ޚަބަރު / ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ޝަހީމަށް ކުރި ތުހުމަތުގެ ހަގީގަތަކީ ކޮބާ؟

އަފްރާޝީމާއި ޝަހީމް: ހިޔާލުތަފާތުވުންތައް ނައްތާލައި ސުލްހަވެރިކަން ހޯދަން އުޅުއްވީ އަފްރާޝީމް އެދިވަޑައިގަތުމުން ކަމަށް ޝަހީމް ވިދާޅުވި.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި އަދާލަތު ޕާޓީގެ ވެސް އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް، ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަންގެ ތަހުގީގަށް ފަހު ނެރުނު ރިޕޯޓުގައި ހެކިވެރިޔަކު ބުނެފައި އެބަ އޮތެވެ. އަދި ޝަހީމްގެ ބައިވެރިވުން ނެތްކަން ރިޕޯޓުން ސާފުވެ އެވެ.

އެކަމަކު ރިޕޯޓު އާއްމުވުމާ އެކު، މަރާ ގުޅިގެން އަލަށް އެންމެ ބޮޑު ތުހުމަތެއް އެޅުނީ ޝަހީމްގެ އިސްތަށިފުޅުގަ އެވެ. ސަބަބަކީ އަފްރާޝީމް، އަވަހާރަކޮށްލި ރޭ ޓީވީ ޕްރޮގްރާމަށް އަރާވަޑައިގަތުމާ ގުޅޭ ގޮތުން ޝަހީމް ދެއްވި ބަޔާނާއި ހެކީގެ ގޮތުގައި ހޯދި މެސެޖްތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރުމުންނެވެ.

ޝަހީމް "މިހާރު" އަށް ތަކުރާރުކޮށް ވިދާޅުވީ ކޮމިޝަނަށް އޭނާ ދެއްވީ ތެދު މައުލޫމާތު ކަމަށެވެ. އަފްރާޝީމަށް، އިލްމުވެރިންނާ އެއް މޭޒަކުން ބައްދަލުވެވޭ ގޮތާއި ޓީވީ ޕްރޮގްރާމުން ފުރުސަތު ހޯއްދެއްވީ އޭނާ އެދިވަޑައިގަތުމުން ކަމަށް ޝަހީމް ވިދާޅުވި އެވެ.

އަފްރާޝީމްގެ ފުރާނަ އަށް އެފަދަ ނުރައްކަލެއް ކުރިމަތިވާން އެރޭ އުޅޭ ކަން އެނގޭ ނަމަ ދިފާއުގައި އަޅުގަނޑު ހުރީމުސް. ވަރަށް އަސަރުކޮށްފި އަޅުގަނޑަށް ރައްދުވާ ގޮތަށް ވާހަކަ ފެތުރުމުން، --ޝަހީމް

އަފްރާޝީމް ބޭނުންވީ ހިޔާލުތަފާތުވުން ނައްތާލަން

ދީނީ ގޮތުން ކަންކަން އޮންނަ ގޮތް ސާފުކޮށްދެއްވަން އަފްރާޝީމް ދައްކަވާ ބައެއް ވާހަކަތަކާ މެދު އިލްމުވެރިންގެ ހިޔާލު ތަފާތެވެ. އޭނާ ދައްކަވާ ބައެއް ވާހަކަތަކާ މެދު ވަކިވަކި އިލްމުވެރިން ފާޑުވިދާޅުވެ، ބައެއް މައްސަލަތަކުގައި އަދާލަތު ޕާޓީ އާއި ސަލަފް ޖަމިއްޔާ އިން ވެސް ބަޔާން ނެރެފައިވެ އެވެ.

ޑރ. އަފްރާޝީމް އަލީ: އޭނާ އަވަހާރަކޮށްލީ ދީނުގެ ނަމުގައި ހަރުކަށި ފިކުރުގެ ޖަމާއަތަކުން. --ފޮޓޯ/މަޖިލީސް

ޝަހީމް ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި، އޭނާ އިސްލާމިކް މިނިސްޓަރަކަށް ވެވަޑައިގަތުމުގެ މާ ކުރިން ވެސް އަފްރާޝީމް ދައްކަވާ ވާހަކަތަކާ މެދު އިލްމުވެރިންގެ ހިޔާލު ތަފާތުވުން އޮތީ ބޮޑުވެފަ އެވެ. މި ވާހަކަ ކޮމިޝަންގެ ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވެ އެވެ.

