ކުރީގެ ސުވާލާ އެކު ރިލްވާންގެ މަންމަ އަނެއްކާވެސް ނުކުމެއްޖެ!

ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ، އިންސާނީ ހައްގުތަކުގެ ދުވަހު ވެސް ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މަންމަ އައިމިނަތު އީސާ އަށް ތަކުރާރު ކުރަން ޖެހުނީ އެއް ސުވާލެކެވެ؛


ރިލްވާނަށް އިންސާފު ލިބޭނީ ކޮން އިރަކު ހެއްޔެވެ؟

ވޭތުވެދިޔަ ފަސް އަހަރު ވެސް އެ މަންމަ ކުރީ މި ސުވާލެވެ. އަލުން ތަކުރާރު ކުރަން ޖެހުނީ، އާއިލާ އިން ބުނިގޮތުގައި، ކުރިމަތިވެފައިވާ މާޔޫސް ހާލަތުންނެވެ. ހައްގަކާ ނުލައި ރިލްވާނާއި އާއިލާ އަށް އަނިޔާ ދިން މީހުންނަށް އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެކަމަކު އެ ވައުދު ނުފުއްދި އަހަރެއް ހޭދަވުމަކީ ކަންބޮޑުވުމެއް ކަމެއް އާއިލާ އިން ބުންޏެވެ.

ރިލްވާންގެ ދައްތަ ފާތުމަތު ޝެހެނާޒް މިއަދު ބުނީ ރިލްވާން ހިމެނޭ ގޮތުން އާއިލާތަކަކަށް އިންސާފު ހޯދައިދޭން މި ސަރުކާރުން އުފެއްދި މަރު ކޮމިޝަނާ ދޭތެރޭ މިހާރު ސުވާލު އުފެދިފައިވާ ކަމަށެވެ. އެ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވުމުންނެވެ.

"ކޮމިޝަންގެ ރައީސް އިސްތިއުފާ ދެއްވުމުން، ދެން ވާނީ ކިހިނެއްތޯ ސުވާލު އުފެދޭ. އިންސާފަށް ކުރާ އުއްމީދުގައި މަންމަގެ ވަރަށް ބޮޑު ކަންބޮޑުވުމެއް މިއީ،" އޭނާ ބުންޏެވެ.

ރިލްވާން އަށް ވީ ގޮތެއް ހޯދަން ހިންގާ ކެމްޕޭންގެ ޕޯސްޓަރެއް

ރިލްވާންގެ މައްސަލައިގެ ތަހުގީގުގެ ޑްރާފްޓް ރިޕޯޓު އާއްމުވުމުން، އޭގެ ފައިނަލް ރިޕޯޓް އެކުލަވާލަމުން އަންނަ ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އެކަމަކު، އެ ރިޕޯޓް ނިމޭނީ ކޮން ދުވަހަކުން ކަން ވެސް މިހާތަނަށް ސާފުކޮށްދީފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

އަނެއްކާވެސް ހުސް ސުވާލުތަކެއްގެ ތެރޭގައި މިތިބީ. އިންސާފު ލަސްވެ، އުއްމީދު ގެއްލިއްޖެ. --އާއިލާ

ޝެހެނާޒް ބުނި ގޮތުގައި ރާއްޖޭގައި އިންސާނީ ހައްގުތަކުގެ ހާލަތު އޮތް މިންވަރާއި ހައްގުތައް ހިމާޔަތްކޮށްދޭން ރައީސް އިބްރާހިމް މުހައްމަދު ކުރައްވާ މަސައްކަތްޕުޅު ރައްޔިތުންނަށް މިއަދު ވިދާޅުވެދެއްވި އިރު، އެ އާއިލާ އިން އުއްމީދުކުރީ އިންސާފަށް އިންޒާރުކުރާ އާއިލާތަކަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ދެއްވާނެ ކަމަށެވެ. އެކަމަކު އެ މައްސަލަތަކާ ބެހޭ ވާހަކަފުޅެއް ރައީސް ވިދާޅު ނުވުމަކީ ލިބުނު މާޔޫސްކަމެއް ކަމަށް އޭނާ ބުންޏެވެ.

ރިލްވާނަށް ފާރަލީކަމުގެ ތުހުމަތުގައި ހޯދަމުން އަންނަ މީހެއް: މި މައްސަލައިގައި މަރު ކޮމިޝަނުން ފައިނަލް ރިޕޯޓް އެކުލަވާލިކަން އަދި ޔަގީނެއް ނުވޭ.

މަރު ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ހުޅުމާލޭގައި ރިލްވާން ދިރިއުޅޭ އެޕާޓްމެންޓް ކައިރިން އޭނާ ވަގަށް ނަގައިގެން ގޮސް ބޯބުރިކޮށްލައި މަރާލީ އެވެ. އެކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހުންނާއި އެކަމަށް ހިތްވަރުދީ ފާރަލީ މީހުން ކޮމިޝަނަށް އެނގޭ އިރު ފިޔަވަޅު ނާޅާއި ދޫވެފައި ތިބުމަކީ އާއިލާގެ ކަންބޮޑުވުން އޮތް މައްސަލަ އެކެވެ.

ރިލްވާން މަރާލީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ކޮމިޝަނުން ތުހުމަތުކުރެ އެވެ. އެ މީހުންނާ ފިކުރީގޮތުން ޚިޔާލުތަފާތުވާ މީހުން މެރުމުގެ ސިލްސިލާގައި އިސްކޮށް ތިބި ދެ މީހަކަށް މަރު ކޮމިޝަނުން ވަނީ ދައުވާކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.

އެކަމަކު އެއީ، ރިލްވާންގެ މަރަށް އިންސާފު ލިބުން ކަމަކަށް އާއިލާ އިން ގަބޫލެއް ނުކުރެ އެވެ. މި ސަރުކާރުގެ ވައުދަކީ، އޭގެ ފަހަތުގައި ތިބި އެންމެން ހޯދުމެވެ. އެކަމަކު އެކަން ދިގުލައިގެން ގޮސް އަހަރެއް މިވަނީ ފާއިތުވެފަ އެވެ.

އޮގަސްޓު، 2014 ގައި ރިލްވާން ކިޑްނެޕްކުރުމުގެ ދައުވާ އުފުލީ، ގ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. ދައުލަތުން ކުރި ދައުވާ އެ ދެ މީހުންގެ މައްޗަށް ސާބިތެއް ނުވި އެވެ. ދައުލަތުން ތުހުމަތު ކުރި ގޮތުގައި ރިލްވާން ގަދަކަމުން ފޮރުވީ އާލިފް ގެންގުޅުނު ރަތް ކުލައިގެ ކާރަކަށް އަރުވައިގެން ގެންގޮސްގެންނެވެ.