ވީގޮތެއް، ޖަވާބެއް، އިންސާފެއް ނެތް ފަސް އަހަރު!

އިންސާފު ނުލިބި ކެތްތެރިކަން ކޮޅުން ލައިފި އެވެ! ރުއިން ފިޔަވައި އެ ހިތްދަތިކަން ކިޔައިދޭނެ ގޮތެއް އެ މަންމައަކަށް ނޭނގެ އެވެ. ދަރިފުޅު އަހްމަދު ރިލްވާން ވަގަށް ނެގިތާ މިއަދަށް ފަސް އަހަރު ވި އިރު ވެސް މަންމަ، އައިމިނަތު އީސާގެ ހިތަށް ހަމަޖެހުމެއް ނުލިބެ އެވެ. ލޮލުން ކަރުނައެއް ނުހިކެ އެވެ.


ގޭގެ ދޮރުގައި މީހަކު ޓަކި ޖަހައިފި ނަމަ، ސިއްސައިގެން ދެ އެވެ. ހައްތާވެސް ހީވަނީ ދަރިފުޅު އެނބުރި އައީ ހެންނެވެ. އެ އިންތިޒާރަށް ނިމުމެއް ނެތެވެ. ރިލްވާން ގެއްލުނު ދުވަހެކޭ، މިއަދެކޭ މަންމަ އާއި އެ އާއިލާ އަށް ވަކި ތަފާތެއް ނުފެނެ އެވެ. ވީ ގޮތެއް، ވަގަށް ނެގި ސަބަބެއް، އިންސާފު ލިބޭނެ ދުވަހެއް ވެސް ނޭނގެ އެވެ. ޖަވާބު ނުލިބޭ ސުވާލުތައް ހުރީ ފުނި ޖެހިފަ އެވެ.

މި ހުރިހާ ޝަކުވާތަކެއް ކިޔައިދޭން ވެސް އައިމިނަތު އީސާ ބޭނުންވެ އެވެ. އިންޓަވިއަކަށް "މިހާރު" އަށް އިއްޔެ ވަގުތު ވެސް ދިނެވެ. އެކަމަކު ވާހަކަ ދައްކާނެ ހިތްވަރު ނުލިބިގެން އިންޓަވިއު ކުރިއަކަށް ނުގެންދެވުނެވެ.

"ބައެއް ރޭރޭ ނިދިން ސިއްސައިގެން ގޮސް ހޭލެވުމުން ބުނާނެ އަހުމަދު [ރިލްވާން] އައިސް ގޮވީއޭ،" ރިލްވާންގެ ދައްތަ ޝެހެނާޒް ބުންޏެވެ.

"ރިލްވާނަށް ވީ ގޮތެއް ފަސް އަހަރު ވި އިރު ނުހޯދުނު. މަރުވީ ކަމެއް ޔަގީނެއް ނުވޭ. މަންމަ އުއްމީދު ކުރަނީ ދަރިފުޅު އެނބުރި އަންނާނެ ކަމަށް."

ރިލްވާން: އޭނާ ވަގަށް ނެގީ ދިރިއުޅޭ އެޕާޓްމެންޓް ކައިރިން.

އާއިލާ އަށް ރިލްވާންއާ އެންމެ ފަހުން ބައްދަލުވީ، އޮގަސްޓް 7، 2014 ވަނަ ދުވަހުގެ ރެ އެވެ. ރިލްވާން އެންމެ ފަހުން ފެނުނީ މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލުން އެ ރޭ ދަންވަރު 12:44 ގަ އެވެ. ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ގޮތުގައި އޭނާ ހުރީ ކަޅު ކުލައިގެ ދަބަހެއް އަޅުވައިގެންނެވެ. ވަޅިން ބިރު ދައްކައި ރަތް ކުލައިގެ ކާރަކަށް އަރުވައިގެން ގެންދިޔައީ، ފުލުހުން ބުނެފައިވާ ގޮތުގައި، ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމެންޓް ކުރިމަތިންނެވެ.

ކީއްވެގެން ހެއްޔެވެ؟

ފަސް އަހަރު ވި އިރު ވެސް މި ސުވާލަށް ޖަވާބެއް ނެތެވެ.

