ކުރީ ސަރުކާރުގައި އެޗްއާރުސީމުން ވެފައިވާ އިހުމާލުތައް ބަލަންޖެހޭ: އެމްއާރުއެމް

ކުރީގެ ސަރުކާރުގައި ސިޔާސީ ބޭފުޅުންނަށް ލާއިންސާނީ އަނިޔާ ދިން އިރު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބީރުކަންފަތެއް ދީގެން އޮތީ ވަކި ބައެއްގެ ސިޔާސީ މަސްލަހަތު ނެގެހެއްޓުމަށް ކަމަށާއި އެ އިހުމާލުތައް ބަލައި ފިޔަވަޅު އަޅަން ޖެހޭ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފި އެވެ.


ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅިގެން އެމްއާރުއެމް އިން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ވެރިކަމުގައި އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރުމާއި އަސާސީ އިންސާނީ ހައްގުތައް ކުރިއެރުވުމުގެ މަސައްކަތް ވަޅު ޖެހި، އިންސާނީ ހައްގުތަކަށް އަރައިގަތުމަކީ ވަރިހަމަކޮށްލެވޭ އާދައިގެ ކަމަކަށްވެގެން ދިޔައީ ކަންބޮޑުވާ ދަރަޖައަކަށް ކަމަށެވެ. އަދި މުސްތަގިއްލު ކޮމިޝަންތައް އުފެއްދި ބޭނުން އޮޅޭ މިންވަރަށް ކޮމިޝަންތަކުން އިންސާނީ ހައްގުތަކަށް އިހްތިރާމް ކުޑަކުރި ކަމަށް ބަޔާނުގައިވެ އެވެ.

އެމްއާރުއެމް އިން ބުނި ގޮތުގައި އެޗްއާރުސީއެމަށް ހުށަހެޅި އެތައް ޝަކުވާތަކެއް ނިމިގެން ދިޔައީ އަސާސީ ހައްގުތައް ނިގުޅައިގަތުމުގެ އަމަލު ހިންގި މީހުންގެ މަސްލަހަތުގަ އެވެ. ސިޔާސީ ބޭފުޅުންނަށް ޖަލުގައި ދެމުންދިޔަ ލާއިންސާނީ އަނިޔާ އާއި ބޭއިންސާފު ޝަރީއަތްތަކާ މެދު އުފުލަމުން ދިޔަ ޝަކުވާތަކަށް އެޗްއާރުސީއެމުން ދިނީ ބީރުކަންފަތެއް ކަމަށް ވެސް އެމްއާރުއެމް އިން ބުންޏެވެ.

"އިންސާނީ ގަދަރާއި ކަރާމާތް ކުރިއަރުވައި، އެހެން އެއްވެސް ކަމަކަށް ރިއާޔަތްކުރުމެއް ނެތި، ހަމައެކަނި އިންސާނަކަށްވީތީ ލިބެންޖެހޭ ހައްގުތައް އޭގެ ފުރިހަމަ މާނައިގައި ލިބިދެވޭކަން ކަށަވަރުކުރުމުގެ ޒިންމާ މަތިކުރެވުނު ކޮމިޝަނުން، އިންސާނީ ހައްގުތަކުގެ ކުރިއަށް މަގާމާއި، ސިޔާސީ މަސްލަހަތު އިސްކުރިކަމީ، ދިވެހި ތާރީހުން ދުވަހަކު ވެސް ފޮހެވިގެން ނުދާނޭ އަނދިރި ބާބެކެވެ،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޗްއާރުސީއެމުން އަދާކުރި ދައުރަށް ފާޑު ކިޔަމުން ބަޔާނުގައިވެ އެވެ.

އެހެންވެ، އެޗްއާރުސީއެމުން ނިންމި ބޭއިންސާފު ނިންމުންތަކާއި އިހުމާލުތަކުގެ މައްސަލަތައް ބަލައި ހައްގުތައް ގެއްލުނު މީހުންނަށް އިންސާފު ހޯދައިދިނުމަކީ ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކަމަށާއި އިންސާނީ ހައްގުތަކަށް އަރައިގަތުމާއި، އެފަދަ ކަންކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް ނާޅައި އިހްމާލުވުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ވެފައި އޮތްއޮތުން ބަދަލު ކުރަން ޖެހޭ ކަމަށް އެމްއާރުއެމްގެ ބަޔާނުގައިވެ އެވެ.

އެމްއާރުއެމް އިން ބުނި ގޮތުގައި އެޗްއާރުސީއެމްއާ މެދުގައި ގެއްލިގެން ދިޔަ އިތުބާރު އަލުން ގާއިމު ކުރެވޭނީ ވޭތުވެދިޔަ ތަނުގައި އެޗްއާރުސީއެމުން ހިންގި އިހުމާލުގެ އަމަލުތައް ރަނގަޅަށް ބެލި، ހައްގު ގެއްލުނު މީހުންނަށް އިންސާފު ލިބިދެވިގެންނެވެ.

އަސާސީ އިންސާނީ ހައްގުތަކަށް އަރައިގަތުމާއި އިންސާނީ ހައްގުތައް ނެގެހެއްޓުމުގައި ޒިންމާ މަތިކުރެވިފައިވާ މީހުން އެ އިންމާއާ މެދު އިހުމާލުވުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަން ހުރިހާ އަމަލެއްގައި ވެސް ސާބިތުކޮށްދީ އެ ކަށަވަރުކަން ދެމެހެއްޓުމަށާއި އެފަދަ ކަންކަމުގައި ހަރުދަނާ ފިޔަވަޅުތައް އެޅޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް އެމްއާރުއެމް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ވޭތުވެދިޔަ ތަނުގައި ރާއްޖެ ތަޖުރިބާކުރި، އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް ތަކުރާރުވިޔަ ނުދިނުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި ހުރިހާ ސިޔާސީ ޕާޓީތަކުންނާއި އާންމު ރައްޔިތުންގެ ފަރާތުން ސަރުކާރަށް އެއްބާރުލުން ދިނުމަށް ވެސް އެމްއާރުއެމްގެ ބަޔާނުގައި ގޮވާލި އެވެ.