އަފްރާޝީމް ދައްކަވާ ބައެއް ވާހަކަތަކާ ގުޅިގެން ފުރާނަ އަށް ނުރައްކާވާ ފަދަ އަމަލުތައް، އަވަހާރަކޮށްލުމުގެ ކުރިން ހިންގާފައިވެ އެވެ. މިސްކިތުން ދިމާވުމުން ފުރައްސާރަ ކުރުމެވެ. މަގުމަތިން ހަމަލާ ދިނުމެވެ. ރަހީނުކުރަން ރޭވުމެވެ. އޭރު، ކޮން ބައެއްކަން ނޭނގޭ މީސްމީހުންގެ ފަރާތުން މި އަނިޔާތަކާއި ބިރުވެރިކަން ކުރިމަތިވެ ވަޑައިގަތް އިރު ވެސް އެއީ މާބޮޑު ކަމަކަށް އަފްރާޝީމް ނުހައްދަވަ އެވެ. ފުލުހުންގެ ސެކިއުރިޓީ ހޯއްދެވި ނަމަވެސް މާ ގިނަ ދުވަހަކު އެ ރައްކާތެރިކަން ބޭނުން ނުކުރައްވާ ކަން ރިޕޯޓުން އެނގެން އޮވެ އެވެ.

އަފްރާޝީމަށް ހިތްދަތިކަން ލިބިވަޑައިގަތީ، އެކުގައި އުޅުއްވި އިލްމުވެރިންނާ ދެމެދު ހިޔާލުތަފާތުވުން ބޮޑުވެ، އެކަނިވެ، ބާކީވަމުންދާ ކަމުގެ އިހްސާސުންނެވެ. މިނިސްޓަރަކަށް ޝަހީމް ވެވަޑައިގަތުމުގެ ކުރިން މި ކަންބޮޑުވުން ހިއްސާކުރެއްވި އެވެ.

އިލްމުވެރިންގެ ހިތްހަމަނުޖެހުންތަކެއް ހުރުމުން ޓީވީ ޕްރޮގްރާމަކުން އަފްރާޝީމަށް ފުރުސަތު ނުދޭތާ ވެސް އޭރު ތިން އަހަރެވެ. އިމާމު ކަމާއި ގައުމީ ފެންވަރުގެ ދީނީ އެއްވެސް ކަމެއްގައި ބައިވެރި ނުކުރާ ކަމުގެ ކަންބޮޑުވުން އަފްރާޝީމް ބައްދަލުކުރައްވައި ހުށަހެޅުއްވީ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"އަޅުގަނޑު ގާތުގައި ވިދާޅުވި ޝަހީމް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތީމާ އެކަމަށް ހައްލެއް އަންނާނެ ކަން ޔަގީނޭ. ހުރިހާ އެންމެންނާ ގުޅިގެން އުޅެވޭ ކަހަލަ މީހެއް ނެތޭ، ޝަހީމް ނޫނިއްޔާ. ތިމަންނަ ވަރަށް ބޮޑަށް އެދެމޭ ތިމަންނައާ މުޖުތަމައުގެ ތެރޭގައި ދިމާވެފައި މިއޮތް މައްސަލަ ހައްލު ކޮށްދެއްވަން މެދުވެރިއެއްގެ ދައުރު އަދާކުރެއްވުމަށް،" ޝަހީމް ވިދާޅުވި އެވެ.

އެހާ ބޮޑު އިތުބާރެއް ކުރައްވައި އެގޮތަށް އެދިވަޑައިގަތުމުން، އެ ނުތަނަވަސްކަމަށް ހައްލު ހޯއްދަވައި ދެއްވުމަކީ، ޝަހީމް ވިދާޅުވި ގޮތުގައި، އޭނާގެ ވާޖިބެކެވެ. ސަބަބަކީ އިލްމީ ގޮތުން ބަލާއިރު އަފްރާޝީމަކީ މޮޅު، ފުރުސަތު ލިބެންޖެހޭ ބޭފުޅެއް ކަމަށް ގަބޫލުކުރައްވާތީ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް މިސްކިތެއްގައި ދަރުސް ދެއްވަނީ--. ފައިލް ފޮޓޯ

މެލޭޝިއާގައި ދެ ބޭފުޅުން އެއް ޔުނިވާސިޓީއެއްގައި ކިޔަވައި ވިދާޅުވި އިރު، ފޮތްތަކާއި އެނގިވަޑައިގަންނަވާ އިލްމެއް ހިއްސާކުރައްވައި އަފްރާޝީމް ނުހަނު ބޮޑު އެހީތެރިކަމެއް ވެދެއްވައި ދެ ބޭފުޅުންގެ މެދުގައި ވަރަށް ގާތް ރަހުމަތްތެރިކަން އުފެދުނުކަން ޝަހީމް ފާހަގަކުރެއްވި އެވެ.

