ތިން އިލްމުވެރިޔަކަށް ދީފައިވާ ދީނީ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ސަސްޕެންޑް ކޮށްފި އެވެ. އެ ތިން މީހުންގެ ހުއްދަ ވެސް ހިފެއްޓީ އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ދީނީ ގޮތުން ހަރުކަށި ފިކުރުތައް ފަތުރާތީ އެވެ.
އެ ތިން އިލްމުވެރިންނަކީ ނ. ޅޮހި މަނަދޫގޭ އަބްދުއްރަހީމް މުހަންމަދާއި ސ. މީދޫ ދެކުނުގޭ ޖައުފަރު ފާއިޒާއި ގދ. ތިނަދޫ ރެޑްސީ މުހަންމަދު ހަސަން އެވެ.
އިސްލާމިކް މިނިސްޓްރީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އަބްދުއްރަހީމާއި ޖައުފަރަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓާފައި ވަނީ އާންމުންގެ މެދުގައި ދީނީ ގޮތުން ބައިބައިވުން އުފެއްދުމާއި އަނިޔާވެރި ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތަކަށް މަގުފަހިވާ ގޮތަށް ދީނުގެ ނަމުގައި ވާހަކަ ދެއްކުމާއި ރާއްޖެއިން ބޭރުގައި ހިނގާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކަމުން އަންނާތީ އެވެ.
މުހަންމަދު ހަސަންގެ ހުއްދަ ހިފަހައްޓާފައި ވަނީ ދަންނަ ބޭކަލުގެ މެދުގައި ހިލާފު އުފެދިފައިވާ މައްސަލަތަކާ ބެހޭ ގޮތުން މުޖުތަމައުގައި ބައިބައިވުމާއި ފަސާދަ އަށް މަގުފަހިވާނެ ވާހަކަ ދެއްކުމާއި އިލްމުވެރިންނާ ދޭތެރޭ ހަގީގަތާ ހިލާފު ވާހަކަ ދެއްކުމާއި ދަންނަ ބޭކަލުންގެ އިޖުމާއުން އެނގެން ނެތް ކަންކަމުގައި ތިމާ އަމިއްލަ އަށް ދެކޭ ގޮތް އެއީ އިސްލާމް ދީނުގައި ހަމައެކަނި އޮތް ގޮތް ކަމަށް ވާހަކަ ދެއްކުމާއި ސޯޝަލް މީޑިޔާގައި ވެސް އެ ވާހަކަތައް އާންމު ކުރަމުންދާތީ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ރާއްޖޭގައި ހަރުކަށި ފިކުރުގެ ނުރައްކާތެރި 1400 އެއްހާ މީހުން ދިރިއުޅޭ ކަމަށާއި އެ މީހުންނަކީ ކޮންމެ ފަދަ ކަމެއް ވެސް ކުރަން ޖެހިލުން ނުވާ ވަރުގެ މީހުން ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފަ އެވެ. އަދި ސިފައިން ބުނެފައިވަނީ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރަން ތައްޔާރު ކަމަށެވެ. ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ވެސް ވިދާޅުވެފައިވަނީ ހަރުކަށި ފިކުރަށް ދޫދިނުމެއް ނެތް ކަމަށެވެ.