ތިލަފުށީގެ މަގުތައް މަރާމާތުކުރަން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ޕްރައިވެޓް ލިމިޓެޑް (ޖީއެމްއައިޒެޑް) އާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ޖީއެމްއައިޒެޑްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެތަނުގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ރަޝީދު އަބޫބަކުރާއި އާރްޑީސީގެ މެނޭޖިން ޑައިރެކްޓަރު މޫސާ އަލީ މަނިކެވެ. ތިލަފުށީގެ މަގުތައް މަރާމާތު ކުރަން 40 މިލިއަން ރުފިޔާ ހޭދަކުރާނެ ކަމަށް އާރްޑީސީގެ އެމްޑީ ވިދާޅުވި އެވެ.
ތިލަފުށީގެ މަގުތަކަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ގެންނަން އާރްޑީސީއާ ހަވާލުކޮށްފައި ވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުން ކަމަށް ޖީއެމްއައިޒެޑްގެ މެނޭޖަރު ވިދާޅުވި އެވެ. މިއީ ތިލަފުށީގެ މަގުތައް މަރާމާތުކުރަން ކުރަން ޖެހޭ މަސައްކަތްތައް ދެނެގަންނަން ވެފައިވާ އެއްބަސްވުމެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެށުމުގެ ކުރިން އިތުރު އެއްބަސްވުމެއްގައި ސޮއިކުރާނެ އެވެ.
ތިލަފުށީގައި ވިޔަފާރިވެރިންނަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ތިލަފުށީގެ މަގުތަކަށް ހާލަތު ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.
"ވިއްސާރަ މޫސުމުގަ ހަމަ ކަކޫތާ ފެނުގަ ގިނަ ފަހަރަށް ތިލަފުށީގެ ބައެއް ހިސާބުތަކުގައި އުޅެން މި ޖެހެނީ،" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.