ޚަބަރު / މައުލޫމާތު ހޯދައި ލިބިގަތުން

މައުލޫމާތު ލިބިގަތުމަށް ހޭލުންތެރި ކުރުވަން ކެމްޕެއިނެއް

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނަށް އާއްމުންނާއި މުއައްސަސާތަކުގެ ވެރިން ހޭލުންތެރި ކުރުވުމަށް ބޮޑު ކެމްޕެއިނެއް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު ފަށައިފި އެވެ.

"މާއްދާ 29، މިވެސް ހައްގެއް" ކެމްޕެއިން ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެވެ. ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހް ޖަމާލާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒްގެ އިތުރުން ދައުލަތުގެ މުއައްސަސާތަކުގެ ބައެއް ވެރިން ބައިވެރިވެ ވަޑައިގަތެވެ.

ކެމްޕެއިން ފައްޓަވައި ދެއްވުމަށް ފަހު މިނިސްޓަރު ފައްޔާޒް ވިދާޅުވީ މައުލޫމާތު ލިބިގަތުމުގެ ގާނޫނު ވަރަށް ފުރިހަމަ ނަމަވެސް އެކަން މިހާތަނަށް ތަންފީޒު ކޮށްފައިނުވާ ކަމަށެވެ. މިސަރުކާރުން އެ ގާނޫނުތައް ތަންފީޒުކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީގައި ވެސް އެ ގާނޫނު ރަނގަޅަށް އަދި ތަންފީޒު ނުކުރާ ކަމަށާއި އެ ކެމްޕެއިނާއެކު އެކަން އެ މިނިސްޓްރީގައި ތަންފީޒު ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ގާނޫނު ތަންފީޒު ނުކުރެވި ވަނީ ވަސީލަތްތައް ނެތިގެން ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި މިނިސްޓަރު ފައްޔާޒް ވާހަކަ ދައްކަވަނީ: މައުލޫމާތު ފޯރުކޮށްދިނިމުގެ ގާނޫނު ތަންފީޒު ކުރައްވާނެ ކަމަށް ވިދާޅުވި-- ފޮޓޯ: ނިޝާން އަލީ/މިހާރު

"ގާނޫނުތައް ހަދަމުން މިދަނީ އެއް ވަނަ ދުނިޔޭގެ ގާނޫނުތައް ހުންނަ ގޮތަށް. ގާނޫނު ހަދާފައި ދޫކޮށްލާއިރު ނުވިސްނަވާ އެ ތަންފީޒު ކުރަން ހުންނަ ކަންކަމަކަށް... މިކަންކަން ކުރިއަށް ނުގެންގޮސް އޮތީ ކޮންމެހެން މިކަން ނުކުރާކަށެއް ނޫން ހަމައެކަނި. އެ ރިސޯސަސްވެސް ނެތް،" ކަންބޮޑުވުން ހިއްސާ ކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

ގާނޫނު ތަންފީޒުކުރަން ބޭނުންވާ ވަސީލަތްތައް މަޖިލިސް މެދުވެރިކޮށް އިދާރާތަކަށް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވަސީލަތްތައް ނެތޭ ބުނެ ހައްގުތައް ނުދީ ސަރުކާރުން ނުތިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ ވިދާޅުވީ ގިނަ ހައްގުތަކަކަށް މީހުން އަހުލުވެރި ނަމަވެސް މާއްދާ 29 އިން ލިބިދޭ ހައްގަށް އަހުލުވެރި ނޫން ކަމަށެވެ. އެއީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގެވެ. އެ ހައްގަށް މުއައްސަސާތަކުގެ ވެރިންނާއި ސިޔާސީ ޕާޓީތަކުގެ ވެރިންގެ އިތުރުން ނޫސްވެރިންނާއި އާއްމު ރައްޔިތުން ވެސް އަހުލުވެރި ނޫން ކަމަށް ފިޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް މި ފަށަނީ އެ ހޭލުންތެރިކަން. އެ އަހުލުވެރިކަން މުޖުތަމައުގައި އަށަގެންނެވުމަށް. ގާނުނު އަސާސީން މި ހައްގު ކަށަވަރުކޮށްދީފައި މިއޮތީ ސުވާލުކުރުމާއި ޖަވާބު ލިބިގަތުން ކަށަވަރު ކުރުމުގެ ގޮތުން،" މިފަހުން މަގާމާ ހަވާލުވެ ވަޑައިގެންނެވި ފިޔާޒް ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒާއި އިންފޮމޭޝަން ކޮމިޝަނާ ފިޔާޒް: ގާނޫނު ތަންފީޒު ނުކުރެވޭ ކަމަށް ވިދާޅުވި-- ފޮޓޯ: ނިޝާން އަލީ/މިހާރު

