މާލޭގެ އެންމެ ކާރުބާރު ބޮޑު، މަޖީދީ މަގާއި ޗާންދަނީ މަގު ގުޅުނު ކަންމަތީގައި އެކަނިމާ އެކަނި މިއަދު އުޅުނު ދެ އަހަރުގެ އަންހެން ކުއްޖެއްގެ ބެލެނިވެރިޔާ ހޯދައި އެ ކުއްޖާ ހަވާލުކޮށްފި އެވެ.
ފުލުހުން ބުނީ ވެހިކަލްތަކާއި މީހުން ތޮއްޖެހިފައި އޮންނަ ޖަންކްޝަންގައި ކުޑަ ކުއްޖަކު އެކަނި އުޅެނިކޮށް ފެނުނީ މާލެތެރެ ޕެޓްރޯލްކުރި އެސްއޯ ފުލުހުންތަކަކަށް ކަމަށެވެ. އެ ކުއްޖާއާ ހަވާލުވެ ފުލުހުން ވަނީ ބެލެނިވެރިޔާ ހޯދައިފަ އެވެ.
އާއްމުކޮށް އުރައިގެން އުޅޭ އުމުރުގެ އެ ކުއްޖާ ބެލެނިވެރިންނާ ވަކިވީ ކިހިނެއް ކަމެއް ފުލުހުން ނުބުނެ އެވެ. އެކަމަކު، އެ ސަރަހައްދުން ވެހިކަލްތައް ދުއްވާ ސްޕީޑާއި ތޮއްޖެހިފައި އޮންނަ މިންވަރަށް ބަލާއިރު ވަގުތުކޮޅަކަށް ނަމަވެސް އެ ކުއްޖާ ހުށަހެޅުނީ ނުރައްކަލެއްގެ ތެރެއަށެވެ.
މި ހާދިސާ ހިނގުމުން ފުލުހުން ވަނީ ކުޑަކުދިން ގޮވައިގެން ބޭރަށް ނުކުމެ އުޅުމުގައި އެ ކުދިންގެ ރައްކާތެރިކަަމަށް ހާއްސަ ސަމާލުކަމެއް ދޭން އެދިފަ އެވެ. މަގުތަކުގައި ހިނގާއިރު ކުދިންގެ އަތުގައި ހިފައިގެން މަގުގެ އެއްފަރާތުން ހިނގަން ފުލުހުން އިލްތިމާސްކުރެ އެވެ.