ޑރ. އަފްރާޝީމަކީ ފިގުހް އަދި އުސޫލުލް ފިގްހްގެ އިލްމުން ރާއްޖޭގައި އެންމެ ފުރަތަމަ ޕީއެޗްޑީ ހެއްދެވި ދެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅާ އަށް ވާތީ، މުޖުތަމައުގައި އަފްރާޝީމަށް ހައްގު ފުރުސަތު އޮންނަން ވާނެ ކަމަށް ގަބޫލުކުރައްވައި މަސައްކަތްތަކެއް ފެއްޓެވި އެވެ.

"ފިގުހް އެކަޑަމީގެ މެމްބަރަކަށް ޑރ. އަފްރާޝީމްގެ ނަން އަޅުގަނޑު ފޮނުވިން. ޚުތުބާ ކިއުމާއި އެހެން ފުރުސަތުތައް ވެސް ހުޅުވާލިން. އަދި އެ ބޭފުޅާ ވިދާޅުވި ގޮތަށް އިލްމުވެރިންނާ އެއް މޭޒެއްގެ ދަށުގައި އެ ބޭފުޅާއާ އެއްކޮށް އަޅުގަނޑު އިލްމުވެރިންނަށް ދައުވަތު އެރުވިން،" ޝަހީމް ވިދާޅުވި އެވެ.

ސްކޮލާސް ޑައިލޮގްގެ ނަމުގައި ބޭއްވި ބައްދަލުވުން، ޝަހީމް ސިފަކުރެއްވި ގޮތުގައި، ކާމިޔާބެވެ. އެ ބައްދަލުވުމަށް ފަހު ވެސް މާތް ﷲ އަށް ޝިރުކުކުރަން ގޮވާލުން ފަދަ ކަންކަމަކީ ތިމަންނާގެ މަގްސަދެއް ނޫން ކަމަށާއި އެކަން ވަރަށް ގިނަ މީހުންނަށް އޮޅުން އަރާ ކަމަށް ވިދާޅުވެ އެ ނުތަނަވަސްކަން އޮތް ކަމަށް އަފްރާޝީމް ވިދާޅުވަމުން ގެންދެވި ކަމަށް ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ކަންކަން އިލްމުވެރިންނާއި ރައްޔިތުންނަށް އޮޅުންފިލުވައިދޭން އަފްރާޝީމް ބޭނުންވެ އެ ފުރުސަތު ލިބިވަޑައިގަންނަވާނެތޯ ތަކުރާރުކޮށް އެއްސެވި އެވެ.

"އެ ފުރުސަތު ލިބޭނެ ކަމަށް ދެންނެވިން، މަނިކުފާނަށް ފަސޭހަފުޅު ދުވަހެއްގައި އެ ފުރުސަތު އޮންނާނެ ކަމަށް ވެސް ދެންނެވިން،" ޝަހީމް ވިދާޅުވި އެވެ.

މި ވާހަކަ ދެކެވުނު ފަހުން ވެސް މަޖިލީހުގައި އިންނަވާފައި މެންދުރު ނަމާދަށް އިސްލާމީ މަރުކަޒަށް ވަޑައިގަންނަވާ ދުވަހެއް ނަމަ، އަފްރާޝީމް އޭނާއާ ބައްދަލުކުރައްވަ އެވެ. އެންމެ ކުޑަމިނުން ސަލާންކޮށްލަން ނަމަވެސް ވަޑައިގަންނަވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގައި ބިޒީކޮށް އުޅުއްވާ ވާހަކަ ވިދާޅުވެ، ފުރުސަތު ހަމަޖެހުމުން އަންގާލަ ދެއްވަން ވެސް އަފްރާޝީމް އެދިވަޑައިގަތެވެ.

މަރު ކޮމިޝަންގެ ރިޕޯޓުގައިވާ ގޮތުން ސެޕްޓެމްބަރު 25 ގައި ފޮނުއްވި މެސެޖަކުން، ޝަހީމް ވިދާޅުވި ގޮތަށް އޮކްޓޯބަރު 1 ވަނަ ދުވަހުގެ ރޭ ޓީވީއެމްގެ "އިސްލާމީ ދިރިއުޅުން" ޕްރޮގްރާމުން ފުރުސަތު ލިބޭނެތޯ އަފްރާޝީމް އައްސަވަ އެވެ. އޭގެ އެއް ދުވަސް ފަހުން އޮކްޓޯބަރު 27 ގައި މިނިސްޓްރީ އަށް ވަޑައިގެން ޝަހީމްއާ ބައްދަލުކުރައްވަ އެވެ.

