ފުއާދު އިލެކްޝަންސް ކޮމިޝަނަށް އައްޔަންކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް އެ ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރައްވައިފި އެވެ.


ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ފުއާދަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓަށް ދާދި ފަހުން، އައްޔަން ކުރެއްވި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. މި ރަސްމިއްޔާތުގައި އީސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ވަނީ ފުއާދާ ހަވާލުކުރައްވައިފަ އެވެ.

މެމްބަރު ކަމުގެ ހުވާ ކުރެއްވުމަށް ފަހު، އިލެކްޝަންސް ކޮމިޝަންގެ ރަސްމީ މަސައްކަތާ އޭނާ މިއަދު ވަނީ ގުޅިވަޑައިގެންފަ އެވެ. އަދި އީސީ އިން ވަނީ ފުއާދަށް މަރުހަބާ ވެސް ކިޔައިފަ އެވެ.

މި މަހުގެ 13 ވަނަ ދުވަހު ބޭއްވި މަޖިލިހުގެ ޖަލްސާގައި އީސީގެ މެމްބަރު ކަމަށް ފުއާދު އައްޔަން ކުރަން ފެންނަ ކަމަށް ފާސްވީ 70 މެމްބަރުންގެ އިއްތިފާގުންނެވެ. ފުއާދު އައްޔަން ކުރަން މަޖިލިހުން ރުހުން ދީފައި ވަނީ އެ ކޮމިޝަނުގައި ހުންނެވި އަމްޖަދުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.

އީސީ އަށް އައްޔަން ކުރަން މަޖިލިހުން ރުހުން ލިބުނު ފުއާދަކީ 2013ގެ ރިޔާސީ އިންތިހާބު ބޭއްވި އިރު، އެ ކޮމިޝަންގެ ރައީސެވެ. އޭނާ އީސީން ވަކިކުރީ ސުޕްރީމް ކޯޓުން އަމިއްލަ އިސްނަގައިގެން މައްސަލައެއް ބަލައި އިއްވި ހުކުމަކަށް ފަަހު އެވެ.

ސުޕްރީމް ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ކަނޑައަޅާ އޭނާގެ މައްޗަށް ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ. އަދި ފުއާދުގެ މެމްބަރު ކަމުގެ ޝަރުތު ގެއްލިއްޖެ ކަމަށް ވެސް އެ ކޯޓުން ކަނޑައެޅި އެވެ. އެކަމަކު ޖަލު ހުކުމް ތަންފީޒުކުރައްވާކަށް ޖެހިވަޑައެއް ނުގަތެވެ.

މިދިޔަ މަޖިލިސް އިންތިހާބުގައި މައްޗަންގޮޅި ދެކުނު ދާއިރާ އަށް އޭނާ ވާދަ ވެސް ކުރެއްވި އެވެ. އެކަމަކު ވީ ނާކާމިޔާބެވެ.