ފެނަކައިގެ އިންޖިނިއަރުންގެ މަހާސިންތައިގެ ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނަކަށް ވަޑައިގަތް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ނަސީމް (މ) އާއި ފެނަކައިގެ ބައެއް އިސްވެރިން އެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގަންނަވަނީ -- ފޮޓޯ: ފެނަކަ
02 ޑިސެމްބަރ 2019 - 00:09
އިލެކްޝަންތަކާ ދިމާކޮށް ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންނަށް ކުރިއެރުންދީ އުޅުނު ގޮތް މިހާރު ވާނީ ދޫކޮށްލާފައި ކަމަށާއި، އެ ކުންފުނީގެ މުވައްޒަފުންނަށް ދެން ކުރިއެރުން ދޭނީ އެތަނުގެ އުސޫލްތަކާ އެއްގޮތަށް ކަމަށް ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.
ފެނަކައިން ދަރުބާރުގޭގައި މިއަދު ކުރިއަށް ގެންދިޔަ އިންޖިނިއަރުންގެ މަހާސިންތައިގެ ނިންމުމުގެ ރަސްމިއްޔާތުގައި އިބްރާހިމް ވަހީދު ވިދާޅުވީ، މިދިޔަ ފަސް އަހަރު އެ ކުންފުނީގެ 1750 މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުމާއި މަގާމުގެ ކުރިއެރުން ދީފައިވާ ކަމަށެވެ. ނަމަވެސް ދީފައިވާ ކުރިއެރުންތައް އިއްތިފާގުވެފައި ވަނީ އެކި އިންތިހާބުތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ފެނަކައިގެ އިންޖިނިއަރުންގެ މަހާސިންތައިގެ ނިންމުމުގެ ރަސްމިއްޔާތުގައި ޑީއެމްޑީ އިބްރާހިމް ވަހީދު ވާހަކަދައްކަވަނީ -- ފޮޓޯ: ފެނަކަ
"އެންމެ ގިނައިން ކުރިއެރުން ދީފައި ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ދުވަސްވަރު. 648 މީހުންނަށް އެބަ އޮތް ކުރިއެރުން ދީފައި،" އިބްރާހިމް ވަހީދުވިދާޅުވި އެވެ.
އޭޭނާ ވިދާޅުވީ މި އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ފެނަކައިން ވާނީ 1،200 އަށް ވުރެ ގިނަ މުވައްޒަފުންނަށް ކުރި އެރުން ދީފައި ކަމަށެވެ. ނަމަވެސް އެއީ އެތަނުގެ ގަވާއިދާއި އުސޫލުގެ ދަށުން، ކުރިއެރުން ހައްގު ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ކުރިއެރުން ދިނީ އެއްވެސް އިލެކްޝަނަކާ ދިމާކޮށްފައި ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން މި މަހާސިންތާގައި ފެނަކަ އިން ވަނީ އެތަނުގެ ހުރިހާ ބްރާންޗުތަކެއްގައި ހުންނަ އިންޖީނުތައް ލައިވް ސިންކްރޮނައިސް ކުރުން އިފްތިތާހު ކޮށްފަ އެވެ. މިއަދު އެ ސިސްޓަމް އިފްތިތާހުކުރީ، އެ ސިސްޓަމަށް ނުގުޅައި ހަމައެކަނި ބްރާންޗް ކަމަށްވާ ހއ. ތަކަންދޫގެ އިންޖީނު ގުޅާލުމަށް ފަހު އެވެ. މި ސިސްޓަމުގެ އެހީގައި އެ ކުންފުނީގެ ހެޑް އޮފީހަށް އެތަނުގެ ހުރިހާ ބްރާންޗެއްގެ އިންޖީނުތައް ވަގުތުން ބަލައިލެވޭނެ އެވެ.
ފެނަކައިގައި 3،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. މިއަދުގެ މަހާސިންތާގައި އެތަނުގެ ހުރިހާ ބްރާންޗުތަކުން 189 ޓެކްނިކަލް މުވައްޒަފުން ބައިވެރިވި އެވެ. ކުރިއަށް އޮތް ތަނުގައި ވެސް އެތަނުގެ މުވައްޒަފުންނަށް އަމާޒުކޮށް މިފަދަ މަހާސިންތާތައް ކުރިއަށް ގެންދަން ވިސްނާ ކަމަށް ފެނަކަ އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮލުގައި އަޅުވާ އަނދުން
02 December 2019
މިފްކޯގައިވެސް އެންމެފަހުން އޮތް މަޖިލިސް އިންތިޚާބާއި ދިމާކޮށް މުވައްޒަފުންނަށް ކުރިއެރުންދިނީ އުސޫލުން ބޭރުން. ހުވަދުއަތޮޅު އުތުރުބި މެންބަރުންގެ ނުފޫޒު އިންތިހާއަށް ފޯރުވި. ހިންނަވަރުންވެސް މި އުސޫލު. ވީމާ، ހަޤީގަތުގައި ބުރަ މަސައްކަތް ކުރާ ޤާބިލް މުވައްޒަފުން ހައްޤުވާ ކުރިއެރުން ހޯދަން އެދެންވީ ކޮން މެންބަރެއްގެ ގާތުގައިތޯ ސަރުކާރުން ބުނެދިނުން ވަރަށް މުހިންމު! ދިރިއުޅުން ބިނާ ކުރަންވާނީ ނޫސްތަކުގެ ފަލަސުރުހީއަށްވުރެއް ހަޤީގަތުގެ މައްޗަށް!
ބޮޅާބޯ
02 December 2019
މިފަހަރު ޕްރޮމޯސަން ދިނީ އިންތިހާބަކާ ދިމާކޮށެއްނޫން. މިފަހަރު ދިނީ ކުލަޔަށް ބަލައިގެން. މަދަނަ އިންބެއަށް ވަރަށް ސަލާން
އަނިޔަ
02 December 2019
އެއްކަމެއްވެސް ބަދަލެއް ނުވޭ. މިހާރުވެސް ވަޒީފާ ދެނީީވެސް، ޕްރޮމޯޝަން ދެނީވެސް ދާއިރާ އެމްޕީ އަންގާ ގޮތަކަށް.