އަންހެނުންނަށް 33 ޕަސެންޓް ހާއްސަކޮށް ލާމަރުކަޒީ ބިލް ފާސްކޮށްފި

ކައުންސިލްތަކުން 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ހާއްސަކޮށް، ލާމަރުކަޒީ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. މި ބިލް ފާސްކުރީ ކައުންސިލްތަކުގެ މޭޔަރުންނާއި ރައީސުންނާއި މެންބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ދިނުމަށް އިސްލާހު ހުށަހެޅުމަށް ފަހު އެ ނުހިމަނައި، ކުރިން އޮތް ގޮތަށެވެ.


އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން މަޖިލިހަށް ހުށަހެޅުއްވީ ހުޅުމާލެ ދާއިރާގެ މެމްބަރު، އެމްޑީޕީގެ ޗެއާޕާސަން އަލީ ނިޔާޒެވެ. ލާމަރުކަޒީ ގާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލް މަޖިލިހުގެ ކޮމިޓީ އަށް ފޮނުވުމުން ބޮޑެތި ބަދަލުތަކެއް ގެނަ އެވެ. އަދި އެ ބިލް ފާސް ކުރީ މަޖިލިހުގެ ތަޅުމަށް ހުށަހެޅި ގިނަ އިސްލާހުތަކާ ވެސް އެކުގަ އެވެ.

މަޖިލިހުން ލާމަރުކަޒީ ބިލް ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 76 މެމްބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލިހުގެ ލާމަރުކަޒީ ކޮމިޓީން ބިލް ދިރާސާ ކުރި އިރު، ނިންމާފައި ވަނީ ކައުންސިލަރެއްގެ މައްސަލައެއް އޮތް ނަމަ އެލްޖީއޭ އިން އެކަން މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގައި ނަގާ ވޯޓަކުން އެ ކައުންސިލަރަކު މަގާމުން ވަކިކުރެވޭ ގޮތަށެވެ.

އެކަމަކު، މަޖިލިހުގެ ތަޅުމަށް ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ސަނީފު ހުށަހެޅުއްވި އިސްލާހުގައި ވަނީ މޭޔަރުންނާއި ރައީސުންނާއި ކައުންސިލް މެމްބަރުން ވަކިކުރުމުގެ ބާރު މަޖިލިހަށް ލިބޭ ގޮތަށް އޮތް އިސްލާހު އުވާލަން ހުށަހަޅުއްވައިފަ އެވެ. އޭގެ ބަަދަލުގައި އެލްޖީއޭއަށް ދީފައި އޮތީ، މައްސަލަ ބެލުމަށް ފަހު ގިނަ ވެގެން ތިން މަސްދުވަހަށް ސަސްޕެންޑްކުރުމުގެ ބާރެވެ. ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހުން ފާސް ކުރީ އެ އިސްލާހާ ވެސް އެކުގަ އެވެ.

ބިލަށް ގެނައި ބޮޑެތި ބަދަލުތަކުގެ ތެރޭގައި 3،000 މީހުންނަށް ވުރެ އާބާދީއެއް އޮންނަ ކޮންމެ ރަށު ކައުންސިލެއްގައި އިންތިހާބު ކުރަން ޖެހޭނީ ފަސް ކައުންސިލް މެމްބަރުންނެވެ. އަދި 3،000 މީހުންނަށް ވުރެ އާބާދީ ބޮޑު ރަށްރަށުގައި ތިއްބަވާނީ ހަތް ކައުންސިލަރުން ކަމަށް އިސްލާހުގައިވެ އެވެ.

ފަސް ކައުންސިލަރުން ހިމެނޭ ކައުންސިލެއްގައި ދެ ކައުންސިލަރުން ވާން ޖެހޭނީ އަންހެން ބޭފުޅުންނަށް ކަމަށް ވެސް އިސްލާހުގައިވެ އެވެ. އަދި ހަތް ކައުންސިލަރުން ހިމެނޭ ކައުންސިލްތަކުގައި ތިން އަންހެން ބޭފުޅުން ހިމަނަން ޖެހޭނެ ކަމަށް ވެސް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގައިވެ އެވެ.

