ރާއްޖޭގެ ގުދުރަތީ ރީތިކަން ސޯޝަލް މީޑިއާއަށް ގެނެސްދޭ ޝެޑޯ ޕާމް ގެސްޓްހައުސްގެ އާ ވީޑިއޯއެއް އަނެއްކާވެސް ވައިރަލްވެއްޖެ އެވެ. މިފަހަރު ފެންނަނީ ޓޫރިސްޓަކު މަޑިތަކަކާ އެކު ފަތާ މަންޒަރެވެ.
ޓޫރިސްޓަކު އެތައް ބައިވަރު މަޑިތަކަކާ އެކު ޝެޑޯ ޕާމުން ނެގި ވީޑިއޯއެއް، އެމެރިކަން ބްރޯޑްކާސްޓިން ކޮމްޕެނީ (އޭބީސީ) އިން މި މަހު 2 ވަނަ ދުވަހު ޓްވީޓް ކުރުމުން ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ.
އޭބީސީން އިއްޔެ ޓްވީޓްކުރި ވީޑިއޯއިން ފެންނަނީ ފިރިހެނަކު 14 ވަރަކަށް މަޑިއާ އެކު ފަތަނިކޮށެވެ. ލޮނުގަނޑު މަތީ އުއްޑުން ހަމަޖެހިލައިގެން އޮތް އިރު އޭނާގެ ގައި ދަށުންނާއި ވަށައިގެން މަޑިތައް ދަތުރުކުރެ އެވެ.
އޭބީސީގެ މި ފަހަރުގެ ވީޑިއޯ މިހާތަނަށް 45،000 އަށް ވުރެ ގިނަ ފަހަރު ބަލައިފި އެވެ.
އޭބީސީގެ ކެޕްޝަންގައި ވަނީ "ފިރިހެނަކު މަޑިތަކަކާ އެކު ރާއްޖޭގެ މޫދެއްގައި ފީނަނީ"، މިހެންނެވެ.
އެ ޓްވީޓަށް ރިޕުލައި ކުރި ބައެއް މީހުންގެ ނަޒަރުގައި "އެއީ ބިރުވެރި ކަމެކެ"ވެ.
ޝެޑޯ ޕާމްގެ އެކްސްކާޝަން މެނޭޖަރު ރައްޒާނު އަލީ ބުނީ އެއީ މި އަހަރުގެ އޮކްޓޫބަރު މަހު ނެގި ވީޑިއޯއެއް ކަމަށެވެ. ވ. ފުލިދޫ ގޮނޑުދޮށުގައި އެ ވީޑިއޯ ނަގަން މަޑިތައް އެއްކުރީ ކާނާ އުކައިގެން ކަމަށް ވެސް އޭނާ ބުންޏެވެ.
އެއީ ނުރައްކާތެރި ކަމެއް ކަމަށް ބައެއް މީހުން ބުނާ ވާހަކަތަކަށް ރައްޒާނުގެ ޖަވާބުކުރެވެ:
"އަހަރެމެން މިގޮތަށް މިކަން ކުރާތާ ހަތަރު އަހަރު ވެއްޖެ. އެއްވެސް ނުރައްކަލެއް ދިމައެއް ނުވޭ."
"ފީޑްކޮށްގެން މަޑި ގެނެސް ޝޫޓް މިކުރަނީ،،" ރައްޒާނު ބުންޏެވެ.
ޝެޑޯ ޕާމަކީ މާފުށީގައި ހިންގާ ގެސްޓް ހައުސްއެކެވެ. އެތަނުން އެކްސްކާޝަންއަށް ގެންދާ ޓޫރިސްޓުންނަށް ފެންނަ ރީތި މަންޒަރުތައް ސޯޝަލް މީޑިއާގައި އަންނަނީ ޝެއާކުރަމުންނެވެ. އެ ޕޯސްޓްތައް އާންމުންގެ މެދުގައި ވަރަށް މަގުބޫލެވެ.
އެ ޓީމުން ޑްރޯން އާއި އެންމެ ޒަމާނީ ވީޑިއޯ/އަދި ފޮޓޯ ކެމެރާތައް ގެންގުޅެ އެވެ. އެކަމަށް ބޮޑު އިންވެސްޓެއް ވެސް ވަނީ ކޮށްފަ އެވެ.