ސެޕްޓެމްބަރު 30 ވަނަ ދުވަހު ހެނދުނު ޝަހީމަށް މެސެޖެއް ކުރައްވައި ޕްރޮގްރާމްގެ މައުލޫމާތު އޮޅުން ފިލުއްވަ އެވެ.

އެކަން ހަމަޖެހޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ޝަހީމް ވިދާޅުވުމުން ޖަވާބުގައި "މަނިކުފާނު ދެއްވާ ހުރިހާ އެހީފުޅެއްގެ އަގު އަޅުގަނޑު ވަޒަންކުރާނަން، ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ" ކަމަށް ވިދާޅުވެ އަފްރާޝީމް މެސެޖް ކުރައްވަ އެވެ.

އޭގެ ފަހުން، އޮކްޓޯބަރު 1 ވަނަ ދުވަހު ހެނދުނު، ޕްރޮގްރާމުން ފުރުސަތު ލިބޭނެތޯ އަފްރާޝީމް އައްސަވަ އެވެ. ޝަހީމަށް ކުރެއްވި މެސެޖުގައި ވިދާޅުވެފައި އޮތީ "މިރެ އަށް ހަމަނުޖެހުނަސް ޑރ. ވިދާޅުވި ފަދައިން ކުރިއަށް ގެންދެވުމަކީ އަޅުގަނޑު ވަރަށް އެދޭ ކަމެއް" ކަމަށް ވިދާޅުވެ އެވެ.

އަފްރާޝީމް އެ އިޝާރާތް ކުރެއްވީ ޕްރޮގްރާމުން ފުރުސަތު ނުލިބިއްޖެ ނަމަ، އިސްލާމިކް މިނިސްޓްރީގައި ބައްދަލުވުމެއް ބާއްވަން ވެވަޑައިގަތް ވައުދަށެވެ.

އަފްރާޝީމްގެ މެސެޖަށް ދެއްވި ޖަވާބުގައި އެ ރޭ ޕްރޮގްރާމުން ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ އެވެ.

"އަޅުގަނޑާ ބައްދަލުކުރަން 1 އޮކްޓޯބަރުގައި އެ ވަޑައިގެންނެވި ދުވަހުގައި، ޕްރޮގްރާމް އެހެން ގޮތަކަށް ހަމަޖެހިފައި އޮތީ ވެސް. ނަމަވެސް އެ ބޭފުޅާ ވިދާޅުވީ ތިމަންނަ ބޭނުމޭ ޕްރޮގްރާމަށް އަރާލަން. އަޅުގަނޑު އަބަދުވެސް ވައުދުވެ ވައުދުވެ ހުންނަ ކަމަކަށް ވާތީ، ޕްރޮގްރާމް ހިންގާ ޑިވިޝަނަށް ގުޅާފައި ދެންނެވިން އެ ފުރުސަތު އޮތިއްޔާ، ޑރ. އަފްރާޝީމަށް އެ ފުރުސަތު އަރުވަން އަޅުގަނޑަށް ފެނެއޭ. އެ ބޭފުޅާ ވަރަށް ބޮޑަށް އެބަ އެދިވަޑައިގަންނަވައޭ،" ޝަހީމް ވިދާޅުވި އެވެ.

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ކަން ކުރެއްވި ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު: އޭނާ ވިދާޅުވީ އަފްރާޝީމަށް ހައްގު ފުރުސަތު ހޯއްދަވައި ދެއްވަން މަސައްކަތް ކުރެއްވި ކަމަށް.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އޭރު، ޚުދު އޭނާ އަށް އަދި މިނިސްޓްރީގެ އެއްވެސް ބޭފުޅަކަށް ވެސް ޑރ. އަފްރާޝީމާ މެދު ނުރައްކާތެރި އެއްވެސް ރޭވުމެއް ރޭވެމުންދާ ކަން އެނގިވަޑައި ނުގަންނަވާ ކަމަށް ޝަހީމް ވިދާޅުވި އެވެ. އެކަމުގެ ހީއެއް ނުވަތަ އެކަން ކުރިން އެނގިވަޑައިގަންނަވާ ނަމަ ޑރ. އަފްރާޝީމްގެ ދިފާއުގައި ގުރުބާންވާން ނުކުންނެވީސް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް ވަރަށް ބޮޑު ހިތްދަތިކަމެއް ލިބުނު ކަމެއް، އިސްލާމިކް މިނިސްޓްރީގެ ޕްރޮގްރާމް ނިންމާފައި ވަޑައިގަންނަވަނިކޮށް އެ ކުރިމަތި ކުރެއްވި ކަމަކީ،" ޝަހީމް ވިދާޅުވި އެވެ.

