މަސް ދޯންޏަކަށް ހޮނުއަޅައި، ގެއްލުންތަކެއް ވެއްޖެ

ހަަދަމުން އަންނަ ރިސޯޓެއް ކަމަށްވާ ގއ. މާރަންދޫ ކައިރިން ދަތުރުކުރި މަސްދޯންޏަކަށް ރޭ ހޮނުއަޅައިފި އެވެ.


އެ ދޯނީގައި އެ ވަގުތު ތިބީ 13 މީހުން ކަމަށާއި އޭގެ ތެރެއިން ދެ މީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މީހުންނަށް ފަރުވާ ދޭން އެ އަތޮޅު ކޮލަމާފުށީގެ ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނީ އެ ހާދިސާ އެތަނަށް ރިޕޯޓްކޮށްފައި ވަނީ ރޭ ދަންވަރު އެކެއް ޖަހާކަން ހާ އިރު ކަމަށެވެ. އަދި އެ ދޯނީގައި ތިބި އެންމެންގެ ހާލު ރަނގަޅު ކަމަށް ވެސް އެތަނުން ބުންޏެވެ.

މި ހާދިސާގައި އެ ދޯނީގެ ވީލްހައުސް އާއި އޭގައި ހުރި ކަރަންޓު ސާމާނަށް އެކިވަރުގެ ގެއްލުންވި އެވެ. އަދި އެ ދޯނީގައި ކަފު ޖަހައިގެން ކޮލަމާފުށި ބަނދަރަށް މިހާރު ވައްދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.