ފިޔާޒް ވިދާޅުވީ މި ކެމްޕެއިން ފަށަން ޖެހުނީ ބައެއް މުއައްސަސާތަކުން އޮތް ހާލަތުން ކަމަށެވެ. މައުލޫމާތު ފޯރުކޮށްދޭން ޖެހޭ 1،200 އެއްހާ މުއައްސަސާ ހުންނައިރު އެ ކޮމިޝަނަށް ރިޕޯޓް ހުށަހަޅާ މުއައްސަސާތަކުގެ އަދަދު 200 އަށް ވުރެ ވެސް ދަށް ކަމަށް ފިޔާޒް ވިދާޅުވި އެވެ.

"އޭގެން މި އެނގެނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގު ރައްޔިތުންނަށް ކަށަވަރުވާ މިންވަރު. ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި 6،000 ރިޕޯޓް ހުށަހަޅަން ޖެހޭއިރުގައި [ހުށަހެޅި] ޖުމުލަ އަދަދަކީ 702 އިނގޭތޯ. އަޅުގަނޑުމެން ހިތާމަކުރަން ޖެހޭ،" ފިޔާޒް ވިދާޅުވި އެވެ.

މައުލޫމާތު ފޯރުކޮށްދިނުން އެންމެ ދަށީ ޝަރުއީ ދާއިރާ އާއި ސިޔާސީ ޕާޓީތަކުން ކަމަށް ފިޔާޒް ވިދާޅުވި އެވެ. އެ ފަރާތްތަކުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅަން ޖެހޭ އެންމެ ރިޕޯޓެއް ވެސް ހުށަނާޅާ ކަމަށް ފިޔާޒް ވިދާޅުވި އެވެ.

ނަމަވެސް މިނިސްޓަރު ފައްޔާޒް ވަނީ އެމްޑީޕީން ރިޕޯޓްތައް ހުށަހަޅާފައިވާނެ ކަމަށް ވިދާޅުވެފަ އެވެ.

ފިޔާޒް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ހޯދަން އެދޭ މައުލޫމާތު ލިބޭތޯ ބެލުމަށް މޮނީޓާކުރުން ހަރުދަނާ ކުރާނެ ކަމަށެވެ. އެ ގާނޫނު ތަންފީޒު ކުރުމަށް ކުރާ މަސައްކަތަށް ނުފޫޒު ފޯރުވޭނެ އެއްވެސް މީހެއް ނުހުންނާނެ ކަމަށް ފިޔާޒް ވިދާޅުވި އެވެ.

އިންފޮމޭޝަން އޮފިސަރުގެ އޮފީހުގެ ޑިރެކްޓާ ލީގަލް އެފެއާޒް ފާތިމަތު ސައުސަން ވިދާޅުވީ އެ ކެމްޕެއިންގެ ދަށުން ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުން އެ ގާނޫނަށް މިހާރަށް ވުރެ ބޮޑަށް އަހުލުވެރި ކުރެވޭނެ ކަމަށެވެ. ތިން މަސް ދުވަހަށް ކުރިއަށް ގެންދާ އެ ކެމްޕެއިންގައި މީޑިއާ މެދުވެރިކޮށް އެކި ޕްރޮގޮރާމްތައް ދެއްކުމާއި މައުލޫމާތު ދިނުމުގެ އެކި ސެޝަންތައްވެސް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް ސައުސަން ވިދާޅުވި އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454