ކޮމިޝަނަށް އަޅުގަނޑު ހާމަކުރީ ހަގީގަތް!

އަފްރާޝީމް އަވަހާރަކޮށްލުމާ ގުޅޭ ގޮތުން ޝަހީމަށް ކުރަނީ ކޮމިޝަންގެ ތަހުގީގަށް އިތުރުފުޅު ހެއްދެވި ކަމުގެ ތުހުމަތެވެ.

"މިހާރު"އާ ހިއްސާކުރެއްވި ގޮތަށް ކޮމިޝަނަށް ދެއްވި ބަޔާނުގައި ވެސް ޝަހީމް ވިދާޅުވެފައި ވަނީ އޮކްޓޯބަރު 1 ގައި އަފްރާޝީމް އިސްލާމިކް މިނިސްޓްރީ އަށް ވަޑައިގެން ޕްރޮގްރާމަށް އަރާވަޑައިގަތުމަށް އެދިވަޑައިގަތީ އަމިއްލަ އަށް ކަމަށެވެ.

އެކަމަކު، ކޮމިޝަނުން ހެކީގެ ގޮތުގައި ހޯދި ދެ ބޭފުޅުންގެ ޓެކްސްޓް މެސެޖުން ކޮށްފައިވާ މުއާމަލާތްތަކުގައިވާ ގޮތުން އަފްރާޝީމް މިނިސްޓްރީ އަށް އެ ދުވަހު ވަޑައިގަތީ ޝަހީމް އެދިވަޑައިގަތުމުންނެވެ. އެ މެސެޖްތަކަށް ބެލުމުން، ޝަހީމް ކޮމިޝަނަށް ދެއްވި މައުލޫމާތުތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށް ރިޕޯޓުގައިވެ އެވެ.

ޓެކްސްޓް މެސެޖްތަކުން އެ ދުވަހު މިނިސްޓްރީ އަށް އަފްރާޝީމް ވަޑައިގަތުމަށް ޝަހީމް ދައުވަތު ދެއްވި ކަން ފެންނަން އޮތް އިރު ވަޑައިގަތީ އަފްރާޝީމް އަމިއްލަ އަށް އެދިވަޑައިގެން ކަމަށް ކޮމިޝަނަށް މައުލޫމާތު ދެއްވީ ކީއްވެތޯ "މިހާރު" ން ސުވާލު ދެންނެވުމުން ޝަހީމް ވިދާޅުވީ ދެއްވީ ސައްހަ ތެދު މައުލޫމާތު ކަމަށާއި ދެންނެވި ހުރިހާ ވާހަކައެއް ރިޕޯޓުގައި ހިމަނާފައި ނެތް ކަމަށެވެ.

ކޮމިޝަނުން ސުވާލުކުރީ، އޭނާގެ ފޯނަށް އައި މެސެޖަކާ ގުޅޭ ގޮތުން ކަމަށް ވިދާޅުވި އެވެ. އެއީ، މީޑިއާ މެދުވެރިކޮށް ތައުބާވެ ރުޖޫއަވެއްޖެ ނަމަ ﷲ އަށް ޓަކައި އަފްރާޝީމް ދެކެ ލޯބިވާނަމޭ ބުނެ މީހަކު ފޮނުވި މެސެޖެވެ.

"އެއީ ކާކު ފޮނުވި މެސެޖެއްތޯ ސުވާލުކުރީ. ހަގީގަތުގައި އެ މެސެޖްގެ ސަމާލުކަން އައީވެސް ރިޔާސީ ކޮމިޝަނުން އެ ވާހަކަ ބުނީމަ. އަޅުގަނޑު ދެންނެވިން ހަނދާނުގައި ނެތޭ ތިފަދަ މެސެޖެއް. އަދި އެއީ ކާކު ފޮނުވި މެސެޖެއް ކަމެއް ވެސް،" ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއީ ހަތް އަހަރު ކުރީގެ ކަމަކަށް ވާތީ، ދިރާގު މެދުވެރިކޮށް އެ މެސެޖް ފޮނުވީ ކާކުކަން ބެލުމަށް ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދުގެ އަރިހުން އެދިވަޑައިގަތް ކަމަށެވެ. ފޯނުގައި ހުރި، ހުރިހާ މެސެޖްތައް ބައްލަވައިގެން ނަމަވެސް ކޮން ފަރާތަކުން ފޮނުވި މެސެޖެއްތޯ ބަލަން ހުށަހެޅުއްވި ކަމަށް ޝަހީމް ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ނޭނގޭ ދިރާގު މެދުވެރިކޮށް ސުއޫދު އެކަން ކުރެއްވި ކަމެއް. އެކަމަކު އަޅުގަނޑު އޮންނާނީ އެދިފައި ރިޔާސީ ކޮމިޝަންގެ ރައީސްގެ އަރިހުގައި އެކަމުގެ ހަގީގަތް ބައްލަވައި ދެއްވުމަށް،" އޭނާ ވިދާޅުވި އެވެ.