ކަމާ ބެހޭ ފަރާތްތަކުގެ އިހުމާލުގެ ސަބަބުންނެވެ. ރިލްވާން ގެއްލުމުން އާއިލާ އާއި ރައްޔިތުން ކުރިމަތި ކުރި ފިއްތުންތަކާ ހެދި ފުލުހުން ތަހުގީގެއް ހިންގި އެވެ. ތުހުމަތު ކުރެވޭ ބަޔަކު ހައްޔަރު ވެސް ކުރި އެވެ. އެކަމަކު ތަހުގީގުގައި ފުލުހުން އިހުމާލުވުމުން އެންމެން މިނިވަންވީ އެވެ.

އެއް ބަޔަކު ޝަރީއަތާ ހަމައަށް ނުދަނީހެވެ. އަނެއް ބަޔަކު މިނިވަންވީ ޝަރީއަތުގަ އެވެ.

ރިލްވާން ކިޑްނެޕްކުރުމުގެ ދައުވާ އުފުލީ، ގ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. ދައުލަތުން ކުރި ދައުވާ އެ ދެ މީހުންގެ މައްޗަށް ސާބިތެއް ނުވި އެވެ. ދައުލަތުން ތުހުމަތުކުރި ގޮތުގައި ރިލްވާން ގަދަކަމުން ފޮރުވީ އާލިފް ގެންގުޅުނު ރަތް ކުލައިގެ ކާރަކަށް އަރުވައިގެން ގެންގޮސްގެންނެވެ.

މި ދެ މީހުން ސަލާމަތްވީ، މުހިއްމު ހެކިތަކެއް ފުލުހުން ހުށަނޭޅުމުން ކަަން ކޯޓު ހުކުމުން އެނގެން އޮވެ އެވެ. ފުލުހުން ހެކި ހުށަނޭޅި ސަބަބު އަދިވެސް އޮތީ ފޮރުވިފަ އެވެ.

ރިލްވާން ގެއްލުވާލި މައްސަލައިގައި އާއިލާ އާއި ރަހުމަތްތެރިން އަޑު އުފުލަނީ. --ފޮޓޯ/ސޯޝަލްމީޑިއާ

"އެ ވަރަށް އުޅުމުގެ ބޭނުމެއް ނެތް"!

މިނިވަން ނޫހުގެ ނޫސްވެރިޔާ، ރިލްވާނަށް ވީ ގޮތެއް ހޯދައި އާއިލާ އަށް އިންސާފު ހޯދައި ދޭން ކުރީގެ ސަރުކާރުން މާ ބޮޑު ސަމާލު ކަމެއް ނުދޭ ކަމަށް ޝައްކު ކުރާނެ ޖާގަ އެބަ އޮތެވެ. ޖަވާބު ހޯދަން އާއިލާ އިން މަގުމައްޗަށް ނުކުތް ކޮންމެ ފަހަރަކު ފުލުހުންގެ ފަރާތުން ކުރިމަތިވީ އަނިޔާ އާއި ފުރައްސާރަ އެވެ.

ދިވެހި ރައްޔިތަކު ވަގަށް ނަގައިގެން އުޅުނު މައްސަލައިގައި އޭރުގެ ސަރުކާރުގެ އިސް ފަރާތްތަކުން ދެއްވި ޖަވާބުތަކުން ވެސް މި މައްސަލައިގައި ސީރިއަސް ވާން ބޭނުން ނުވީ ކަން އެނގެ އެވެ.

ރިލްވާން މައްސަލައިގައި އދ. އާއި އެހެން ވެސް ގައުމުތަކާއި ޖަމިއްޔާތަކުން ސަރުކާރަށް ޕްރެޝަރު ބޮޑުކުރި އެވެ. "މިހާރު" އަށް ލިބިފައިވާ މައުލޫމާތުތަކުގައިވާ ގޮތުން، މިކަން އޭރުގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވަޒީރުންގެ ސަމާލުކަމަށް ގެންނެވި އެވެ. އެއާ އެކު ރިލްވާންގެ ގެއްލުމުގެ ތަހުގީގަކީ އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް މައްސަލަ ކަމަށާއި ފުލުހުންނާ އެކު ސިފައިން ވެސް ރިލްވާން ހޯދުމުގެ ތަހުގީގަށް އެހީތެރިކަން ދޭ ކަމަށް އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވާ ކަން އޭނާގެ މޯބައިލް ނަމްބަރުން ކުރެއްވި މެސެޖަކުން އެނގެން އޮވެ އެވެ.

