ޖަމިއްޔާތަކުގެ ރަޖިސްޓްރާ ކަނޑައެޅުމުގެ ބާރު ރައީސަށް ލިބޭ ގޮތަށް، ޖަމިއްޔާތަކާ ބެހޭ ބިލް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހަޅައިިފި އެވެ.
މިހާރު އަމަލުކުރާ ގާނޫނު ބުނާ ގޮތުން ރަޖިސްޓްރާ ކަނޑައަޅާނީ ޔޫތު މިނިސްޓްރީންނެވެ. ނަމަވެސް އާ ބިލާއެކު އެ އުސޫލަށް ބަދަލު އާދެ އެވެ.
ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ މިއަދު އެ ބިލްގެ އިބްތިދާއީ ބަހުސްގައި ވިދާޅުވީ އާ ބިލާއެކު ރަޖިސްޓްރާ ކަނޑައަޅާނީ ރައީސް ކަމަށް ވިޔަސް ރަޖިސްޓްރާ ޖަވާބު ދާރީވާން ޖެހޭނީ މިނިސްޓަރަކަށް ކަމަށެވެ.
އެގާރަ ބާބާއި 81 މާއްދާ ހިމެނޭ ބިލުގައި ޖަމިއްޔާތައް ރަޖިސްޓްރީ ކުރެވޭނެ ގޮތާއި އުވާލެވޭނެ ގޮތް ބަޔާންކޮށްފައިވެ އެވެ. އަދި ޖަމިއްޔާތައް ހަރަކާތްތެރިވެވޭނެ ގޮތްތައް ބުނެފައިވެ އެވެ.
އާ ގަވައިދުގައި ވެސް މިހާރު އަމަލުކުރާ ގަވައިދާ އެއްގޮތް ކަންތައްތަކެއް ހިމެނެ އެވެ. އެގޮތުން ކޮންމެ ޖަމިއްޔާއެއް ވެސް ރަޖިސްޓްރީ ކުރަން ހުށަހަޅަން ވާނީ އަސާސީ ގަވައިދަކާ އެކު އެވެ. އަދި އަސާސީ ގަވައިދާ އެއްގޮތަށް ހިންގާ ގަވައިދެއް އެކުލަވާލަން ޖެހެ އެވެ.
ޖަމިއްޔާތަކުން ކުރުން މަނާ ކޮށްފައިވާ ކަންކަން:
• އެއްވެސް ޖިނާއީ ކުށެއް
• އެއްވެސް ބާވަތެއްގެ އަސްކަރީ ތަމްރީނެއް ނުވަތަ ހަރަކާތެއް ހިންގުން
• ގާނޫނުން ލިބިދޭ ބާރުތަކުގެ ބޭރުން މީހެއްގެ ހައްގަކަށް އުނިކަމެއް އަތުވެދާނެ ކަމެއް ކުރުން
ޖަމިއްޔާތަކުން ކުރާ ގާނޫނާ ޚިލާފް ކަންކަމާ ގުޅިގެން ފިޔަވަޅު އެޅުމުގެ އުސޫލުތަކާއި އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، ޖަމިއްޔާ އިން ކުރާ ގާނޫނާ ޚިލާފް ކަންކަން ހުއްޓުވުމުގެ ބާރު ވެސް ރަޖިސްޓްރާ އަށް ބިލުން ދީފައިވެ އެވެ.
ބިލްގެ މަގްސަދަކީ، ގާނޫނުއަސާސީން ލިބިދޭ ޖަމިއްޔާތައް އުފެއްދުމުގެ ހައްގު ފުރިހަމަ އަށް ދިނުމަށާއި އެކަމާ ގުޅޭ އުސޫލުތައް ހިންގުމާއި ޖަމިއްޔާތަކަށް ފައިސާ ހޯދުމާއި ދަރަންޏަށް ޒިންމާ ކުރުވުމުގެ އުސޫލުތައް ބަޔާން ކުރުމުގެ އިތުރުން އެ ތަންތަން ހިނގަމުންދާ ގޮތް ބަލައި، ޒިންމާދާރު ކުރުވުމާއި އުވައިލުމުގެ އުސޫލުތައް ބަޔާން ކުރުމެވެ.
މިހާރު އަމަލު ކުރަނީ 2003 ވަނަ އަހަރު އަމަލުކުރަން ފެށި ޖަމިއްޔާތަކާ ގާނޫނަށެވެ. ސަރުކާރުން އަލަށް އެކުލަވާލި ބިލް ފާސްވުމާ އެކު، ކުރީގެ ގާނޫނު އުވޭނެ އެވެ.