ތައުބާ އިއުލާންކުރާކަށް ނޭދެން

ޓީވީގެ ޕްރޮގްރާމުން އަފްރާޝީމަށް ފުރުސަތު ދެއްވީ ދައްކަވާފައި ހުރި ބައެއް ވާހަކަތަކަށް ތައުބާވުން އިއުލާންކުރައްވަން ވިދާޅުވެފައި ކަމަށް ޝަހީމަށް ތުހުމަތު ކުރެ އެވެ. އެކަމަކު އޭނާ ވިދާޅުވަނީ އެފަދަ އެއްވެސް ކަމަށް އެދިވަޑައިނުގަންނަވާ ކަމަށެވެ.

"އެ ބޭފުޅާ ވެސް އަޅުގަނޑުގެ ގާތު ދަންނަވާފައި ނުވޭ މާފަށް އެދިވަޑައިގަންނަވާނަމެކޭ. އަޅުގަނޑަކަށް ވީ ސަޕްރައިޒަކަށް. އަޅުގަނޑުގެ ގާތު ވިދާޅުވެފައި އޮތީ ތިމަންނާ ނަދުރު ބުނުން ފަދަ ކަންކަމާ ބެހޭ ގޮތުން ދައްކަވާފައި ހުރި ވާހަކަތަކުގައި އަރާފައި ހުރި އޮޅުންތައް ތިމަންނާ ބޭނުމޭ ރައްޔިތުންނަށް ސާފުކޮށްދެއްވަން،" ޝަހީމް ވިދާޅުވި އެވެ.

ޑރ. އަފްރާޝީމަކީ އޭނާ އިހްތިރާމްކުރައްވާ އަދި އިލްމުގެ ގޮތުން ވެސް ދޮށީ ބޭފުޅަކަށް ވާ އިރު ތައުބާ އިއުލާންކުރައްވަން ވިދާޅުވާން ކެރިވަޑައިގަންނަވާނީ ކިހިނެއްތޯ ޝަހީމް ސުވާލު ކުރެއްވި އެވެ.

ޓީވީން ފުރުސަތު ލިބިވަޑައިނުގެންފި ނަމަ، ޕްރެސް ކޮންފަރެންސެއް ބާއްވައި ދޭން ޝަހީމް ވައުދުވެވަޑައިގަތް ކަމަށް ރިޕޯޓުގައިވެ އެވެ. އެއީވެސް ކޮމިޝަނަށް އެރި އޮޅުމެއް ކަމަށް ޝަހީމް ވިދާޅުވި އެވެ.

ޓީވީއެމަކީ ޝަހީމްގެ ބެއްލެވުމުގެ ދަށުން ހިނގާ ތަނަކަށް ނުވާތީވެ، އެތަނުން ފުރުސަތު ލިބިވަޑައިނުގެންފި ނަމަ އިސްލާމިކް މިނިސްޓްރީގައި ބައްދަލުވުމެއް ހަމަޖައްސަވައި ދެއްވައި މީޑިއާ އަށް ވެސް ދައުވަތު ދެއްވާނެ ކަމަށް ވިދާޅުވި ކަމަށެވެ. އެއީ، އެ ބޭފުޅާ ތައުބާ އިއުލާން ކުރައްވަން ބާއްވާ ޕްރެސްކޮންފަރެންސެއްގެ ވާހަކަ ނޫން ކަމަށް ޝަހީމް ވިދާޅުވެ އެވެ.

އޭނާ ހެއްދެވީ ދޮގެއްތޯ ސާފުކުރަން، އަފްރާޝީމާ އެކު ޑައިލޮގުގައި ބައިވެރިވި އިލްމުވެރިންގެ ގާތުން އަހައި އޮޅުންފިލުވާފައި ނުވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް: އިލްމުވެރިންގެ މެދުގައި އޮންނަ ހިޔާލުތަފާތުވުންތައް ނައްތާލަން މިނިސްޓަރަކަށް ހުންނެވި އިރު ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށް ވިދާޅުވި.

