ރައީސް ނަޝީދުގެ ޗެލެންޖް އިދިކޮޅަށް: ވޯޓުލާން 200 މީހުން ނެރޭ!

އިދިކޮޅު ޕީޕީއެމުން ޕާޓީގެ އިންތިޚާބެއްގައި ވޯޓުލާން 200 މީހުން ވެސް ނުނެރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


އެމަނިކުފާނު މިހެން ވިދާޅުވީ އިއްޔެ އެމްޑީޕީން ބޭއްވި ލީޑާޝިޕް އިންތިހާބުގައި ވޯޓުލި މީހުންގެ އަދަދު ދަށްކަމަށް ބުނެ އިދިކޮޅުން ކިޔަމުން އަންނަ ފާޑުކިޔުންތަކަށް ރަށްދު ދެއްވުމުގެ ގޮތުންނެވެ.

ތިމާވެއްޓަށް މަސައްކަތްކުރާ އަމިއްލަ ގްރޫޕެއް ކަމަށްވާ "ބެއްޔާ" އިން ޓީ-ޝާޓް ވިއްކުމުގެ ކެމްޕޭން ލޯންޗު ކުރުމަށް މޯލްޑިވިއަންގެ ސީ ޕްލޭން ޓާމިނަލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިއަކު ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ އިންތިހާބުގައި ވޯޓުލި މީހުންނަކީ ހުރިހާ އިންތިހާބެއްގައި ވެސް އެ ޕާޓީގެ އިސް ސަފުގައި މަސައްކަތް ކުރާ މެމްބަރުން ކަމަށެވެ. އަދި ވޯޓުލި މިންވަރާ މެދު އެމަނިކުފާނު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ތަރައްގީވެފައިވާ ގައުމުތަކުގައި ސިޔާސީ ޕާޓީތަކުގައި ޖުމްލަކޮށް އުޅޭނީ ވޯޓުގެ އާބާދީގެ ހަތް ޕަސެންޓް. މި ޕާޓީގެ އިންތިހާބުތަކުން މޮޅުކުރުމަށް ހަރަކާތްތެރިވާ 25،000 މީހުން އެތިބީ ހަމަ އެއްވެސް ބަދަލެއް ނައިސް. އަޅުގަނޑު ވާދަވެރިން ކައިރީގައި އަހާލަން ބޭނުންވަނީ ތިޔަ ބޭފުޅުން 200 އެއްހާ މީހުން ނެރުއްވަން ވީ ނޫންތޯއޭ؟" ރައީސް ނަޝީދު ވިދާޅުވި އެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި އެމްޑީޕީގެ ރައީސްކަމުގެ މަގާމު ނަޝީދު ދިފާއު ކުރެއްވި ނަމަވެސް ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމަނިކުފާނަށް ލިބިވަޑައިގެންނެވީ 23،369 ވޯޓެވެ. އެ ޕާޓީގައި ވޯޓު ހައްގުވާ 87،439 މީހުން ތިބެ އެވެ.

ރައީސް ނަޝީދު ވިދާޅުވިގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި އޮންނަ އެ ޕާޓީގެ ދަފްތަރާއި ޕާޓީގައި އޮންނަ ދަފްތަރާ ވެސް ވަރަށް ބޮޑު ފަރަގެއް އެބަހުއްޓެވެ. ޕާޓީގެ ދަފްތަރުގައި 87،000 މެމްބަރުން ތިބި އިރު އިލެކްޝަންސް ކޮމިޝަނުގައި އޮންނަ ދަފްތަރުގައި ތިބީ 50،000 އެއްހާ މެމްބަރުން ކަމަށް ނަޝީދު ވިދާޅުވި އެވެ.