މާލޭގެ ގެއެއްގެ ޓެރަސްމަތީގައި މަރުވެފައި އޮތް ފިރިހެނަކު މިއަދު ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހެނދުނު 11:30 ހާއިރު، މއ. ޓޮމާޓޯ ގޭގެ ޓެރަސްމައްޗަށް މީހަކު ވެއްޓިފައި ވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންވެ، އެ ތަނަށް ފުލުހުން ދިޔައިރު އޭނާގެ އަނގައިން ފޮނުއަރާފައިވާ ކަމަށާއި އެއީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު، ތިން ބުރީގެ އެ އިމާރާތުން އެ މީހާގެ ހަށިގަނޑު ބާލުވައި ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ވެއްޓިފައި އޮއްވައި، ފެނުނީ އެ ގޭގައި ދިރިއުޅޭ މީހަކު ނޫން ކަމަށް ފުލުހުން ބުންޏެވެ.
"މި މައްސަލައިގައި ފުލުހުން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން،" ފުލުހުންގެ މެސެޖުގައި ވެ އެވެ.
އެނގިފައިވާ ގޮތުގައި އެ ފިރިހެން މީހާ ވެއްޓިފައި އޮއްވައި ފެނުނީ އެ ގޭ މީހަކު، ހެދުންތަކެއް ހިއްކަން އަޅަން ޓެރަސްމައްޗަށް އެރި ވަގުތެވެ.
އެ ގޭގެ ފުރަތަމަ ފަންގިފިލާ ހުންނަނީ ކެފޭއެއް ހިންގަން ކުއްޔަށް ދީފަ އެވެ. ދެ ވަނަ ފަންގިފިލާ ކުއްޔަށް ދޫކޮށްފައި ހުންނައިރު އާއިލާ މީހުން ދިރިއުޅެނީ ތިން ވަނަ ފަންގިފިލާގަ އެވެ.