ރާއްޖޭގައި ވަޒީފާ އަދާކޮށްގެން ނޭޕާލްގެ ފަގީރުން ބަލަހައްޓާ ހިދުމަތްތެރިޔާ!

އެހެން ބިދޭސީންނެކޭ އެއްގޮތަށް ނޭޕާލްގެ ރަޖާނީ ޝްރެސްތާ ވެސް ރާއްޖެ އައީ ރަނގަޅު އާމްދަނީއެއް ހޯދައި ބާއްޖަވެރި ދިރިއުޅުމެއް ހޯދުމަށެވެ. އެކަމަކު އޭނާގެ އެހެން ބޭނުމެއް ވެސް އޮތެވެ. އެއީ އޭނާ އަމިއްލަ ރަށުގައި ނިކަމެތިންނަށް ހިންގާ ފައުންޑޭޝަނަކަށް ބޭނުންވާ ފައިސާ ވެސް ހޯދާށެވެ. އޭނާ ދުވާލުދާ ހަތަރުދަމު މަސައްކަތްކޮށްގެން ލިބޭ ފައިސާ އިން ކޮންމެ މަހަކު ވެސް ވަކި ވަރެއް އެ ފައުންޑޭޝަނަށް ހަދިޔާ ކުރެ އެވެ.


ނޭޕާލްގެ ވެރިރަށް، ކަތަމަންޑު އަށް އުފަން، އުމުރުން 26 އަހަރުގެ ރަޖާނީ ރާއްޖެ އައީ 2016 ވަނަ އަހަރު އެވެ. ލެބޯޓްރީ ޓެކްނީޝަންކަން ކިޔަވައިގެން ހަމަ އެ އަހަރު ރާއްޖެ އައިސް އޭނާ މަސައްކަތް ފެށީ އެހެން ދާއިރާތަކެއްގަ އެވެ: ފުރަތަމަ ގުޅުނީ އައިލެންޑް އެކްސްޕާޓާ އެވެ. އޭގެ ފަހުން ކޮރަލް ބްލެވާޑްގައި މެނޭޖަރަކަށް އުޅުމަށް ފަހު މިހާރު ލައިފް ސަޕޯޓް ކުންފުނީގެ ސުޕަވައިޒަރަކަށެވެ.

ރަޖާނީގެ ފައުންޑޭޝަންގެ އިސް ޓީމް: އެ ފައުންޑޭޝަނުން އަންނަނީ ޔަތީމު ކުދިންތަކަކަށް އެހީތެރިވަމުން--

ރަޖާނީގެ އުމުރުން ފަސް އަހަރުގައި އޭނާގެ މަންމަ، އަދި 11 އަހަރުގައި ބައްޕަ ވަނީ މަރުވެފަ އެވެ. ބޮޑު ދައިތައެއްގެ ކައިރީ ހުރެ ބޮޑުވި ރަޖާނީ އަށް އެފަދަ ކުދިންގެ އިހުސާސްތައް ރަނގަޅަށް އެނގެ އެވެ. ޒަރޫރީ ބޭނުންތައް ފުއްދަން ކިހާ ހާލެއްގައި އުޅެން ޖެހޭކަން އެއީ އޭނާ ތަޖުރިބާކޮށްފައިވާ ކަންތައްތަކެވެ.

"މައިންބަފައިންނާ ނުލައި އުޅުމަކީ ވަރަށް ވޭން ހުރި ކަމެއް. އެ ތަޖުރިބާ ކުރިން،" ރަޖާނީ ބުންޏެވެ.

"އެފަދަ ބައިވަރު ކުދިން ނޭޕާލްގެ މަގުތަކުގައި އެބަ ތިބި. އެ ކުދިންނަށް އެހީވާން ބޭނުންވޭ."

އެކަމަށް އޭނާ އުފެއްދީ "ހޭންޑް އިން ހޭންޑް"ގެ ނަމުގައި ފައުންޑޭޝަނެކެވެ. އެކުވެރިންތަކަކާ އެކު އޭނާ އުފެއްދި ފައުންޑޭޝަނަށް ކޮންމެ މަހަކު މެމްބަރުންގެ މުސާރައިން ވަކި ޕަސެންޓެއް ހަދިޔާކުރެ އެވެ. އެކި ގައުމުތަކުގައި މަސައްކަތް ކުރާ އެކި މެމްބަރުން އެކި ވަރަށެވެ. އޭނާ ބުނާ ގޮތުން ލިބޭ މުސާރައިން އާންމުކޮށް މަހަކު 50 ޑޮލަރު ވަރު އެ ފައުންޑޭޝަނަށް ދެ އެވެ. އެގޮތަށް އެ ފައުންޑޭޝަނަށް ބައެއް އެހެން ނޭޕާލްގެ މުވައްޒަފުން ވެސް ފައިސާ ހޭދަކުރާ ކަމަށް އޭނާ ބުނެ އެވެ.

ރަޖާނީ އަކީ އެ ފައުންޑޭޝަންގެ ޗެއާޕާސަން ވެސް މެ އެވެ. އެ ފައުންޑޭޝަނުން އަންނަނީ ޅައިރު މައިންބަފައިން މަރުވެފައިވާ 15 ކުއްޖެއްގެ ކެއިންބުއިމާއި އަންނައުނު ފޯރުކޮށްދެމުންނެވެ. އަދި ޗުއްޓީތަކުގައި ކޮންމެވެސް ގައުމަށް ގޮސް ސްކޫލުތަކުގައި މެޑިކަލް ކޭމްޕްތައް ހިންގައި ހަދަ އެވެ.

ރަޖާނީ (ވ) އާއި އޭނާގެ އެކުވެރިއެއް: އެ ފައުންޑޭޝަނުން އަންނަނީ ޔަތީމު ކުދިންތަކަކަށް އެހީތެރިވަމުން--

"އެކޮޅޮގައި [ނޭޕާލުގައި] ތިބޭނެ ގުރޫޕު ކުދިން. ފައިސާ ފޮނުވުމުން އެ މީހުން އެ ކުދިންގެ ކަންކަން ބަހަލައްޓާނެ." ކަން ހިނގާ ގޮތް ކަޔައިދެމުން ރަޖާނީ ބުންޏެވެ.

"މިއީ ކުޑަ ފައުންޑޭޝަނެއް. އަދި ފޯރުމިކޮށްދެވެނީ ކާބޯތަކެއްޗާއި އަންނައުނު ފަދަ ތަކެތި."

ލިބޭ މުސާރާގައި ދަތިކޮށް އުޅެމުން ވެސް އެފަދަ ކުދިންތަކަކަށް އެހީވުމަކީ އޭނާ އާއި އެ ޓީމަށް ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ. އެ މީހުންގެ ހުރިހާ ވެސް އުފަލަކީ އެ އެހީއާ އެކު އެ ކުދިންގެ ހިނިތުންވުމެވެ.

އަދި ކިތަންމެ ކުޑަކޮށް އެ މަސައްކަތް ކުރި ނަމަވެސް އޭނާގެ އުންމީދު ބޮޑެވެ. އޭނާގެ އެންމެ ބޮޑު ހުވަފެނަކީ މައިންބަފައިން މަރުވެފައިވާ ކުދިން ބަހަލައްޓާ ސެންޓަރެއް ނޭޕާލުގައި ހެދުމެވެ.