ދެއްކެވި ބައެއް ވާހަކަތަކުން ބައެއް އިލްމުވެރިންނާ، އަފްރާޝީމާ ދެމެދު ހިޔާލުތަފާތުވުންތަކެއް އުފެދިފައިވީ ނަމަވެސް ގިނަ އިލްމުވެރިންގެ ބަހަށް ބަލާއިރު، އެ ވާހަކަތަކުގެ ސަބަބުން އަފްރާޝީމް އަވަހާރަކޮށްލުމަކީ ފުރިހަމަ އަށް ދީނީ އިލްމު އުގެނިގެން ތިބި އިލްމުވެރިން ފަހަތުގައި ތިބެ ކުރާނެ ކަމެއް ނޫނެވެ. އެކަން ކުރީ ދީނުމުގެ ނަމުގައި މީހުން މެރުމުގެ ވިސްނުން ގެންގުޅޭ ބައެއް ކަން ތަހުގީގަށް ވަނީ ހޯދައިފަ އެވެ.

މަރު ކޮމިޝަނުން ބުނެފައިވާ ގޮތުގައި އަފްރާޝީމް އަވަހާރަކޮށްލި ހަމަލާ ރޭވީ މާލޭގައި ކުށުގެ އަމަލުތައް ހިންގަމުން ދިޔަ އަޒްލިފް ރައޫފެވެ. ހަމަލާދިނީ ހުސެއިން ހުމާމާއި އަލީ ޝާންގެ އިތުރުން 18 ނުފުރޭ ކުޑަކުއްޖެކެވެ. އޭނާއާ އެކަން ހަވާލުކުރީ ދީނީ ގޮތުން އަފްރާޝީމާ ޚިޔާލު ތަފާތުވާ ބަޔަކު ކަން ތަހުގީގުން ވަނީ ހޯދިފަ އެވެ. އެ ނެޓްވޯކް ރާއްޖޭގައި ހަރަކާތްތެރިވާ ގޮތާއި މީހުންނަށް ކުރިމަތިކޮށްފައިވާ އަނިޔާތަކާއި ޖަރީމާތައް ވެސް ރިޕޯޓުގައި ހިމަނާފައިވެ އެވެ.

93 ކޮމެންޓް, 119 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 10%
icon angry icon angry 71%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަޖްވާ

20 November 2019

މި ސަހީމަކީ ދެން މާ މޮޅު މީހަކަށް ހެދިގެން ތެޅިބާލާ މީހެއް!

The name is already taken The name is available. Register?

ިއިބްރާ

21 November 2019

ބަޖުވާ އަށް މާތްﷲ ތެދުމަގު ދައްކަވައި އެމަގުން ހިނގުމުގެ ތައުފީޤް ދެއްވާށި

The name is already taken The name is available. Register?

ހުތާ

20 November 2019

ދެންކޮބާތޯ ޖެހިގެން އައިދުވަހު ރާއްޖެއިން ބޭރަށް ފުރި ސަބަބު؟ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގަންނަވަނީ މާތް ﷲ، މީހަކަށް ދެރައެއް ދީފަ ނުވަތަ ގަތުލެއްގައި އެއްވެސް ސިފައެއްގައި ބައިވެރިވެފަ ހުރިމީހކަށްވެސް އުފަލުގަ ދިރިއެއް ނޫޅެވޭނެއެވެ.

The name is already taken The name is available. Register?

ހާމިދޫ

20 November 2019

މިފެންނަނީ ނޫސްތަކުން މައްސަލަތަކުގައި ވަކިގޮތަކަށް ހުކުމް އިއްވާތަން.

The name is already taken The name is available. Register?

ކިޔުންތެރި

20 November 2019

އިސްލާމްދީނުގާ ދޮގުހެދުމަކީ ޚަރާމްކަމެއްކަން މީނާއަށް އެނގޭބާ

The name is already taken The name is available. Register?

މީނާ

19 November 2019

ދީނީ މީހުންގެ އަގު ވައްޓާލުމުގެ މަސައްކަތް ކުރެވެމުން މިދަނީ

The name is already taken The name is available. Register?

ޚޮނަ

20 November 2019

ދީނީ އޭ ހަމަ ބުނާ އިރަށް މީހާގެ އަގު އަރާ އާސްމާނުގައި ނުޖެހޭނެ. އަގު އެއީ ތިމާ އުޅޭ ގޮތަކުން ވެއްޓި ކުރިއަރާ އެއްޗެއް. ދީނުގެ ބިއްދުށަށް ވަދެ ފިލާ އޮވެގެން ވަރިހަމަ ދޯ އިންސާނުން ގަތުލުކުރުމަށް މަގުފަހި ކުރިޔަސް؟

The name is already taken The name is available. Register?

