މާފަރު އެއާޕޯޓް ބޮޑުކުރަން ބިން ހިއްކުމުގެ ހުއްދަ އީޕީއޭ އިން ނުދިން

މާފަރު އެއާޕޯޓް ބޮޑުކުރަން ބޭނުންވާ ބިން ހިއްކުމުގެ ހުއްދަ ނުދޭން އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނިންމައިފި އެވެ.


މާފަރުގެ އެންވަޔަރްމެންޓް އިމްޕެކްޓް އެސެސްމެންޓް ހެދުމަށް ފަހު އީޕީއޭއިން ބުނީ މާފަރުން ބިން ހިއްކަަން ހުއްދަ ނުދޭން ނިންމީ ނުވަ ސަބަބަކާ ހެދި ކަމަށެވެ.

އޭގެ ތެރެއިން އެންމެ ބޮޑު އެއް ސަބަބަކީ ބިން ހިއްކައިފި ނަމަ މާފަރުގެ ފަޅުން ބޮޑު ސަރަހައްދެއް ގެއްލި ވަށައިގެންވާ ފަރަށް އޭގެ ނުބައި އަސަަރު ކުރުމެވެ. އަދި މުސްތަގުބަލުގައި އެރަށް ބޮޑުކުރަން ޖެހިއްޖެ ނަމަ ބޭނުން ކުރަން އޮތް ސަރަހައްދު ވެސް ގެއްލިގެން ދިއުމަކީ އީޕީއޭ އިން ހުއްދަ ނުދިން ސަބަބެކެވެ.

މާފަރުން ބިން ހިއްކައިފި ނަމަ ލިބޭނެ އަނެއް ގެއްލުމަކީ، އީޕީއޭއިން ބުނި ގޮތުގައި، އެއީ ވެލާ ބިސް އަޅަން އަރާ މަޝްހޫރު ރަށަކަށް ވުމެވެ. ބިން ހިއްކަން ހުށަހަޅާފައި އޮތީ ދިގު މުއްދަތެއް ހޭދަވާނެ ގޮތެއް ކަމަށް ވާތީ ތިމާވެއްޓަށް ލިބޭނެ ގެއްލުން ބޮޑުވާނެ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

ވެލާގެ ވާހަކަ އީޕީއޭގެ ރިޕޯޓްގައި ފާހަގަކޮށްފައި އޮތް އިރު މި އަހަރުގެ އެޕްރީލް މަހު، ގިނަ ބަޔަކަށް ވަރަށް އަސަރުކުރި ހާދިސާއެއް ހިނގާފައިވެ އެވެ. މާފަރު އެއާޕޯޓް ރަންވޭއަށް ވަލައެއް ބިސް އަޅައިގެން އުޅޭ ތަނުގެ ފޮޓޯ އިން ޔަގީންކޮށްދިނީ، ބިން ހިއްކުމުގެ ސަބަބުން ތިމާވެއްޓަށާއި ކަނޑުގެ ދިރުންތަކަށް ކުރާ އަސަރެވެ.

ރަންވޭ މަތިން ވެލާ ނަގައިގެން ގެންގޮސް މޫދަށް ދޫކޮށްލި ނަމަވެސް އޭގެ ފަސް ދުވަސް ފަހުން އެ ވެލާ މަރުވެފައި އޮއްވާ ފެނުނެވެ.

"ބިން ހިއްކުމުގެ މަސަައްކަތް ކޮށްފި ނަމަ މާފަރު ފަޅުން ބޮޑު ސަރަހައްދެއް ދާއިމީ ގޮތަކަށް ގެއްލިގެން ދާނެ އެވެ. އަދި އޭގެ ސަބަބުން ވަށައިގެންވާ ފަރުގެ އިކޯސިސްޓަމް އަށް ނުބައި އަސަރުކުރާނެ އެވެ،" އީޕީއޭގެ ރިޕޯޓްގައި ބުނެފައިވެ އެވެ.

އީޕީއޭ އިން ބުނީ މާފަރުން ބިން ހިއްކަން ހުށަހަޅާފައި ވަނީ އެކަން ކޮށްފި ނަމަ ލިބޭނެ ގެއްލުމާ އަޅާބަލާއިރު އެކަށީގެންވާ ސަބަބުތަކެއް ނޫން ކަމަށެވެ. ބިން ހިއްކަން ބޭނުންވާ ސަބަބެއް ކަމަށް ބުނެފައި ވަނީ ބޮއިން 777 މަރުކާގެ މަތިންދާ ބޯޓް ޖެއްސޭ ވަރަށް އެއާޕޯޓް ބޮޑުކުރުމެވެ. އެކަމަކު އެވަރުގެ ބޯޓުތައް އެއާޕޯޓަށް ޖައްސާނީ ކިހާ ވަރަކަށްކަން ނޭނގޭ ކަމަށް އީޕީއޭ އިން ބުންޏެވެ.

މި މަހު 1 ގައި މާފަރު އެއާޕޯޓް ރަސްމީކޮށް ވަނީ ހުޅުވައިފަ އެވެ.