުން ހައްޔަރުކުރަން ކޯޓު އަމުރު ހޯދުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެންވެ އެވެ. ކޮމިޝަނުން ބަލާ މައްސަލަތަކުގައި އެފަދަ އަމުރެއް ހޯދައި ތަންފީޒުކުރަން އެދިއްޖެ ނަމަ އެހީތެރިކަން ދޭނެ ކަމަށް، ނޫސްވެރިޔާ އަހްމަދު ރިލްވާން މައްސަލައާ ގުޅިގެން ނެރުނު ރިޕޯޓާ ގުޅިގެން ފުލުހުން ބުނެފައިވެ އެވެ.

ރިލްވާން މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ ގުޅުން ހުރި ހެކި ހޯދަން ކޮމިޝަނުން އެދިގެން ފުލުހުން ވަނީ ބަލައި ފާސްކުރުމުގެ އޮޕަރޭޝަންތައް ހިންގައިފަ އެވެ.

މަރު ކޮމިޝަނުން ބުނެފައިވާ ގޮތުގައި އަފްރާޝީމް އަވަހާރަކޮށްލި ހަމަލާ ރޭވީ މާލޭގައި ކުށުގެ އަމަލުތައް ހިންގަމުން ދިޔަ އަޒްލިފް ރައޫފެވެ. އޭނާގެ ރޭވުމާ އެއްގޮތަށް، އަފްރާޝީމް އަވަހާރަކޮށްލުމުގައި ހ. ލޮބީ ހުސެއިން ހުމާމާއި ހ. ހިކޯސްޓް އަލީ ޝާން އާއި ސިއްރު ހެކި 10 ވަނީ ބައިވެރިވެފަ އެވެ.

އަފްރާޝީމްގެ މަރަށް ފަހު ހަނގުރާމަ އަށް ސީރިއާއަށް ގޮސް މަރުވެފައިވާ ކަމަށް ބުނާ އަޒްލިފްއާ އެކަން ހަވާލުކުރީ ދީނީ ގޮތުން އަފްރާޝީމާ ޚިޔާލު ތަފާތުވާ ބަޔަކު ކަން ތަހުގީގުގުން ވަނީ ހޯދިފަ އެވެ.

އެ ނެޓްވޯކް ރާއްޖޭގައި ހަރަކާތްތެރިވާ ގޮތާއި މީހުންނަށް ކުރިމަތިކޮށްފައިވާ އަނިޔާތަކާއި ޖަރީމާތައް ވެސް ރިޕޯޓުގައި ހިމަނާފައިވެ އެވެ. މި ނެޓްވޯކްގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ގިނަ ބަޔަކު ވަނީ ހަނގުރާމަ އަށް ސީރިއާ އަށް ގޮސްފަ އެވެ.

މިއީ، ތަހުގީގަށް ހުރަސްތަކެއް ކުރިމަތިވި ކަމެއް ކަމަށް ވެސް މަރު ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ހަރުކަށި ޖިހާދީ ފިކުރުގެ ޖަމާއަތަކުން އަފްރާޝީމް އަވަހާރަކޮށްލީ އޭނާ ދައްކަވާފައިވާ ވާހަކަތަކަކީ ކުފުރުގެ ވާހަކަތަކެއް ކަމަށް އެ ޖަމާއަތަށް ފެންނާތީ އާއި ކީރިތި ރަސޫލާގެ ސުންނަތަށް ފުރައްސާރަކޮށް ހަރާމް ކަންތައްތައް ހަލާލުކޮށް، ދީނަށް ފުރައްސާރަކޮށްފައިވާ ކަމަށް އެ ޖަމާއަތުން ގަބޫލުކުރާތީ ކަމަށް ރިޕޯޓުގައިވެ އެވެ.