އަހުމަދު.

20 November 2019

އަގެއްހުރި މީހެއްގެ އަގެއް ނުވެއްޓޭނެ. ވެއްޓޭނީ އަގެއްނެއް މީހުންގެ އަގުވެއްޓޭނީ. ދީނީ މީހުންނަކީ އެހެން މީހުނާ ތަފާތުކޮށް ބޯމަތީގައި އެމީހުންގެ އަގު ބާއްވައިގެން އުޅޭބައެއްތަ.؟ ދީނީ އިލްމުވެރިންނަށް ހެދިގެންއުޅޭ ބަޔަކުވެސް އެބައުޅޭ. ނުލާހިކު މުޑުދާރުންވެސް އުޅޭ.

The name is already taken The name is available. Register?

މުހައްމަދު

19 November 2019

ހައްގު ތެދެއް ހަމަ.

The name is already taken The name is available. Register?

ޕްރެސިޑެންޓް

19 November 2019

މިވާގޮތުން އެބައެނގޭތާ ތިބުނާ ހައްދުފަހަނައެޅި ގްރޫޕަކީ ހަމައެކަނި ލާދީނީ މީހުންނަށް ހުރި ބިރެއްނޫންކަން، އެބައިމީހުންނަކީ އިސްލާމްދީނުގަ ހުރި އެހެން މަޛްހަބުތަކާ ގޮތްތަކަށް އުޅޭ މީހުންނަށްވެސް ހުރި ބޮޑު ބިރެއްކަން. އިސްލާމްދީން ހިމާޔަތްކުރުމުގެ ނަމުގެ މިބައިމީހުންގެ ފިކުރު މިރާއްޖޭގެ ދީނީ ޤާނޫނުތަކާއި ޤަވާޢިދުތައް ހައިޖެކްކުރުމުގެ ފުރުސަތު ނުދެއްވުމަށް ދިވެހި ލޮބުވެތި ހުރިހާ ރައްޔިތުންނަށް ގޮވާލަން.

The name is already taken The name is available. Register?

އެމްސް

19 November 2019

ޝަހީމް ހިމެނޭގޮތަށް ޤާނޫނީ ވެރިކަމަކާއި ދެކޮޅަށް ބަޔަކުވަނީ ޙަރާމް ބަޣާވާތެއްވެސް ކޮށްފަ، ވީކަމެއް އެބައޮތް؟ އެކަން ހިނގީ ލައިވްޓެލެކާސްޓަޢިވެސް އެލު، އެހެންކަމުން ތިޔަކަމުގަ ޝަހީމަށް ވާނެ އެއްވެސް ކަމެއް އަމުދަކުން ނެތް!

The name is already taken The name is available. Register?

މ

19 November 2019

އާނ. ހަމަ ދީނޭ ކިޔާފަ ސިޔާސީ މީހުން ކުރި ކަންތައް.

The name is already taken The name is available. Register?

މުހައްމަދު ހާސަރު

19 November 2019

ފޯވާޑު ކުރި މެސެޖު ފޮނުވީ ކާކުކަން ހަނދާން ނެތޭ ބުނުމަކީ ގަބޫލުކުރެވޭނެ ވާހަކައެއް ނޫން. މި ކިޔަނީ ކޮންމެ ދުވަހެއްގެ ދުވަހު ދުއާ ކަހަލަ މެސެޖެއް މީހުންތަކަކަށް ފޮނުވި ވާހަކައެއް ނޫން. އަދި އެމެސެޖަށްފަހު އެ މެސެޖުގައި ވާހަކަދެކެވިފައިވާ މީހާ ގަތުލުކުރެވުނު ހާދިސާއެެއްގެ ވާހަކަ. ވީމާ އެކަން ހަނދާން ހުންނާނެ.

The name is already taken The name is available. Register?

ކެނެޑީ

19 November 2019

ދިވެހިން ސަމާލުވޭ، މީހަކު ދީނީ ޢިލްމުގެ ގޮތުން އަރާ އުޑުގަ ޖެހުނަސް އެއީ އޭނާގެ ތަޤްވާވެރިކަމުގެ ނިޝާނެއްނޫން، ފަތްފުއްތަކުން އެނގޭގޮތުގަ އިންސާނުންގެ ކުރިން އިބްލީސްއަކީ އިލްމީގޮތުން އެންމެ އަރާހުރިމީހާ އެކަމަކު އޭނާ ބޮޑާވެ އުރެދުމުން އޭނާގެ މާތްމަގާމު ގެއްލި އެންމެ ގޯސްމަގާމަށް ވެއްޓުނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454