ސިޓީގައި ރަޖިސްޓްރީ ކުރެވިފައިވާ އާބާދީގެ އަދަދަކީ 30،000 މީހުންނާއި 60،000 މީހުންނާ ދެމެދު އަދަދެއް ނަމަ ކައުންސިލަށް މޭޔަރާއި އަންހެން މެމްބަރާ އެކު، 13 ކައުންސިލުން އިންތިހާބު ކުރަން ވާނެ ކަމަށް ވެސް މަޖިލިހުގެ ތަޅުމުން ފާސް ކުރި އިސްލާހެއްގައި ބުނެފައިވެ އެވެ.

މަޖިލިހުން ފާސް ކުރި އެހެން އިސްލާހެއްގައި ވަނީ ސިޓީއެއްގައި ނަމަ، އެތަނެއްގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންގެ އަދަދަކީ 10،000 މީހުންނާއި 30،000 މީހުން މީހުންނާ ދެމެދުގެ އަދަދެއް ނަމަ ހަ މެމްބަރުން އިންތިހާބު ކުރަން ވާނެ ކަމަށް އިސްލާހުގައިވެ އެވެ. އަދި ސިޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންގެ އަދަދަކީ 30،000 މީހުންނާއި 60،000 މީހުންނާ ދެމެދުގެ އަދަދެއް ނަމަ، 10 މެމްބަރުން، ސިޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންގެ އާބާދީއަކީ 60،000 އަށް ވުރެ މަތި ނަމަ، އަދަދަކީ 18 މެމްބަރުން ކަމަށް ވެސް އެންމެ ފަހުން މަޖިލިހުގެ ތަޅުމުން ފާސް ކުރި އިސްލާހުގައި ވަނީ ބުނެފަ އެވެ.

ބިލަށް ދެން ގެނައި އެންމެ ބޮޑު ބަދަލަކީ އެލްޖީއޭގެ މިހާރުގެ ބޯޑު އުވާލެވޭ ގޮތަށް ގެނައި އިސްލާހެވެ. އިސްލާހުގައި ވަނީ ކައުންސިލަރުން ހުވާކުރާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެލްޖީއޭގެ ބޯޑަށް މެމްބަރުން އައްޔަންކޮށް ނިންމަން ވާނެ ކަމަށެވެ. އަދި ބިލަށް އަމަލު ކުރަން ފެށުމުގެ ކުރިން އެކުލަވާލާފައިވާ އެލްޖީއޭގެ ބޯޑު އުވުނީ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.

ބިލްގައި ކައުންސިލްތަކުގައި އަންހެނުންގެ ދައުރު ފުޅާކުރަން ހާއްސަ ބާބެއް ވަނީ ހިމަނައިފަ އެވެ. އެ ބާބުގައިވާ ގޮތުން، ރަށްރަށާއި ސިޓީ ކައުންސިލްތައް ހިނގަނީ އަންހެނުންގެ ދައުރު ރައްކާތެރި ކުރެވި އަންހެންގެ ބައިވެރިވުމާއި އެކުގައި ކަން ކަށަވަރު ކުރުމަށްޓަކައި ކައުންސިލްތަކުގައި އަންހެނުންގެ ދައުރެއް ކަނޑައެޅިފައި އޮންނަން ވާނެ އެވެ. މި މަގުސަދު ހާސިލްކުރަން ކައުންސިލްތަކުގެ މެމްބަރުންގެ ތެރެއިން 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުރަން ޖެހޭ ކަމަށް އެ ބާބުގައިވެ އެވެ.

މިއީ ރާއްޖޭގައި އިންތިޚާބީ މަގާމުތަކެއް އަންހެނުންނަށް ޚާއްސަކުރާ ފުރަތަމަ ފަހަރެވެ.

ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދޭން ނިންމައިފަ އެވެ. އަދި ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދިނުމަށް ވެސް އިސްލާހުގައިވެ އެވެ.

އެގޮތުން ރަށުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ވަސީލަތްތަކުން ލިބޭ އާމްދަނީ ކައުންސިލްތަކަށް ލިބުމާއި، މުނިސިޕަލް ހިދުމަތްތަކުން ލިބޭ އާމްދަނީ ކައުންސިލްތަކަށް ދިނުން ހިމެނެ އެވެ. އަދި ދައުލަތުގެ ބަޖެޓްގެ ޑޮމެސްޓިކް ބަޖެޓުގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ދިނުމަށް ވެސް އިސްލާހުގައިވެ އެވެ.