މިކަމުގައި ކުރީގެ ރައީސް ޔާމީން ދެކެވަޑައިގަންނަވާ ގޮތް ހިއްސާކުރައްވަމުން، އޮގަސްޓް، 22، 2014 ގައި، އެމަނިކުފާނު ވިދާޅުވެފައި ވަނީ އެ މައްސަލައިގައި "އެހާ ވަރަށް އުޅުމުގެ ބޭނުމެއް ނެތް" ކަން "މިހާރަ"ށް ލިބިފައިވާ ލިއުންތަކުން އެނގެ އެވެ. އެކަމަކު މި ވާހަކަ އަލްޖަޒީރާ ޑޮކިއުމެންޓްރީގައި އާއްމުވުމުން، އުމަރު އޮތީ ދޮގު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ރިލްވާން މައްސަލައިގައި ޔާމީން މެސެޖް ނުކުރައްވާ ކަމަށެވެ.

އަދީބު އަތުގައި ޖަވާބުތަކެއް!

ރިލްވާން ވަގަށް ނެގި މައްސަލައިގައި އޭރުގެ ސަރުކާރުން މާ ބޮޑު ސަމާލުކަމެއް ނުދޭ ކަން ހާމަވެ، ކުރި ތުހުމަތުތަކުގައި އެންމެންގެ ޝައްކު ހުއްޓުނީ އޭރުގެ ސަރުކާރުގައި އެންމެ ބާރާއި ނުފޫޒު ގަދަ ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނައިބު ރައީސަކަށް ވެވަޑައިގަތް އަހްމަދު އަދީބަށެވެ.

އެކަމަކު ރިލްވާން ގެއްލުނު މައްސަލައިގައި އަދީބުގެ ބައިވެރިވުމެއް އޮތް ކަން ނުވަތަ ނޫން ކަން ތަހުގީގީ އިދާރާއަކުން މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެ އެވެ. ނަމަވެސް ޔަގީންވާ ކަމަކީ މި މައްސަލައާ ގުޅުން ހުރި ބައެއް ކަންކަން އަދީބަށް އެނގިވަޑައިގަންނަވާ ކަމެވެ.

މި މައްސަލައިގައި އޭރު ސަރުކާރަށް ސިޔާސީ ގޮތުން ކުރިމަތިވި ޕްރެޝަރުތައް ކުޑަކުރަން އަދީބު ކަންތައްތަކެއް ކުރެއްވި ކަން "މިހާރު" އަށް ލިބުނު ލިއުންތަކެއްގައި ވެ އެވެ. ރިލްވާނާ ގުޅޭ ގޮތުން ސިޔާސީ ފަރާތްތަކުން ކުރާ މެސެޖްތަކާއި އާއިލާ އިން ބޭއްވި އެއްވުންތަކާއި އެ ނޫން ވެސް ހުރިހާ ކަމެއްގެ މައުލޫމާތު އަދީބު ގެންދެވީ ބަރާބަރަށް ބައްލަވަމުންނެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން: އޭނާ ގެއްލުވާލި މައްސަލަ އދ.ގެ ވޯކިން ގްރޫޕުން ވެސް ބެލި. --ފޮޓޯ: މިހާރު

ރިލްވާން ގެއްލުވާލި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންނާ އަދީބާ ގުޅުން އޮތް ކަމަށް ޝައްކު ކުރެވެ އެވެ.

މިކަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ކުރިއަށް ގެންދިޔަ ފަނޑިޔާރު އަބްދުﷲ ދީދީގެ ތަހުގީގުން ވެސް އެނގެން އެބަ އޮތެވެ. އެ ކޮމިޝަނަށް ފުލުހުން ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުން، ރިލްވާން ގެއްލުވާލި މައްސަލާގައި ހައްޔަރުކުރި ދެ މީހަކު ދޫކޮށްލުމާ ބެހޭ ގޮތުން މީހަކު "ސަސްޕެކްޓް 1" (އަދީބު)އާ މުއާމަލާތް ކުރެ އެވެ. ހައްޔަރުކުރި ދެ މީހުންގެ މައުލޫމާތު ފަނޑިޔާރު ދީދީއާ އަދީބު ހިއްސާކުރެ އެވެ. އޭގެ ތެރެއިން ސ. ހުޅުދޫ އަތިރިއާގޭ މުހައްމަދު ސުވައިދު ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ނިިންމައި، އޭނާ ދޫކޮށްލަން އޭރު ކްރިމިނަލް ކޯޓުން ނިންމީ ފަނޑިޔާރު ދީދީ ކަމަށް ތުހުމަތު ކުރެ އެވެ.

ރިލްވާނާ ގުޅޭ ގޮތުން އެކި މީހުންނާ އެކި ފަހަރު ފޯނުން އަދީބު މުއާމަލާތް ވެސް ކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި ފުލުހުންނާއި ސިފައިންގެ ބައެއް ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. މިއިން އެއްވެސް ވާހަކައެއްގައި ތަހުގީގު ކުރިއަށް ގެންދިއުމާ ގުޅޭ އެއްވެސް ވާހަކައެއް ދައްކަވާފައެއް ނުވެ އެވެ.

އާއިލާ އިން ކުރިން ތުހުމަތުކޮށްފައިވާ ގޮތަށް، ރިލްވާންގެ ޕާސްޕޯޓުގެ ކޮޕީއެއް ހޯއްދަވަން އަދީބު އުޅުއްވި އެވެ. ޕާސްޕޯޓުގައި ރިލްވާންގެ ފޮޓޯ ޖަހާފައިވާ ސޮފްހާގެ ކޮޕީއެއް ހޯދަން ހަވާލު ކުރައްވަނީ، "މިހާރު" އަށް އެނގިފައިވާ ގޮތުގައި، އެމްއެންޑީއެފްގެ ބޭފުޅަކާ އެވެ.

އޭނާ އަށް ކޮޕީއެއް ނުލިބުނު ނަމަވެސް ރިލްވާންގެ ކުރީގެ ޕާސްޕޯޓާއި ފަހުގެ ޕާސްޕޯޓުގައިވާ މައުލޫމާތުތައް ހޯދައި އަދީބަށް ފޮނުވި އެވެ. އޭގެތެރޭގައި ރިލްވާން އެންމެ ފަހުން ދަތުރު ކުރި ގައުމާއި ތާރީޚުތައް ހިމެނެ އެވެ. އޭގައިވާ ގޮތުން ރިލްވާން އެންމެ ފަހުން، ދަތުރު ކުރީ އިންޑިއާގެ ބެންގަލޫރަށެވެ. އެ ދަތުރަށް ފަހު ރާއްޖެ އައިސްފައި ވަނީ އޮކްޓޯބަރު، 2، 2011، ގަ އެވެ. އޭގެ ފަހުން ރާއްޖެ އިން ބޭރަށް ދަތުރެއް ނުކުރެ އެވެ.

ރިލްވާން އެއްވެސް ގައުމަކަށް އެތެރެވެއްޖެ ނަމަ އެ މައުލޫމާތު އެނގޭނެތޯ އަދީބު އެއްސެވުމުން އެކަން އޮންނަ ގޮތް ވެސް އޮފިސަރު ތަފްސީލްކޮށް ދެއްވަ އެވެ. އެފަދަ މައުލޫމާތު ގައުމުތަކުން ހިއްސާކުރާނީ ފުލުހުންނަށް ކަން ވެސް އަދީބަށް ކިޔައިދެއްވި އެވެ.

އިންތިޒާރު ރިޔާސީ ކޮމިޝަނާ ގުޅިފައި!

