ފޮރިން މިނިސްޓަރު ޝާހިދު: ރަސްމީ ދަތުރެއްގައި އަންނަ ހަފުތާގައި ޝާހިދު އިންޑިއާ އަށް ވަޑައިގަންނަވާނެ.
05 ޑިސެމްބަރ 2019 - 15:47
ރާއްޖެ އާއި އިންޑިއާގެ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަންނަ ހަފުތާގައި އިންޑިއާ އަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
މިއީ، މި ވެރިކަން ފެށުނު ފަހުން އެ ގައުމަށް ކުރައްވާ ރަސްމީ ދެ ވަނަ ދަތުރެވެ. އެނގިފައިވާ ގޮތުގައި، އެ ދަތުރުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހިކުރަން ވޭތުވެދިޔަ އަހަރެއްހާ ދުވަހު ކުރި މަސައްކަތާއި ހިންގި މަޝްރޫއުތަކާ ގުޅޭ ގޮތުން ދެ ގައުމުން ވާހަކަ ދައްކާނެ އެވެ. އަދި އިތުރަށް ކުރިއަށް ގެންދަން ހުރި މަޝްރޫއުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރައްވާނެ އެވެ.
ރާއްޖެ އާއި އިންޑިއާ ދެމުދު ޖޮއިންޓް ކޮމިޝަނެއް އުފެއްދީ 1986 ގަ އެވެ. މި ކޮމިޝަން އުފެއްދީ އިގްތިސާދީ ގޮތުންނާއި ފަންނީ ގޮތުން އެއް ގައުމު އަނެއް ގައުމަށް އެހީތެރިވެދިނުމަށެވެ.
ކުރީގެ ސަރުކާރުގައި ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމެއް 2015 ގައި ރާއްޖޭގައި ބޭއްވި އެވެ. އެ ބައްދަލުވުމުގައި، ގިނަ ކަންކަމެއް ނިންމި އެވެ.
އެކަމަކު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ގޯސްވެ މި ބައްދަލުވުންތަކުގައި މަޝްވަރާކުރި ކަންކަމުން އޮތީ ނަތީޖާ ނުނެރެވި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމާ އެކު ދެ ގައުމުގެ ގުޅުން ވަނީ ބަދަހިވެފަ އެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެ ވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމަށް ފަހު، ގައުމަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ވަޑައިގަތީ ރާއްޖެ އަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ހުވާކުރައްވައި ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރެއްވީ އިންޑިއާ އަށެވެ. އެ ދަތުރުފުޅުގައި އިންޑިއާ އިން ބޮޑެތި އެހީތަކެއް ރާއްޖެ އަށް ދިނުމަށް އެއްބަސްވެ، މިހާތަނަށް އެކި މަޝްރޫއުތަކަށް އިންޑިއާ އިން އެހީދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
10000
05 December 2019
މީނާ ރާއްޖޭގައި ހުންނަ ދުވަހެއް އަޅެ ބުނެދީބަލަ
ހައްގުބަސް
05 December 2019
މިސަރުކާރަކީ ރައްއިތުންނަ އޮޅުވާލައިގެން ވެރިކަން ކުރާ މަކަރުވެރި ސަރުކާރެ ވިހަގަދަ ހަރުފައެއްމީ. ރައްއިތުން ވިސްނަވާނެކަމަ ހީކުރަން.
މަންޑޭލާ
05 December 2019
ދިވެހިން މިދަނީ އާޅުވެތިކަމާ ދިމާލަ މަޑުމަޑުން.
ދޮންރަހާ
05 December 2019
އެހީ ކުޑަވެގެން ދިޔަސް އެވެރިން އެއުޅެނީ އަމިއްލަހާލައިގެން ނޫޅެވިގެން
ޝޮކްތެރަޕީ
05 December 2019
އިންޑިޔާއާ ގުޅިގެން ރާއްޖެއަ ފައިދާއެއް ނުކުރާނެ. މިކަމުގެ އަސްލު ފައިދާ ނަގަނީ އިންޑިޔާ. ދިވެހިން ތިބެން ޖެހެނީ ވާނުވާ ނޭގި. އިގްތިސޯދީ އަޅުވެތިކަމެއްގަ.
ޢިލްޔާސް
05 December 2019
ޝާހިދުވެއްޖެއެއްނު ބަންނަން!!