ހައްޖު ކޯޓާގެ ބައެއް، ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ހާއްސަ ކުރަނީ

ރާއްޖޭން މީހުން ހައްޖަށް ގެންދަން ލިބޭ ހައްޖު ކޯޓާގެ ތެރެއިން ފަސް ޕަސެންޓު، ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ހާއްސަ ކުރުމަށް ހައްޖު ކޯޕަރޭޝަނުން ނިންމައިފި އެވެ.


އެ ކޯޕަރޭޝަނުން ބުނީ، ބޮޑެތި ބަލިތައް ތަހައްމަލު ކުރާ މީހުންގެ ގޮތުގައި ބެލެވޭނީ ފުރާނަ އަށް ނުރައްކާވާ ފަދަ ބަލިތައް ހުންނަ މީހުން ކަމަށެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމުގައި، ބޮޑެތި ބަލިތައް ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އިސްކަން ދިނުމަށް ނައިބު ރައީސް ފައިސަލް ނަސީމް، ހައްޖު ކޯޕަރޭޝަންގެ ވެރިންގެ ކިބައިން ވަނީ މިދިޔަ ސެޕްޓެމްބަރު މަހު އެދިވަޑައިގެންފަ އެވެ.

އެކަމަށް އަމަލުކޮށް، ހައްޖު ކޯޕަރޭޝަނުގެ ހިދުމަތް ހޯދުމާ ބެހޭ އުސޫލަށް މިހާރު ވަނީ އިސްލާހު ގެނެސްފަ އެވެ. އެ އިސްލާހުގައިވާ ގޮތުން ހައްޖަށް ގެންދިއުމަށް އެ ކޯޕަރޭޝަނަށް ލިބޭ ކޯޓާގެ ތެރެއިން ދޫކުރާ ފަސް ޕަސެންޓަށް ހުށަހެޅުމުގެ ފުރުސަތު، ކޮންމެ ހައްޖު މޫސުމަކާ ދިމާކޮށް އެ ކުންފުނިން ހުޅުވައިލާނެ އެވެ.

އަދި އެ ފުރުސަތަށް އެދި ހުށަހަޅާއިރު، ބަލީގެ ތަފްސީލު ހިމެނޭ ޑޮކްޓަރުގެ ލިޔުން ހުށަހަޅަން ޖެހެ އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނިގޮތުގައި، އެ ފުރުސަތު ދޭނީ ހުށަހަޅާ ތަރުތީބުންނެވެ. ޖާގަ ދިނުމުގައި، ބަލި މީހާގެ ހާލަތަށް ބަލައި، ގިނަވެގެން ދެ އެހީތެރިއަކު އެކުގައި ގެންދިއުމަށް ފުރުސަތު ދިނުމުގެ އިހްތިޔާރު ލިބޭ ކަމަށް އެ ކުންފުނިން ބުންޏެވެ.