ރިލްވާންގެ މައްސަލަ ތަހުގީގު ކުރަން ކުރީގެ ސަރުކާރުން އިހުމާލުވީ ކަމަށް އެންމެ ބޮޑަށް ފާޑުކިއުން އަމާޒުކުރީ މި ސަރުކާރުގައި މިހާރު ތިއްބެވި އިސް ބޭފުޅުންނެވެ. ގޮތް ނޭނގޭ މަރުތަކާއި ވީ ނުވީއެއް ނޭނގި ގެއްލުނު މީހުންގެ މައްސަލަ ބަލަން ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދައިފަ އެވެ.

ރިލްވާންގެ އާއިލާ އިން މިހާރު އިންތިޒާރު ކުރަނީ އެ ކޮމިޝަންގެ ޖަވާބަކަށެވެ. އެންމެ އިސްކަމެއް ދީގެން އެ ކޮމިޝަނުން ތަހުގީގު ކުރާ އެއް މައްސަލަ އަކީ ރިލްވާނަށް ވީ ގޮތެއް ހޯދުމެވެ. ތަހުގީގުގައި އަދީބާ ވެސް ވަނީ ސުވާލުކޮށްފަ އެވެ.

ރިލްވާން ގެއްލުނު މައްސަލައިގެ ތަހުގީގަށް ފަހު ރިޕޯޓް ވެސް އޮތީ ތައްޔާރުކޮށްފަ އެވެ. އެ ރިޕޯޓް ނެރުން ލަސްވުމަކީ އާއިލާގެ ކަންބޮޑުވުމެކެވެ.

"ރިލްވާން ހޯދުމުގެ މަސައްކަތް މި ސަރުކާރުން ފެށުމާ އެކު ހިތްހަމަޖެހުމެއް ލިބުނު. އުއްމީދުކުރިން ކޮއްކޮ އަށް ވީ ގޮތެއް ވަރަށް އަވަހަށް އެނގޭނެ ކަމަށް. އަދިވެސް އުއްމީދު ކަނޑައެއް ނުލަން، އިންސާފު ލިބެންދެން އާއިލާ ދެމި ތިބޭނީ މި ގޮތުގައި،" ޝެހެނާޒް ބުންޏެވެ.

ރިލްވާނަށް އިންސާފު ހޯދައިދޭން ގޮވާލައި ބޭއްވި ހިނގާލުމެއްގައި މަންމަ އާއި ދައްތަ ހިތާމަފާޅުކުރަނީ. --ފޮޓޯ/މިހާރު

ތަހުގީގު ހިނގަނިކޮށް، މި މައްސަލައާ ގުޅުން ހުރި މީހުން ބޭރަށް ފުރައިގެން ގޮސްފައިވާތީ ވެސް އާއިލާ އިން ކަންބޮޑުވުން ފާޅުކުރެ އެވެ. ޖޭއެސްސީގެ ތަހުގީގުން ފަނޑިޔާރު ދީދީގެ މައްސަލަ ފެންމަތިވުމުން އޭނާ ފުރައިގެން ދިޔަ ނުދިއުމަށް އާއިލާ އިން ފުލުހުންނަށް ހުށަހެޅި ކަމަށް ޝެހެނާޒް ބުންޏެވެ.

މި ހުރިހާ ކަންކަމަކާ އެކު ވެސް އާއިލާގެ އުއްމީދަކީ ފަސް އަހަރުގެ ސުވާލުތަކަށް ޖަވާބެއް ލިބުމެވެ.

"އެންމެ ކުޑަ މިނުން އެ ކުއްޖާ އަށް ކަށު ނަމާދު ކުރެވޭނީ ވެސް މަރުވިތޯ ޔަގީން ވެގެން،" ޝެހެނާޒް ބުންޏެވެ.

ރިލްވާނަށް ވީ ގޮތެއް ނޭނގެނީސް އޭނާގެ މަންމަ އާއި އާއިލާ އަށް ހިތްހަމަޖެހުމެއް ނުލިބޭނެ އެވެ. ރިލްވާންގެ މަންމަ ބުނީ ތެދެކެވެ؛ އެ ހިތްދަތިކަން އިހްސާސްވާނީ އެކަން ދިމާވި ބަޔަކަށެވެ.