"ދިވެހި އެންމެންގެ ޕާޓީ" ހަދަން ހުއްދަ ދީފި

"ދިވެހި އެންމެންގެ ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުއްދަ ދީފި އެވެ.


ދިވެހި އެންމެންގެ ޕާޓީ ހަދަން ހުއްދަ ދީފައި ވަނީ މ. ހުނަރު، އަލީ ޝުޖާއު އަށް ކަމަށް އީސީ އިން ބުންޏެވެ. ޕާޓީއެއް އުފައްދަން ކުރަންޖެހޭ މަސައްކަތްތައް ކުރަން ހުއްްދަ ދީފައިވާ ކަމަށް ވެސް އީސީ އިން ބުންޏެވެ.

އީސީ އިން މިއަދު ކުރި ޓްވީޓެއް

ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްދޭނީ، އެ ޕާޓީއާ ގުޅެން ބޭނުންވާ 3000 މެމްބަރުން ހަމަކުރުމުންނެވެ. އަދި ޕާޓީއަކަށް ދައުލަތުން ފައިސާ ދޭނީ، އެ ޕާޓީއެއްގައި 10،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވުމުންނެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އުފައްދަން ހުށަހަޅާފައިވާ މައުމޫން ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރަން ވެސް އީސީ އިން ވަނީ މިއަދު ނިންމާފަ އެވެ. ރަޖިސްޓްރީކުރުމުގެ ސެޓްފިކެޓް ހަވާލުކުރާނީ އަންނަ ހޯމަ ދުވަހެވެ.