އަންހެނަކު ފިރިހެނަކު ލާހެން ހެދުން ލާ ކަމަށް ބުނެ އޭނާ އަށް ފުރައްސާރަކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފުލުހުންގެ ތަރުޖަމާން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ ހެދުން އަޅާ ގޮތުން އަންހެނަކަށް ފުރައްސާރަ ކުރި މައްސަލައެއް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެކަން ފެންމަތިވެފައި ވަނިކޮށް އޭނާ ކުރިން މަސައްކަތްްކުރި މެރާކީ ކެފޭގެ ބިއްލޫރިގަނޑު ރޭ ތަޅާލާފައި ވެ އެވެ.
"މި މައްސަލަތައް ފުލުހުން ދަނީ ބަލަމުން. މިފަދަ މައްސަލަތަކުގައި ފުލުހުން އެސެސްމަންޓް ހަދާފައި ރައްކާތެރިކަން ދޭންޖެހޭ ފަރާތްތަކަށް އެ ރައްކާތެރިކަން ދެމުންދާނެކަމުގެ ޔަގީންކަން އަރުވަން،" އިޒްމިއާ ވިދާޅުވި އެވެ.
މަންޒަރު ދުށް މީހުން ބުނެފައިވާ ގޮތުގައި، މެރާކީ އަށް ގާ އުކީ ސައިކަލެއްގައި ދިޔަ ދެ މީހެކެވެ.
އަލޯރާ ފަރުނީޗަރު ކައިރީގައި ހުންނަ މެރާކީ އަށް ހަމަލާދިން މީހުން ފުރަތަމަ އެއްލި ގާބުރިން ބިއްލޫރިގަނޑު ތަޅައިގެން ނުދިިއުމުން ދެވަނަ ފަހަރަށް ވެސް ގާބުރިއެއް އެއްލި ކަަމަށާއި އިންޒާރުގެ ނޯޓެއް ތަތްކުރީ އޭގެ ފަހުން ކަމަށް ވެސް މަންޒަރު ދުށް މީހުން ބުނެފައި ވެ އެވެ.
އެ އިންޒާރުދީފައި ވަނީ އަންހެނުން ފިރިހެން ނުވުމަށާއި ފިރިހެނުން އަންހެން ނުވުމަށެވެ.