އަލީމާއި އަފްޒަލްގެ ހިއްސާ އޮންނަ ކުންފުންޏެއްގެ އަތުން ފައިސާ ހޯދަން ދައުލަތުން ދައުވާކޮށްފި

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމާއި ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އަފްޒަލްގެ ހިއްސާ އޮންނަ ކުންފުންޏެއްގެ އަތުން 800،000 އަށް ވުރެ ގިނަ ރުފިޔާ ހޯދަން ދައުލަތުން ދައުވާކޮށްފި އެވެ.


ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ފްރީ ނެޓް ނަމަކަށް ކިޔާ އެ ކުންފުންޏާ ދެކޮޅަށް ދައުވާކުރީ އެ އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމްގެ ސޮފްޓްވެއާއެއް ހެދުމަށް 2017 ވަނަ އަހަރު އެ ކުންފުންޏާ ހަވާލުކުރި މަސައްކަތް ނިންމާފައި ނުވާތީ އެ މަސައްކަތަށް ޚަރަދުކުރި ފައިސާ ހޯދުމަށް ކަމަށެވެ.

އެ މަސައްކަތް ފްރީ ނެޓާ ހަވާލު ކުރުމަށް ފަހު އެ މަސައްކަތަށްވާ ފައިސާ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ދަށުން މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ފްރީ ނެޓަށް 2017 ވަނަ އަހަރު ދައްކާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އެކަމަކު ކަނޑައެޅި މުއްދަތުގައި އެ މަސައްކަތް ނިންމާފައި ނުވާ ކަމަށާއި އެކަމަށް އެންމެ ފަހުން ދިން މުއްދަތު މިދިޔަ ޖުލައި މަހު ހަމަވިއިރު ވެސް، އެ މަސައްކަތް ނިންމާފައިނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެހެންވެ، އެ މަސައްކަތް ނިންމާފައި ނުވާތީ އެކަމަށް ޚަރަދުކުރި 53،800 ޑޮލަރު (829،000ރ.) ދައުލަތަށް ދައްކަން އަމުރުކޮށް ދިނުމަށް އެ ދައުވާގައި އެދިފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަމެއް އޮތް ނަމަ، އެކަމެއް ތަހުގީގު ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓާ ޖެނެރަލްގެ އޮފީހުގައި ވެސް އެދިފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.